48 ގަދިއިއރު ތެރޭގައި 9 މީހުން މާލެއިން ކޮރޯނާއަށް ޕޮޒިޓިވްވެ އަދި މިއަދުވެސް އިތުރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލޭގެ ޙާލަތު އަދި މިފެންނަ ގޮތުން ގޭގައި ތިބެން ޖެހިދާނެ މުއްދަތެއް އެއްވެސް މީހަކަށް ލަފާކުރަންވެސް ނުއެނގޭއިރު ބައެއް ޢާއިލާތައް ދިރިއުޅެމުން އަންނަނީ އެދުވަހަކު ކުރާ މަސައްކަތަކުން ލިބޭ އާމްދަނީއަކުންނެވެ.
އެހެންކަމުން ގޭގައި މިގޮތަށް މަޑުކުރަން ޖެހިފައިވާއިރު ކިތަންމެ ނިކަމެތި ޙާލެއްގައި ތިބެން ޖެހިފައިވާ ބައަކުވެސް ތިބެދާނެކަމަށް ބަލަން އެބަޖެހެއެވެ. ނުކައި ތިބެން ޖެހުނު ނަމަވެސް މީހެއްގެ ގާތަށް އެހީއަކަށް އެދެން ދިއުމަށްޓަކައި ގެއިން ނުކުތުމުގެ ފުރުޞަތު މިވަނީ ބަންދުވެފައެވެ.
އެހެންކަމުން މިފަދަ ޙާލަތެއްގައި އެފަދަ ދަތިކަމެއްގައި ބައަކު ތިބިތޯ ބެލުމަކީ ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރެވެއެވެ. އެފަދަ މީހުން ތިބެދާނެކަމަށް ޤަބޫލުކުރަން ޖެހެނީ މިދިއަ ރަމަޟާން މަހު ބޯކޮށް ވާރޭ ވެހެމުން ދިއައިރު ވާރެއާ ތެމިގެންވެސް ހިލޭ ބެހި ކާޑުކޮޅު ހޯދަން ފުރުޤާން މިސްކިތް ސަރަހައްދުގައި ކިޔޫ ހަދައިގެން ތިބި މީހުންގެ އަދަދު ގިނަކަމުންނެވެ.
މިފަދަ ގޮތަކަށް މިއަހަރުގެ ރަމަމާން މަސް ފެށިއްޖެ ނަމަ ކޮންމެ އަހަރަކު ބަހާ ކާޑުކޮޅު ހޯދަން ނުކުމެވޭނެ ގޮތެއްވެސް އަދި ފެންނާކަށް ނެތެވެ. ކާޑުކޮޅު ހޯދަން ދިއުމުގެ ފުރުޞަތު ފުލުހުން އެފަދަ މީހުންނަށް ދިން ނަމަވެސް އެއްތަނަކަށް ގިނަ ބައަކު ޖަމާވުމުގެ މައްސަލަތައް ކުރިމަތިވާނެ އިރު މިއީ މިހާރުން ފެށިގެންވެސް ވިސްނައިލަން ޖެހިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.
ޑެލިވަރީއަށް އޯޑަރުކޮށްގެންވެސް ކަންމަތީ ފިހާރަ ހުޅުވުމުން ވެސް އެއްޗެއް ގަނެވޭނީ އަތުގައި އަގު އަދާކުރާނެ ރުފިޔާ ހުރެގެން ކަމަށްވާއިރު އަތުގައި ކައިބޮއި ހެދޭނެ ފަދަ ނެތް މީހުންނާއި ޢާއިލާތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ކަމަކަށް ސަރުކާރުގެ އިދާރާއަކުން އިސް ނަގައި ޢާންމުންގެ ތެރެއިން އެހީތެރިވާން ބޭނުން މީހުންނަށް ފުރުޞަތު ހުޅުވައިލުމުގެ މުހިންމުކަންވެސް ފާހަގަކުރެވެއެވެ!