ރަމަޟާން މަސް އައިސް ޖެހުނީއެވެ. ރަމަޟާން މަހަށް ތައްޔާރުވާން ގިނަ ބައަކު ވަރަށް ގިނަ ކަންކަން ކުރެއެވެ. ޢާންމުކޮށް ކުރާ ކަންކަމަކީ ގެއާއި ބަދިގޭގެ ފަރުނީޗަރު އައުކުރުމާއި ކާބޯތަކެތި ޖަމާކުރުމާއި ކުރިއަށް މެނޫތައް ހަދައި ކެއުމުގެ ޢީދަކަށް ތައްޔާރުވުމެވެ. މުނިފުހި ފިލުވައި އުފާ ފައުޅުކުރަން ތައްޔާރުވުމެވެ.
ގިނަވާނީ ކޮރޯނާ ވައިރަސް އައުމުގެ ސަބަބުން އުފެދިފައިވާ ބިރުވެރިކަމާއިހުރެ މިފަހަރުގެ ތައްޔާރީތައް އެކަންކަމުގައި އެވަރަށް ނުވެވުނު މީހުންނެވެ. އެހެންކަމުން ލިބުނު ފުރުޞަތުގައި އެންމެންވެސް މިފަހަރު ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ މަގުން ރަމަޟާންމަހަށް މަރުޙަބާ ކިޔުން ކީއްހެއްޔެވެ؟
ފުރަތަމަ މިއާޔަތަށް ވިސްނައިލާށެވެ!
"ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިއަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރު ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިއަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިއަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިއަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިއަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ." (އަލްބަޤަރާ: 185)
މިއީ ރަމަޟާން މަހު ރޯދަ ހިފުމަށް އަމުރުފުޅުކުރައްވަވައި ވަޙީ ކުރެއްވެވި އާޔަތެވެ! މިއާޔަތުގައި ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވެވުމުގެ ކުރިއަށް އޮތް ބަސްފުޅުތަކަށް ވިސްނައިލާށެވެ! އާޔަތް ފަށްޓަވަމުން ވެސް އަންގަވާފައި އެވަނީ ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރު ކަމަށެވެ. އަދި ޤުރްއާނުގެ މަޤްޞަދެވެ. "ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."
މިކަމުން އެނގިގެންދަނީ ކީރިތި ޤުރްއާނަށް ދޭން ޖެހޭ ސަމާލުކަމެވެ. ކިޔަވައި އުނގެނުމުގެ މުހިންމު ކަމެވެ. އެކަންކަމަށް ރަމަޟާން މަހު އިތުރު ސަމާލުކަން ދޭންޖެހޭނެ ކަމެވެ. ވީމާ ގޭގައި ތިބެންޖެހިފައިވާ މިފަދަ މައްސަރެއްގައި ކީރިތި ޤުރްއާނަށް ދޭން ޖެހޭ ސަމާލުކަން އިތުރުކުރަމާ ހެއްޔެވެ؟
މިހާރުންސުރެ އެކަންކަމަށް މަސައްކަތް ފަށާށެވެ! މިފެށޭ ރަމަޟާން މަހަކީ ކުރީގެ ހުރިހާ އަހަރަރުތަކަށްވުރެ ގިނައިން ކީރިތި ޤުރްއާން ކިޔަވާނެ މަހެއް ކަމުގައި ހަދަން ހިތުގައި ޢަޒުމް ކަނޑައަޅާށެވެ! އަދި އެކަމަށް މަސައްކަތްވެސް ކުރާށެވެ! ޤުރްއާނުން ހިތްފުރައިލާށެވެ! ކުރީ އަހަރުތަކުގެ ރަމަޟާން މަހު ކުރެވުނީ 1 ޚަތިމް ކަމުގައިވާނަމަ މިއަހަރު މަދުވެގެން 3 ޚަތިމް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތައާލާ އަންގަވާފައިވާ މަގުން ރޯދަ މަސް ހޭދަކުރުމަކީ އެއީއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން