ކޮރޯނާ ވައިރަސްގެ ވަބާގެ ސަބަބުން އާމްދަނީ ލިބުން މިވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. ކުރިން ދިރިއުޅެމުން އައި ތަނަވަސްކަމުގައި ދިރިއުޅެން ހުރަސްތައް ކުރިމަތިވެފައެވެ. ދަތިތައް ކުރިމަތިވެފައި މިވަނީ ހަމައެކަނި ޖަހައި އުޅުނު އަގުބޮޑު ސެންޓާއި އެނޫންވެސް އެފަދަ ތަކެތި ގަތުމަކަށް ނޫނެވެ.
ރެސްޓޯރަންޓުތަކުން ކަމުން އައި އަގު ބޮޑު ކެއުން ކެއުމަކަށްވެސް ނޫނެވެ. އެތަންތަން ބަނަދުކުރަން ޖެހުނުކަން އެއީ ވެސް ޢިބްރަތެއް ކަމަށް ދެކޭށެވެ! މިއަދު މިވަނީ ޢާންމުކޮށް ކައިއުޅުނު ކާނާ ކެއުމަށްވެސް ދަތިތައް ކުރިމަތިވެފައެވެ. ލައިއުޅުނު ރީތި އަގު ބޮޑު ފޭރާން ލާންވެސް ދަތިތައް ކުރިމަތިވެފައެވެ.
މިފަދަ ވަގުތުތަކުގައި ޝައިޠޯނާ އޭނާގެ މަސައްކަތްތަކުގެ ސްޕީޑް މެކުހަށް ޖަހާނެއެވެ. ވައްކަން ކުރަން ބުނާނެއެވެ. ޙަރާމް ގޮތްގޮތުން ފަސޭހަމަގުން ފައިސާ ހޯދަން ހިތްވަރުދޭނެއެވެ. އެމަޅީގައި އެންމެ ފަސޭހައިން ޖެހެވޭނީ އަންހެނުންނަށެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަންކަން ހިނގަމުން އަންނަ ގޮތެވެ. އެކަމަށް އެކަނބަލުންނަށް އޮންނަ ފުރުޞަތުވެސް ފަސޭހަވުމުންނެވެ.
ލޮބުވެތި ކަނބަލުންނޭވެ! ފައިސާގެ ދަތިކަން ކުރިމަތިވީ މިފަދަ ވަގުތުގައި ފަސޭހަމަގުން ފައިސާ ހޯދަން ﷲ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމަކަށް އަރައި ނުގަންނާށެވެ! އެނބުރި ދާން ޖެހޭނީ ﷲ ގެ ޙަޟްރަތަށެވެ. ހައިހޫނުކަމަށްވުރެ ނަރަކައިގެ އަލިފާނުގެ ހޫނު މާގަދަވާނެއެވެ.
ހަރާމް ގޮތުގަ ފައިސާ ހޯދައިގެން އަރަންޖެހޭނީ އަލިފާނުގެ ފައިވާނަށެވެ! ލާންޖެހޭނީ އަލިފާނުގެ ފޭރާމެވެ. ގައަށް ޖެހޭ ސެންޓުވެސް ވާނީ ހަމަ އަލިފާނުގެ ސްޕްރޭއަށެވެ. ކާތަކެތި ވާނީ އަލިފާނަށެވެ! އެއަލިފާނުގެ ހޫނުކަން މިދުނިޔޭގައި އިޙްޞާޞް ނުކުރެވިދާނެއެވެ. ނަމަވެސް އާޚިރަތް ދުވަހު އެ އަލިފާނުގެ ހޫނުކަން ދުނިޔޭގެ އަލިފާނަސްވުރެ 69 ގުނަ ހޫނުކަން އިތުރުވެގެން ބައްދަލުކުރާނެކަން އޮތީ ފެންނާށެވެ.
މުޅި އުމުރު ދަތިޙާލުގައި ދުނިޔޭގައި ހޭދަކުރަން ޖެހުނު ނަމަވެސް އެއީ ނަރަކައިގެ އަލިފާނުގެ އަސަރު ވައިރޯޅިއެއް ފަދައިން ބީހުލުމާއި އަޅައިބަލާއިރު ވެސް އެއްވެސް ދަތިކަމެއް ނޫނެވެ. ވީއިރު ނަރަކައަށް ވަންނަން ޖެހިއްޖެ މީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟
އެންމެހައި މީސްތަކުންނޭވެ! ބަނޑަށް މަރުވި ނަމަވެސް ވައްކަން ނުކުރާށެވެ! ބަނޑަށް ޙަރާމް ތަކެތި ނުއަޅާށެވެ! ތިމާ އާއި ތިމާގެ އަނބިދަރިންނާއި ޢާއިލާގެ މީހުންގެ ބަނޑަށް އަލިފާން ނުއަޅާށެވެ. ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ތިމާ އާއި ތިމާގެ އަނބިދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމަށެވެ.
ކެތްތެރިކަން އިސްކުރާށެވެ! ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން