މިވަގުތާއި ހަމައަށް މިވަނީ މާލެއިން 2 މީހަކު ކޮރޯނާއަށް ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި ތިމާ ނުވަތަ ތިމާގެ ޢާއިލާ ޕޮޒިޓިވްވާން ޖެހުމެއް ނޫނެވެ. ﷲ ވާގިފުޅާއިއެކު ތިމާ އާއި ޢާއިލާ ޕޮޒިޓިވް ނުވެ ސަލާމަތްވުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.
އެކަން އެނގިގެންދަނީ އަދި އެކަމަށް ހިތްވަރު ލިބެނީ މުފްތީ މެންކު ފަދަ ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުންނެވެ. ޢިލްމުވެރިންގެ ނަޞޭޙަތްތަކުންނެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ!
ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ! ދުޢާކުރާށެވެ! ސަބަބުތަކުގައި ހިފަހައްޓާށެވެ! ޑޮކްޓަރުންނާއި އެޗްޕީއޭ އިން ދެމުން ގެންދާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރާށެވެ! ހިފަހައްޓަން ޖެހޭ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑަށް އިސްކަން ދޭންވީ ސެނެޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށާއި މާސްކް އެޅުމަކަށް ނޫނެވެ.
އެކަންކަން ވެސް ކުރުމާއިއެކު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނުކުތުމަށެވެ. ކޮންމެހެން ނުކުންނަން ޖެހިގެން ނުކުތް ނަމަވެސް އިޖުތިމާޢީ ދުރުމިން ހިފެހެއްޓުމަށެވެ. ބޭރަށް ނުކުތް ބޭނުން ޙާޞިލުވުމުން އެނބުރި އަވަހަށް ގެއަށް ވަނުމަށެވެ. އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ދުޢާކުރުން ފިޔަވައި އެއަށްވުރެ މުހިންމު އެއްވެސް ކަމެއް މިއަދަކު ނެތެވެ.
ދުޢާ ކުރަމުންވެސް ސަބަބުތަކުގައި ނުހިފަހައްޓައި އުޅޭނަމަ އަމަލު އެކުރެވެނީ ﷲ ތަޢަލާ އެންގެވި ގޮތަކަށް ނޫނެވެ. އެހެނީ ސަބަބުތަކުގައި ހިފަހައްޓައި އެމީހާގެ ފަރުދީ ޒިންމާ އަދާކުރަން ﷲ ވަނީ އަންގަވައިފައެވެ. އެދޭ ކަންކަން ޙާޞިލުވުން އޮތީ ﷲ ތަޢާލާ އެންގެވި ގޮތަށް ޢަމަލުކުރި މިންވަރަކުންނެވެ.