ކޮރޯނާގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެ ހިތް ނުތަނަވަސްވެފައިވާ މީހުންނަށް މިލިޔުމުން ހިތްވަރެއް ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ކޮރޯނާގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެ ހިތް ނުތަނަވަސްވެފައިވާ މީހުންނަށް މިލިޔުމުން ހިތްވަރެއް ލިބޭނެ!

އަހަރެމެން އެންމެންނަކީވެސް ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ. އެންމެހައި މީސްތަކުންނަށް ވެސް ނިޢްމަތްތައް މިންވަރުކޮށްދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އެއްވެސް މީހަކަށް އަމިއްލައަށް ޙާޞިލުކުރެވޭނެ އެއްވެސް ނިޢްމަތެއް ނެތެވެ!

އެކަމުގެ ދަލީލ އެންމެ ބޮޑަށް ފެނިގެންދާނީ ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންގެ ޙަޔާތުންނެވެ. އެމީހުންގެ އަތުގައި ހުރި ފައިސާގެ އަދަދު އެމީހުންނަށް ނުވެސް އެނގެއެވެ. ބޭނުންހައި ކަމެއް ކުރެވެއެވެ. ނަމަވެސް ދިރިއުޅުމުގައި އުފާވެރިކަން ލިބިފައިވަނީ ހަމަ ވަރަށް މަދު ބިލިއަނަރަކަށެވެ.  

ބޮޑެތި ބަލިތައް އެހައި ގިނައެވެ. ޢާއިލީ މައްސަލަތައް އެހައި ގިނައެވެ. ޞިއްހީ ސަބަބުތަކާއި ހުރެ ކާން ބޭނުންވާ އެއްޗެއް ބޭނުންވާ ވަރަށް ކެވޭ ކަމަކަށް ނުވެއެވެ. ވީއިރު އެމީހުންގެ އަތުގައި ހުރި ގިނަ ގުނަ ފައިސާތަކުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟  

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އުފާވެރި ދިރިއުޅުމެކެވެ. ކާން ބޭނުންވާ އެއްޗެއް ކެއުމަށެވެ. އެފަދަ ހުރިހާ ކަންކަމުގެ އިތުރުން ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް ބޭނުންވާނީ ސަލާމަތް ޞިއްޙަތަކާއިއެކު ވިހައި ގިނަ ދުވަހު ދުނިޔޭގައި ހުރުމަށެވެ. ނަމަވެސް އަތުގައި ކިތަންމެ ގިނަ ފައިސާތަކެއް ހުރި ނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާ ޢުމުރުން އެންމެ ހިނދުކޮޅެއްވެސް އިތުރުކޮށެއް ނުލެވެއެވެ. މަރުގެ މަލާއިކަތާ ވަޑައިގެން ބައްދަލުކުރެއްވެވުމުން ޖެހެނީ ހަމަ ވަގުތުން ހުސް އަތާ ދުނިޔެ ދޭކުރާށެވެ! މާނައަކީ އެއްކުރި ހުރިހާ މުދައުތަކާއި ފައިސާތައް ބަހައްޓާފައި އެންމެ ފަހު ނޭވާ ދޫކޮށްލައި ތިމާ ދާއިމަށް ދެމި ހުންނަން ބޭނުންވި ދުނިޔެއަށް އަލްވިދާޢު ކިޔާށެވެ!  

ވީމާ ކޮރޯނާގެ ސަބަބުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް މާލީ ދަތިކަމެއް ކުރިމަތިވެގެން ކަންބޮޑު ނުވާށެވެ! ތިބާ ދުނިޔެއަށް ފޮނުއްވަވަނީ ދެއްވަވާނެ ނިޢްމަތްތައް ކަނޑައަޅުއްވަވައިފައެވެ. އެ ނިޢްމަތްތައް ނުލިބި މަރެއް ނުވާނެއެވެ. މިއަދު ދެއްވަވަން އޮތް ނިޢްމަތެއް މާދަމައަށް ލަހެއްވެސް ނުވާނެއެވެ. ހަމަ މިއަދު ދެއްވަވާނެތެވެ! އިން ޝާ ﷲ  

ކޮންމެ މުސްލިމަކީވެސް މިކަންކަން ޔަޤީންކުރަން ޖެހޭނެ މީހެކެވެ. މިކަންކަން ޤަބޫލުކުރުމުން މިއަދުގެ ޙާލަތާއިމެދުވެސް އަދި އެހެން ދުވަހަކު ކުރިމަތިވާ ޙާލަތާއިމެދުގައިވެސް ކަންބޮޑުވާކަށް ނުޖެހޭނެއެވެ!  

ފާއިތުވި 5 އަހަރެއްހައި ދުވަހު މަހަކު 25،000 ޑޮލަރު މުސާރައަށް ލިބެމުން އައި މީހަކަށް މިމަހު ލިބުނީ އެންމެ 5000 ޑޮލަރެވެ! އޭނާ ބުނީ މުސާރައަށް ޖަމާވީ އެންމެ  5000 ޑޮލަރުކަން އެނގުނު ވަގުތު ޝޮކެއް ލިބުނު ކަމަށެވެ. ނަމަވެސް ދުނިޔޭގައި ތިބި އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލި އެއްވެސް ވަރަކަށް ޑޮލަރު ނުލިބިވާކަމާއިމެދު ވިސްނައިލުމުން އުފަލުން ރޮވުނު ކަމަށެވެ.  

މުސްލިމުންގެ ގޮތަކަށް ވާން ޖެހޭނީ އެގޮތަށް ވިސްނުމެވެ. ތިމާއަށްވުރެ ގިނައިން ލިބޭ މީހުންނާއިމެދު ނުވިސްނައި ތިމާއަށްވުރެ މަދުން ލިބޭ މީހުން އުޅޭ މީހުންގެ ޙާލާއިމެދު ވިސްނާ މީހާ އަބަދުވެސް ހުންނާނީ އުފަލުންނެވެ. އެއިގެ ބަދަލުގައި ތިމާއަށްވުރެ ގިނައިން ލިބޭ މީހާ އާއިމެދު ވިސްނާ މީހާއަށް ހުންނަން ޖެހޭނީ އަބަދުވެސް ކަންބޮޑުވުމެއްގައެވެ.  

ނަޞޭޙަތަކީ ކެތްތެރިކަން އިސްކުރުމެވެ. ތަޤްވާވެރިކަން އިތުރުކޮށް ހެޔޮ ޢަމަލުކުރުން ގިނަކޮށް ދުޢާ ކުރުން ގިނަ ކުރުމެވެ. ކޮންމެ ދަތިޙާލަތަކުން ވެސް އެކަމުގެ ވަގުތު ޖެހުމުން ސަލާމަތް ކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ސާބިތުވުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން