މާބަނޑު ދުވަސްވަރު ފައި އަކުނިވަޔަށް ދެމުމަކީ އާއްމުކޮށް ވަރަށް ގިނަ އަންހެނުންނަށް ކުރިމަތިލާންޖެހޭ ކަމެކެވެ.
އެމެރިކާގެ ސިއްޙީ ބައެއް ތަޖުރިބާކާރުން ބުނި ގޮތުގައި މާބަނޑުވާ އަންހެނުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނައީ ފައި އަކުނިވަޔަށް ދަމުމުގެ މައްސަލައާއި ކުރިމަތިވާ މީހުންނެވެ.
ފައި އަކުނިވަޔަށް ދެމުމަކީ ކުއްލި ކުއްލިއަށް ފައިގެ ކުޑަކަޅުވައަށް ނުވަތަ ކުޑަކަޅުވައިގެ މަސްތަކަށް އަރާ ބާރެކެވެ. އާއްމުކޮށް މިފަދައިން އަކުނިވަޔަށް ދަމާނީ ރޭގަނޑު އެވެ. ބައެއް މާބަނޑު އަންހެނުންގެ ފައި އަކުނިވަޔަށް ދަމަން ފެށުމުން އެތަދު އުނަގަނޑަށާއި ބުރަކަށްޓާއި، އަތާއި ފައިތިލައަށް ވެސް އަރައެވެ.
މާބަނޑު ދުވަސްވަރު ފައި އަކުނިވަޔަށް ދަމަނީ ސީދާ ކީއްވެ ކަމެއް އަދި ކަމާއިބެހޭ މާހިރުންނަށް ހޯދިފައި ނެތްނަމަވެސް، އަކުނިވަޔަށް ދަމަނީނަމަ ކުރުން ރަނގަޅު ބައެއް ކަންކަން ކިޔައިދީފައިވެއެވެ.
1. ހިނގުން ނުވަތަ ހަށިގަނޑު ދަމާލުން
ޖާރނަލް އޮފް ފިޒިއޮތެރަޕީ ގައި 2012 ވަނަ އަހަރު ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ކޮންމެ ރެއަކު ނިދުމުގެ ކުރިން 30 ވަރަކަށް މިނެޓު ހިނގާލުމުން ނުވަތަ ހަށިގަނޑު ދަމާލުމުން ފައި އަކުނިވަޔަށް ދެމުމުން ސަލާމަތްވާނެ ކަމަށެވެ.
ހަށިގަނޑު ދަމާލުމަށްޓަކައި ތަޅުންގަނޑު ނުވަތަ ހަރު ތަނެއްގައި ކޮޅަށް ހުރުމަށްފަހު ދެ އަތް މައްޗަށް ނަގާފައި، ފައިގެ އިނގިލިތަކުގެ ބާރުގައި ކޮޅަށް ހުރެވޭ ގޮތަށް ހަށިގަނޑު މައްޗަށް ހިއްލާލާށެވެ.
މިފަދައިން 15 ނުވަތަ 20 ފަހަރު ހަދާލުން މުހިންމެވެ. އެއަށްފަހު އިށީންދެފަވެސް ކުޑަ ވަގުތުކޮޅަކަށް ފައި ދަމާލާށެވެ.
2. އައިސް ޕެކް
މާބަނޑު ދުވަސްވަރު އަކުނިވަޔަށް ދަމަށްފަށާނަމަ، އަކުނިވަޔަށް ދަމާ ތަނުގައި ގަނޑުފެން ނުވަތަ އައިސް ޕެކެއް އެޅުމުން، އެތަދުން ލުޔެއް ލިބެން ފަށާނެއެވެ. އަކުނިވަޔަށް ދަމާ ތަން ފިނިކޮށްލުމުން ތަދު ކުޑަވުމުގެ އިތުރުން ތަދުވާ ސަރަަޙައްދުގައި ހުންނަ މަސްތަކަށް ވެސް އަރާމުވާން ފަށާނެއެވެ.
އައިސް ޕެކް ނުވަތަ ގަނޑުފެން ތިވާލިކޮޅަކަށްލާ އޮޅާލުމަށްފަހު އަކުނިވަޔަށްދަމާ ތަނުގައި މަޑުމަޑުން ބޮނޑިތާން ކޮށްލާށެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު މިފަދައިން ހަދަންވާނެއެވެ.
3. ހޫނު ފެނުން ބޮނޑިތާން ކުރުން
ފިނި ކުރުމުގެ އިތުރުން، އަކުނި ވަޔަށްދަމާ ތަން ހޫނު ފެނުން ބޮނޑިތާން ކޮށްލުމުން ވެސް ލުއިކަން ލިބެން ފަށާނެއެވެ. ނަމަވެސް ފެނުގެ ހޫނުމިން ބަހައްޓަންވާނީ އާދައިގެ ވަރަކަށެވެ. ފައި ފިހޭ ވަރަކަށް ނޫނެވެ.