ކޮރޯނާ ވައިރަސް އާއި ގުޅުވައިގެން މިވެނިކަމެއް މިހެންވާނެ ކަމަށް ބައެއް ޢިއްޒަތްތެރިން ވިދާޅުވަމުން ގެންދަވާތީ އެކަން ކޮޕީކޮށް ރައްޔިތުންވެސް އެފަދަ ބަސްތައް ހަމަ އެ ޢިބާރާތުން ބުނަމުން އެބަ ގެންދެއެވެ.
ކުރެވޭ ދިރާސާތަކުގެ މައްޗަށް ނަމަވެސް ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށް ނަމަވެސް ބަސްބުނަން ޖެހޭނީ ﷲ އެންގެވި ގޮތަށެވެ. ޣައިބް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ކަމާއި އިރާދަފުޅާއި ނުލައި ބަސް ނުބުނުމަށް ކީރިތި ޤުރްއާނުގައި އެބައޮތެވެ.
ރޭ ދަރުބާރުގޭގައި ޑޮކްޓަރ ފާޠީމަތު ނަޒްލާ އެވިދާޅުވީ އެންމެ ރަނގަޅު ޢިބާރާތެވެ. "މިވެނި ކަމެއް މިހެން ވެއްޖެ ނަމަ މިވެނި ނަތީޖާއެއް ނުކުމެދާނެކަމަށް މި ދިރާސާއިން ދައްކައެވެ." އިންސާނުންނަށް ﷲ ދެއްވެވި ޢިލްމުގެ ބޭނުންކޮށްގެން ކުރެވޭ ދިރާސާތަކާއި ގުޅިގެން ހާމަކުރަން ޖެހޭނީ މިފަދައިންނެވެ.
މީގެ ކުރިން ދުނިޔޭގައި ފެތުރުނު ބަލިތަކާއި ގުޅިގެން ކަންކަން ހިނގައިދިއަ ގޮތަށް ބެލި ނަމަވެސް އެއް ގެއެއްގައި ދިރިއުޅޭ އެތައް ބައެއްގެ ތެރެއިން އެންމެ މީހަކަށްވެސް ބަލި ޖެހިފައި އެބަހުއްޓެވެ. ހަމަ އެއްގެއެއްގެ ގިނަ ބައަކަށް ބަލި ޖެހިފައި މަދު ބައަކު ސީރިއަސްވެ އަދި އެންމެ މީހަކު މަރުވެފައިވެސް އެބަހުއްޓެވެ. ހަމަ އެފަދައިން ބައެއް ގޭގެ އެންމެން މަރުވެފައިވެސް އެބަހުއްޓެވެ.
ބަލި ޖެހުމާއި ޝިފާ ލިބުމާއި މަރުވުމަކީ އެއްވެސް މީހެއްގެ ބާރު ހިނގާ ކަންކަމެއް ނޫނެވެ. އެކަންކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާޢަށް ކަމުގައި ޔަޤީންކޮށް ހިތުގެ އަޑިން ޤަބޫލުކުރުމަކީ އީމާންކަމުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ. އެކަންކަން ޤަބޫލު ނުކުރެވި އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.
ކޮންމެ ކަމެއް ކުރާއިރުވެސް އަބަދުވެސް ކުރަން މަސައްކަތްކުރަންވާނީ ﷲ އެންގެވި ގޮތަށެވެ. މީސްތަކުންނަށް މުޞީބާތްތައް ކުރިމަތިވެ ދަތި ޙާލުގައި ޖެހޭ ވަގުތުތަކުގައި އޮތީ ކިޔަމަންތެރިކަން އިތުރުކުރުމެވެ. އެއްވެސް މީހަކަށް ނުވަތަ ބައަކަށް ﷲ މިންވަރު ކުރައްވަވާނެ ނިޢްމަތްތަކަކީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ.
ވީމާ ދުލާއި ގަލަމުން އަދި ސޯޝަލް މީޑިއާގައި ލިޔާ ލިޔުންތަކުގައި ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ! ﷲ ގެ ރަހްމަތަށް އެދިއެދި ތިބޭށެވެ! ދުޢާކުރުން ގިނަކުރާށެވެ! ﷲ ކުރިމަތިކުރައްވަވައިފި މުޞީބާތަކުން ސަލާމަތްކޮށްދެވޭނެ ﷲ ނޫން ފަރާތެއް ނުވާ ފަދައިން ﷲ ލެއްވެވި ރަޙްމަތަކުން މަޙްރޫމް ކުރެވޭނެ ފަރާތެއްވެސް ނުވެއެވެ.
މިވަގުތަކީ ވަރަށް ގިނަ ބައަކު އެމީހުންގެ ބަސްތައް ހާމަކުރަމުން ގެންދާނެ ވަގުތެކެވެ. ވީމާ މި ބަޔާން ކުރިފަދައިން ﷲ ވާގިފުޅާއިއެކު ކުރިއަށް ލައިގެން ނޫނީ ބަސްތައް ބުނެ ހާމަނުކުރާށެވެ! ވާނެ ގޮތާއި ވާން ހުރި ކަންކަން އެނގޭކަމަށް ހެދިގެންވެސް ބަސްތައް ނުބުނާށެވެ! އަހަރެމެން އިންސާނުންނަކީ އެއްވެސް ބާރެއް ލިބިގެންވާ ބައެއް ނޫނެވެ. އެންމެހައި ބާރުތަކެއް މިލްކުވެވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ.
ދިވެހިރާއްޖެއަށް، ދިވެހިންނަށް އަބަދުވެސް ﷲ ގެ ރަޙްމަތްފުޅު ކިތަންމެހައިވެސް ބޮޑެވެ. ކޮރޯނާގެ ވަބާގައިވެސް ﷲ ގެ ރަހްމަތްފުޅު ލިބިގެންދާނެކަމަށް ޔަޤީންކޮށް އެކަލާނގެއާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރާށެވެ!
- ޝައިޚް އިބްރާހީމް ފަރީދު