ކައިވެނި ލަސްކުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. ދެމީހަކު ކައިވެންޏެއް ކުރަން އުޅޭކަން އެހެން މީހުން ގާތި ބުނެ، އެހެން މީހުންނަށް އެކަން އިނގޭ ހިސާބުން އަވަހަށް ކައިވެނި ކުރެވޭތޯ ބަލަން ވާނެއެވެ.
މައްޝޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ދެއްވި ދަރުސެއްގައި، ކައިވެނި ފަސްކުރުމާއި ބެހޭގޮތުން ވިދާޅުވެފައި ވަނީ ކައިވެނި ކުރުމަކީ އިސްލާމް ދީނުގައި ވަރަށް މާތް އަޅުކަމެއް ކަމަށެވެ.
މުސްލިމު އަންހެނަކާއި ފިރިހެނަކު ކައިވެނި ކުރުމަށްފަހު، އެކައިވެނީގެ އުފާ ހެޔޮގޮތުގައި ބޭނުން ކުރުމަށާއި އެކަކު އަނެކަކުގެ އަބުރު ހިފެހެއްޓުމަށް އިސްލާމް ބާރުއަޅައެވެ. އަދި ހަމަމިއާއެކު، ކައިވެނި ކުރަން ބޭނުންވެފައި ތިބޭ ދެމީހަކު، އެކައިވެނި ފަސްނުކޮށް ވީއެންމެ އަވަހަކަށް ކުރުމަށް ވެސް ދީނުގައި އަންގާފައިވެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ކައިވެނި ނުކޮށް ލަސްކުރުމުން ނުބައި ޢަމަލުތައް ކުރެވިދާނެތީއެވެ.
މީގެ އިތުރުން މުފްތީ ވިދާޅުވެފައިވަނީ، ކައިވެނީގެ ޚަފްލާ ބޭއްވުމަށް ބޮޑު ޚަރަދެއް ކުރަން ކަމަށް ބުނެވެސް ބައެއް މީހުން ކައިވެނި ފަސްކުރާ ކަމަށެވެ. ނަމަވެސް މިފަދައިން ކަންތައް ނުކުރުމަށާއި އަވަހަށް ކައިވެނި ކުރުމަށް މުފްތީ މެންކް ނަސޭހަތްތެރިވެއެވެ.
މީގެއިތުރުން ބައެއް އާއިލާތަކުގައި އެންމެ ފުރަތަމަ ދޮށީ އަންހެން ދަރި ނުވަތަ ފިރިހެން ދަރި ކައިވެނި ކުރުމުގެ ކުރިން ދެން ތިބި ކުދިންނަށް ކައިވެނި ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް މިއީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށާއި ކައިވެނި ކުރާ އުމުރަށް އަޅާފައިވާނަމަ ދެންތިބި ކުދިންގެ ވެސް ކައިވެނި ކުރުވުން ރަނގަޅު ކަމަށެވެ. ނަމަވެސް އެއީ އެކުދިންގެ ރުހުމާއެކުގައެވެ.