ގޭގަ ނަމާދުކުރަން ޖެހުމުން ބައެއް އަނބިން އެމީހުންގެ ފިރިންނަށް ޚާއްޞަ މެސެޖުތަކެއް ދޭން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ގޭގަ ނަމާދުކުރަން ޖެހުމުން ބައެއް އަނބިން އެމީހުންގެ ފިރިންނަށް ޚާއްޞަ މެސެޖުތަކެއް ދޭން ފަށައިފި!

"މާތް ﷲ ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަވަނީ ޙިކުމަތަކަށެވެ. އެގޮތުން މިއަދު އަހަރެމެންގެ ފިރިންނަށް ގޭގައި ނަމާދުކުރަން ޖެހިފައިވުމަކީ އެމީހުންނަށް ވަރަށް ގިނަ ކަންކަން އެނގިގެންދާނެ ކަމެކެވެ. ދަރިން ގޮވައިގެން އުޅޭއިރު ނަމާދުކުރަން ފިރިންގެ އެހީތެރިކަން ބޭނުންވާ މިންވަރު މިއަދު އެމީހުންނަށް ފެންނާނެއެވެ. އިޙްޞާޞް ވެސް ކުރެވޭނެއެވެ."  

"ގިނަ ފިރިން ދެކެނީ އެމީހުންނަށް މިސްކިތުގަ ނަމާދުކޮށްލެވުމުން ހުރިހާ ކަމެއް ފުދުނީ ކަމަށެވެ. އަނބިންގެ ނަމާދާއިމެދު ވިސްނަނީ މަދު ފިރިއެކެވެ. މިއަދަކީ ޢިބްރަތް ޙާޞިލުކުރަންވީ ދުވަހެވެ. އަނބިންނަށް ނަމާދުކުރަން ފުރުޞަތު ފަހިކޮށްދޭން ޖެހޭނެކަން އިތުރަށް ވިސްނަން ލިބިފައިވާ ފުރުޞަތެކެވެ. ދެންވެސް އޮތީ މިއީ އެކަމަށް މާތް ﷲ ދެއްވެވި ފުރުޞަތެއް ކަމަށް ޤަބޫލުކޮށް ޢިބްރަތް ޙާޞިލުކުރުމެވެ. ނަމާދުކުރަން އަހަރެމެންނަށް އެހީތެރިވުމެވެ."  

ބައެއް އަންހެނުން މިފަދަ ބަސްތައް އެބުނަނީ އެމީހުން ނަމާދުކުރަން އެމީހުންގެ ފިރިންގެ އެހީތެރިކަން ނުލިބޭތީއެވެ. ގެއިން ބޭރުގައި ބޭކާރު ގޮތުގައި ވަގުތުތައް ހޭދަކުރާތީއެވެ. ކުރާ މަސައްކަތެއް ނިމުމުން އަވަހަށް ގެއަށް ގޮސް އަނބިމީހާއަށް އެހީތެރި ނުވާތީއެވެ.  

ކުދި ދަރިންތަކެއް ގޮވައިގެން ދިރިއުޅޭއިރު ނަމާދުކުރަން ފިރިންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އެވގުތު ދަރިންގެ ކަންކަން ބަލަހައްޓައިދޭން ބޭނުންވެއެވެ. ތިމާ ނަމާދުކުރުމަކުން އަދި ނުފުދެއެވެ. އަނބިދަރިން ލައްވައި ނަމާދުކުރުވަންވެސް ޖެހެއެވެ. އެކަމަށް ހިތްވަރުދީ އަދި އެހީތެރިވެސްވާން ޖެހެއެވެ.   

ތިމާގެ މައްޗަށް ނަމާދުކުރުން ވާޖިބުވާ ފަދައިން އަނބިދަރިން ލައްވައި ނަމާދުކުރުވުންވެސް ވާޖިބުވެއެވެ. އެއީ ވެސް ހަމަ އަދާކުރަން ޖެހޭ ވާޖިބެކެވެ. ނޫން ނަމަ އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހު އުފުލަންޖެހޭނެއެވެ.  

އައްނިސާ ސޫރަތުގެ 34 ވަނަ އާޔަތް ބަލާށެވެ! " ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމް ވެގެންތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބައެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ...." 

އަނބިމީހާގެ ޙައްޤުތަކަސް ރައްކައުތެރިވުމުގެ އަމުރުފުޅުން އެންމެ ކުރިއަސް ނެރެން ޖެހޭނީ އެކަނބަލުންނަށް ނަމާދުކުރުމާއި އެހެނިހެން އަޅުކަން ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެކަން ނުކުރެވޭނަމަ ފިރިމީހާއަށް ލިބިގެންވާ އިސްކަމުގެ ބޭނުން އެ ހިފެނީ އެންމެ ރަނގަޅު ގޮތުގައެއް ނޫނެވެ. އެކަން ފުރިހަަމކޮށް ނުދެވޭނަމަ ފިރިމީހާ އެވަނީ އޭނާގެ ވާޖިބު އަދާކުރުމުގައި ވަރަށް ބޮޑަށް ފޭލްވެފައެވެ.  

ވީމާ މިފަދަ ކަންކަމަށް ހުރިހާ ފިރިހެނުންވެސް ރަނގަޅަށް ވިސްނާށެވެ! ﷲ ތަޢާލާ އަންގަވާފަދައިން ދިރިއުޅެމުން ގެންދާ މީހަކަށްވާށެވެ! އަނބިދަރިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާ މީހަކަށްވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން