ކާން ބޭނުންވާ ބާވާތް ނުލިބިގެން ކަންބޮޑުނުވެ މިއަދު ބިރުވެތިވާންވީ ﷲ ގެ ރަޙްމަތާ ނުލައި ކައްވަޅަށް ދާންޖެހިދާނެ ކަމާމެދުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކާން ބޭނުންވާ ބާވާތް ނުލިބިގެން ކަންބޮޑުނުވެ މިއަދު ބިރުވެތިވާންވީ ﷲ ގެ ރަޙްމަތާ ނުލައި ކައްވަޅަށް ދާންޖެހިދާނެ ކަމާމެދުގައެވެ!

ދުނިޔޭގެ އެންމެން ގޭގައި ބަންދުވެގެން ތިބި ޙާލަތުގައި އެންމެ ގިނަ ބައަކު ކަންބޮޑުވެގެން އުޅެނީ ކާނެ ބޯނެ ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާ މައްސަލައިގައެވެ. ޙަޤީޤަތުގައި މީގެތެރެއިން ގިނަ ބައަކު ކަންބޮޑުވަނީ ގޭގައި ކާނެ ބޯނެ އެއްޗެއް ނެތިގެނެއް ނޫނެވެ. ބޭނުންވާ ބާވަތް ނުލިބިގެންނެވެ. އެއްވެސް ޙާލެއްގައި ބަނޑަށް ޖެހިގެނެއް ނޫނެވެ. 

ވިސްނައިލާށެވެ! އަހަރެމެން ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގެން ލޮލަށް ފެންނަ ހިސާބުން ތައުބާގެ ދޮރު ބަންދުވެއެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދި މަސައްކަތްކުރުމުގެ ފުރުޞަތު ގެއްލިގެންދެއެވެ. އެ ފުރުޞަތު އޮތީ ދުނިޔޭގައި ހުންނައިރު އެކަންޏެވެ. ކައްވަޅަށް ގެންދަން ލިބެނީ ދުނިޔޭގައި ހޯދި އެއްޗެކެވެ.  

ނަރަކައިގައި ތިބޭއިރު އިންތިހާއަށް ބަނޑުހައިވެއެވެ. އިންތިހާއަށް ކަރު ހިއްކައެވެ. ބޯންލިބޭތަކެތި މޫނާއި ކައިރިކޮށްލުމުން އެއިގެ ހޫނުން މޫނު ފޮޅިގެން ދެއެވެ. ބޯން ލިބެނީ ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ހޫނު ކުނި ފާދިޔައެވެ. ކާން ލިބެނީ ކަށިތަކުން ފުރިގެންވާ ޒައްޤުމެވެ. ކަރުން އެތެރެވުމާއިއެކު ގޮހޮރު ފޫއަޅައި ނުކުމެގެންދެއެވެ. އެތެރެހަށި އެކުގައި ވިރިގެންދެއެވެ. ކުރިއަށްވުރެ އެތައް ގުނައަކަށް ހައިހޫނުކަން ބޮޑުވެގެން ދެއެވެ.

މީސްތަކުންނޭވެ! މިހިރީ މިއަދު ވިސްނަން ޖެހޭނެ ކަންކަމެވެ. ކަންބޮޑުވާންވީ ކާން ބޭނުންވާ ބާވަތް މިއަދު ނުލިބިގެނެއް ނޫނެވެ. ކަންބޮޑުވާންވީ އީމާންކަމާއި ﷲ ތަޢާލާގެ ރަޙްމަތާއި ނުލައި މަރުވާން ޖެހިދާނެ ކަމަށްޓަކައެވެ. 

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެއްޖެ މީހާ ވާނީ އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގޭގައެވެ. މޭވާތަކާއި އެމީހަކު ހިތަށް އެރުވި ކޮންމެ އެއްޗެއް ކާންބޯން ލިބޭނެ ސުވަރުގޭގައެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެ ޙާޞިލުކުރުމަށެވެ! މިއީ އެކަމަށް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވީ ވަގުތެވެ. ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން