ތިބާ އެންމެ ލޯބިވާ ތިބާގެ ލޮލަކީ ތިބާ ނަރައަށް އެއްލައިލެވޭ ގުނަވަނަށް ނުހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ތިބާ އެންމެ ލޯބިވާ ތިބާގެ ލޮލަކީ ތިބާ ނަރައަށް އެއްލައިލެވޭ ގުނަވަނަށް ނުހަދާށެވެ!

ﷲ ތަޢާލާ ދެއްވަވާފައި ނުވާ ވަރަށް މިނިވަންކަމުގެ ބޭނުން ކުރަމުން ވަރަށް ގިނަ ދުވަހު ދުނިޔޭގައި އުޅުނު ފަހުން އެމިނިވަންކަން މިއަދު މިވަނީ ﷲ ތަޢާލާ ވަރަށް ބޮޑަށް ކުޑަ ކުރައްވަވައިފައެވެ. ނަތީޖާއަކީ އެންމެންނަށް ގޭގައި ބަންދުވެގެން ތިބެން ޖެހުމެވެ. 

މިއީ ކިތަންމެ ވަރުގަދަ އަދި ޢިބްރަތްތެރި ފިލާވަލެއް ނަމަވެސް އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މީޙަކަށެވެ. ގިނަ ބައަކު އަދިވެސް ގޭގައި ތިބެގެން ގެންދަނީ ފާފަތަކަށް އަރައިގަންނަމުންނެވެ. އެގޮތުން އެންމެ ގިނަ ބައަކު ފާފަތަކަށް އަރައިގަންނަން ބޭނުން ކުރަނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ދެލޮލެވެ. 

ގޭގައި ތިބެގެން ފޯނުންނާއި އެނޫންވެސް ގޮތްގޮތުން ﷲ ތަޢާލާ ބެލުން ޙަރާމް ކުރައްވަވާފައިވާ ކަންކަން ބަލަމުން ގެންދާތީއެވެ. ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ބެލުމުގެ އިތުރުން ވެސް ނުބައި އަމަލުތައް ދެލޮލުން ކުރަމުން ގެންދާތީއެވެ. 

މީސްތަކުންނޭވެ! ޒިނޭކުރެވެނީ ހަމައެކަނި ގުނަވަނަކުން ނޫނެވެ! އަޢުރައަށް ބެލުމަކީ ލޮލުން ކުރެވޭ ޒިނޭއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވެވީ ހަމައެކަނި ޒިނޭ ނުކުރުމަކަށް ނޫނެވެ. ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ. 

"އަދި ތިއަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." (އަލްއިސްރާ: 32)

ޒިނޭ އާއި ކައިރި ނުވުމަށް ކުރަން ޖެހޭ ކަންކަން ވެސް ﷲ ތަޢާލާ ވަނީ ވަޙީ  ކުރައްވަވައިފައެވެ. އަންނޫރު ސޫރަތުގެ އަންނަނިވި 2 އާޔަތަށް ވިސްނައިލާށެވެ! އަދި އަމަލުވެސް ކުރާށެވެ! 

"މުއްމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖް ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠޯހިރު ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަންނޫރު: 30)  

"އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖް ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިއަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އންނޫރު: 31) 

މި 2 އާޔަތުގައި ބެލުންތައް ތިރިކުރަން ކުރައްވަވާފައި އެވާ އަމުރުފުޅަކީ ހަމައެކަނި މަގުމަތީގައި އެކަން ކުރުމަށް އޮތް އަމުރުފުޅެއް ނޫނެވެ. އެމީހަކު ހުރި ކޮންމެ ތަނެއްގައި ވެސް އަމަލުކުރަން ޖެހޭ އަމުރުފުޅެކެވެ. އެކަނި ކޮޓަރީގައި ހުރެގެންވެސް މެއެވެ. 

މީސްތަކުންނޭވެ! ކޮންމެ މީހަކު އެމީހެއްގެ ދެ ލޯ ދެކެ އިންތިހާއަށް ލޯބިވާނެއެވެ. ދެ ލޯ ސަލާމަތުން ބަހައްޓަން ބޭނުންވާނެއެވެ. އެހެންކަމަށްވާއިރު ފުރަތަމަ ކަމަކަށް ތިމާގެ ދެލޮލަށް ސަލާމަތްކަން ދޭށެވެ! ލޯ ލައްވަވައި ފާތައް ނުކުރުވާށެވެ! ތިމާ އެންމެ ލޯބިވާ ދެ ލޯ ބޭނުންކޮށްގެން ފާފަތައް ނުކުރުވާށެވެ! އެންމެ ލޯބިވާ ދެ ލޮލަކީ ތިމާ ނަރަކައަށް އެއްލައިލެވޭ ސަބަބުކަމަށް ވިއަނުދޭށެވެ! އެކަން ކުރެވޭނީ މި ދެ އާޔަތަށް ޢަމަލުކޮށްގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

--

މިއަދު އޮންލައިން