މަގުމަތީގެ ކަންކަން ބެލެހެއްޓުމުގައި ފުލުހުން މިހާރު އިތުރަށް ހަރުކަށިވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މިއަދު ޓެލެކޮންފަރެނސްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފުލުހުން މިހާރު ތިބީ ކަނޑައަޅާފައިވާ ތަންތަނަށް ފޮނުވުމުގެ މަގުމަތީގައި ކަމަށާއި މަގުމަތީގެ ކަންކަން ބެލެހެއްޓުމުގައި. މިއަދު ހަވީރުން ފެށިގެން ފުލުހުން އިތުރަށް މަގުތަކުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަޔަކު ޕޮޒިޓިވްވެދާނެ ކަމަށާއި އެކަން އެގޮތަށް ދިމާވެއްޖެ ނަމަ ވިސްނަން ޖެހޭ ކަމަކީ ޕޮޒިޓިވް ވާ އެންމެންނަކީ ހޮސްޕިޓަލުގައި އެ ބައިތިއްބަން ޖެހޭނެ ބައަކަށް ނުވާނެ ކަމަށެވެ. "އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ގިނަވެގެން 20 ޕަސެންޓް މީހުން ހޮސްޕިޓަލަށް ގެންދަން ޖެހޭނީ."
މަބްރޫކް ވިދާޅުވީ އެކަމަށް ބޭނުންވާ އެނދުތައް ތައްޔާރުކުރަމުން ގެންދާ ކަމަށާއި ހުޅުމާލޭގައި ޤާއިމުކުރާ ފެސިޓީ ވެސް ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
ކޮރޯނާ އާއި ގުޅިގެން ހޮސްޕިޓަލުތަކާއިމެދު ވިސްނުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނުކުތުމުގެ މުހިންމުކަމާއި އަދި ނުކުންނަން ޖެހިގެން ނުކުތް ނަމަވެސް ދުރުދުރުގައި ތިބުމާއި އެޗްޕީއޭ އިން ދެމުން ގެންދާ އިރުޝާދުތަކަށް ޢަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.