"އަދި، ނަރަކައަށް ތިއަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކައަކީ، ކާފިރުންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ." (އާލްޢިމްރާން: 131)
ﷲ ތައާލާގެ އަމުރުފުލަކީ މިއީއެވެ. ހަމަ އެއާއިއެކު ނަރަކައިން ސަލާމަތްވެވޭނެ ގޮތްތައް ކީރިތި ޤުރްޢާނުގެ އެތައް އާޔަތެއްގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. އެއިގެ ތެރެއިން އަންނަނިވި އާޔަތަށް ވިސްނައިލާށެވެ!
"ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިއަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، ﷲ، ތިއަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިއަބައިމީހުންނަށްޓަކައި، ތިއަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 31)
ﷲ ތަޢާލާ ވަހީކުރައްވަވާފައި އެވަނީ އެކަލާނގެއަށް ލޯބިވާކަމުގައި ވަނީނަމަ، ރަސޫލް (ޞޢވ) އަށް ފުރިހަމައަށް ތަބަޢަވުމަށެވެ. އަދި އެއިރުން ﷲ، އެމީހަކު ދެކެ ލޯބިވެވޮޑިގެންވާނެ ކަމަށާއި އަދި، އެއިރުން އަހަރެމެންނަށްޓަކައި، އަހަރެމެންގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމަށެވެ. އަދި ﷲ ތަޢާލާ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމަށެވެ.
މިފަދަ އެތައް ވަހީ ބަސްފުޅުތަކެއް ހުރިއިރުވެސް ﷲ ތަޢާލާ އަށް ލޯބިވާކަން ހާމަކުރަން އަހަރެމެންނަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ރަސޫލް (ޞޢވ)ގެ ސުންނަތަށް އެބަ ތަބަޢަވެވޭ ހެއްޔެވެ؟ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުކުރަން ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ފާފަތައް ފުސއްސަވައި ދެއްވެވުން އެދި ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ތިމަން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމަށާއި ފާފަތައް ފުއްސަވައި ދެއްވަވާނެ ގޮތަށް އަމަލުތައް ބަހައްޓަން ކުރައްވަވާފައިވާ އަމުރުފުޅު އަޑު އިވެނީ ކިތައް މީޙުންނަށް ހެއްޔެވެ؟
ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ނަރަކައަށް ބިރުވެތިވުމަށެވެ! ގިނަ ބައަކަށް އަދިވެސް ބިރުވެތި މިވެވެނީ ﷲ ތައާލާގެ މަޚްލޫޤުންތަކުގެ ތެރެއިން ލޮލަސްވެސް ނުފެންނަ ވަރުގެ ކުޑަކުޑަ މަޚްލޫޤެއް ދެކެއެވެ. ކޮރޯނާ ވައިރަސް ދެކެއެވެ. ދެން މިކަން ދެކޮޅު ޖައްސާނީވެސް ކިހިނަކުން ހެއްޔެވެ؟ އެކަމެއް ނުކުރެވޭނެ ނޫން ހެއްޔެވެ؟
ޙައްލަކީ ކޮރޯނާ ދެކެ ބިރުގަތުމުގެ ބަދަލުގައި ނަރަކައަށް ބިރުގަތުމެވެ! އެ ނޫން އެއްވެސް ޙައްލެއް ނެތްކަން ކޮރޯނާ އެދަނީ ސާބިތުކޮށްދެމުންނެވެ. 2 ވަނަ ފަހަރު ޕޮޒިޓިވްވާ ފަދައިން 3 ވަނަ 4 ވަނަ ފަހަރުވެސް ޕޮޒިޓިވްވުން ހުއްޓުވޭނީ ކާކަށް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން