ގޭގަ ނަމާދުކުރި ނަމަވެސް ހުއްޓެނީ ﷲ ގެ ހަޟްރަތުގައެވެ! ޒީނަތްތެރިވެގެން ނަމާދުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ގޭގަ ނަމާދުކުރި ނަމަވެސް ހުއްޓެނީ ﷲ ގެ ހަޟްރަތުގައެވެ! ޒީނަތްތެރިވެގެން ނަމާދުކުރާށެވެ!

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މިސްކިތަށް ދާނަމަ ޒީނަތްތެރިވެގެންދާ ބައެކެވެ. ނަމަވެސް ގޭގައި ނަމާދުކުރާނަމަ އެކަމަށް ދޭ ސަމާލުކަން ކުޑަކުރެވެއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. 

އެހެނީ މިސްކިތުގައިވެސް ގޭގައިވެސް އަދި ކޮންމެ ތަނެއްގައި ނަމަވެސް ނަމާދަށް ހުއްޓި ހުންނަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. މުޢާމަލާތުކުރަނީ ﷲ ތަޢާލާ އާއިއެވެ. ދަންނަވާ ދެނބްނެވުންތައް ދަންނަވަނީ ހަމަ މިސްކިތުގައި ވެސް ހުރެގެން ދަންނަވާ ﷲ ތަޢާލާއަށެވެ. 

ވީމާ ގޭގައި ނަމާދުކުރި ނަމަވެސް ޒީނަތްތެރިވާށެވެ! ހުވަނދުލާށެވެ! މިސްކިތުގައި ހުއްޓި ހުންނަ ފަދައިން ހުއްޓި ހުންނާށެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! 

އަންހެނުން ވެސް ބަދިގޭގައި އުޅެފައި ގޮސް ބުރުގާ އަޅާލައިގެން ނަމާދުކުރަން ނުހަދާށެވެ! ހެދުން ބަދަލުކުރަން އުނދަގޫނަމަ ހެދުންމަތިން ގައުމެއް ނަމަވެސް ލާށެވެ! ރޭގަނޑު ވެސް ނިދާ ހެދުމުގައި ނަމާދު ނުކުރާށެވެ! ކުރިން ވެސް ބުނިފަދައިން ހެދުންމަތިން ގައުނެއް ނަމަވެސް ލައިގެން ނަމާދުކުރާށެވެ. ނަމާދަށް ދޭން ޖެހޭ ސަމާލުކަން ދީގެން ނަމާދުކުރާށެވެ!

ވިސްނައިލާށެވެ! ސަޖިދައިގައި އޮންނަ ވަގުތަކީ ތިބާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ! އެއިރު ތިބާ ހަޑި ގޮތަކަށް ހުންނަން ބޭނުންވާނެ ހެއްޔެވެ؟ 

މިބަހުގެ މާނައަކީ އެންމެ އަގުބޮޑު ފޭރާމުގެ ހެދުން ލުމެއް ނޫނެވެ. ސާފުތާހިރު، ނަމާދުކުރަން އެކަށީގެންވާ ފޭރާމެއްގައި ހުރެ ނަމާދުކުރުމެވެ. އެއްވެސް ނުބައި ވަހެއް ނުދުވާ ފޭރާމެއްގައި ހުރެ ނަމާދުކުރުމެވެ. 

ﷲ ތަޢާލާ އަލަމެން އެންމެން ކުރާ ނަމާދު ޤަބޫލުފުޅު ކުރައްވަވާނދޭވެ! އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން