ގޭގަ ތިބެން ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގަ ހިފައިފިނަމަ މުޅި މުސްތަޤްބަލުގަ ދެމަފިރިންގެ މެދުން "ރުޅި" ނައްތައިލެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ގޭގަ ތިބެން ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގަ ހިފައިފިނަމަ މުޅި މުސްތަޤްބަލުގަ ދެމަފިރިންގެ މެދުން "ރުޅި" ނައްތައިލެވިދާނެ!

އެއްވެސް މީހަކު އެކަން ކުރަން ހަމަ އެއްގޮތަކަށް ބޭނުން ނުވި ނަމަވެސް ދުނިޔޭގެ ގިނަ ބައަކަށް މިވަނީ ގޭގައި މަޑުކޮށްގެން ތިބެން މަޖުބޫރުވެފައެވެ. ޢާއިލާ އެކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައެވެ. ވީމާ މަސައްކަތްކުރަންވީ ފުރުޞަތުގެ ބޭނުން ވީހައި ރަނގަޅު ގޮތުގައި ހިފައި ލިބެން ހުރި ވީހާ ގިނަ ފައިދާ ޙާޞިލުކުރުމަށެވެ. 

މިގޮތުން މިރޭ މިފާހަގަކުރަނީ ރުޅީގެ ވާހަކައެވެ. 

ރުޅިއަކީ އިންސާނުންގެ ކިބައިގައި ހުންނަ ޠަބީޢީ ސިފައެކެވެ. ރުޅި އާދެވުމަކީވެސް ހަމަ ޠބީޢީ ކަމެކެވެ. އެހެން ނަމަވެސް ރުޅި ގުޅިފައިވަނީ ޝައިޠޯނާ ޢާއިއެވެ. ރުޅި ގަދަވެ އަތުން ފައިން ގޯސް ހެދި ބައެއް ފަހަރު އަމިއްލަ ހަށިގަނޑަށްވެސް ގެއްލުން ދޭ ހިސާބަށް ކަންކަން ދަނީ އެމީހާގެ މައްޗަށް ޝަޠޯނާގެ ބާރު ހިނގާ މިންވަރު ބޮޑުވުމުންނެވެ.، ނުވަތަ ގަދަވުމުންނެވެ. 

ކޮންމެއަކަސް ކޮންމެ މީހެއްގެ ކިބައިގައިވެސް ރުޅި އައުމުގެ އާދަ ކޮންމެވެސް ވަރަކަށް ހުންނާނެއެވެ. ބައެއް މީހުން ހިތްވަރުކޮށްފައި އެކަން އެހެން މީހަކަށް ނުދައްކައި، ނުވަތަ ރުޅި އައިކަން އެހެން މީހުންނަށް ނުއަންގަނީ އެވެ. 

މިއީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަންނަ ރުޅި، ކޮންމެ ފަހަރަކު "އެތެރެއަށް ދިރުވާނަމަ" ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވުމަކީ ގާތްކަމެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ރުޅި އައިނަމަވެސް ރުޅި ކޮންޓްރޯލުކޮށް ރުޅި އައިކަން ނުވަތަ ހިތްހަމަނުޖެހުނުކަން ހާމްކުރުމެވެ. އަނެކާއަށް އެކަން އެނގި އިޞްލާޙްކުރަން ފުރުޞަތު ލިބޭނީވެސް ހާމަކުރުމުންނެވެ. 

ރުޅި އައުދެވުމުން އަނބިމީހާ އާއި ދިމާއަށް ނުވަތަ ފިރިމީހާ އާއި ދިމާއަށް އެއްޗެތި ގޮވުމާއި ބައެއް ފަހަރު އަތް އިސްކުރުން ފަދަ ކަންކަން ހަމަ ގިނަ ބައަކަށް ކުރެވެއެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެފަދަ އަމަލުކޮށްފައި ބައެއް ފިރިހެނުން ގެއިން ނުކުމެގެން ދެއެވެ. ރުޅި މަޑުވުމުން އެނބުރި ގެއައަށް އައުދެއެވެ. 

ވީމާ ވިސްނައިލާށެވެ! މިއަދު ކިތަންމެ ވަރަކަށް ރުޅި ގަދަވި ނަމަވެސް ނުކުމެގެން ގެއިން ބޭރަށް ދެވޭކަށް ނެތެވެ. ތިބެން ޖެހިފައިވަނީ އެންމެން އެކުގައެވެ. އިންސާނުން ކަމުގައި ވީތީ އެކަކު ހިތް ހަމަ ނުޖެހޭ ބައެއް ކަންކަން އަނެކަކަށް ކުރެވޭނެއެވެ. އެކަން މާބޮޑު މައްސަލައަކަށް ނުހަދާށެވެ! ދެމީހުންގެ މެދުގައި މަޝްވަރާކޮށްލައި އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތްތަކަށް ޢަމަލުކުރާށެވެ! 

ހަމަ ހުރިހާ ދެމަފިރިންނަށްވެސް މިއަދު ލިބިފައި މިވަނީ ވަރަށް މުހިންމު ފުރުޞަތެކެވެ. ރަނާއި ޖަވާހިރަށްވުރެވެސް މާ އގުބޮޑު ފުރުޞަތެކެވެ. ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަކަށް ނޫނެވެ. ގިނަ ޒުވާނުންނަށް ވެސް މެއެވެ. އެހެނީ މުޅި ޒަވާޖީ ޙަޔާތުގައި ވެސް މިހައި ގިނަ ވަގުތު ދެމަފިރިން އެކުގައި ހޭދަކުރުމުގެ ފުރުޞަތު ލިބިފައިވާނީ ހާހަކުން މީހަކަށް ކަމަށްވެސް ބެލިދާނެއެވެ. 

ވީމާ މިފަދަ އަގުހުރި ފުރުޞަތެއްގައި ފުރަތަމަ ކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް ޚިޔާލުތަފާތުވާ ކަންކަމުގައި ޚިޔާލު އެއްގޮތް ކުރުމެވެ. ޙަޔާތުގެ ކުރިއަށް އޮތް ދުވަސްތަކުގައި އެކަކު އަނެކަކު ދެކެ ރުޅި އަންނަން ޖެހިދާނެ ކަންކަން ނުކޮށް އުފަލުގައި ދިރިއުޅެވޭނެ ގޮތްތައް ރޭވުމެވެ. 

އެންމެ ފުރަތަމަ މިކަމަށް އިސްނަގަން ޖެހޭނީ ފިރިމީހާއެވެ. އެއީ ޢާއިލާގެ އިސް މީހަކީ އޭނާ ކަމުގައި ވާތީއެވެ. ރަނގަޅަށް ވާހަކަ ދެކެވޭނެ ފަދަ ފުރުޞަތެއް ފަހިކޮށްގެން މަޝްވަރާކުރާށެވެ! އެއްފަހަރަށް ވުރެ ގިނަ ފަހަރުވެސް މަޝްވަރާކުރާށެވެ! ޚިޔާލުތަފާތުވުންތައް ނައްތައިލެވެންދެން މަޝްވަރާކުރާށެވެ! 

ދެމަފިރިއަކު ނަމަވެސް ތެދުވެރިކަމާއިއެކު ދެ މީހަކު ކަންކަން ކުރަމުން ގެންދާނަމަ އެދެމީހުންނަށް 3 ވަނަ ބައިވެރިއަކު ކަމުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. އަދި ދެމަފިރިން އެކުގައި ލޯބިން ދިރިއުޅޭ ނަމަ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެގެންދެއެވެ. ވީމާ ގޭގައި އެކުގައި މަޑުކޮށްލަން ލިބިފައިވާ މިވަގުތަކީ ﷲ ތަޢާލާ ދެއްވެވި ރަނުގެ ފުރުޞަތެއް ކަމުގައި ދެކޭށެވެ! މުޅި އުމުރުގައި ރުޅި ނައިސް ދިރިއުޅެވޭނެ ގޮތްތައް އިޚްތިޔާރުކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން