ތަރާވީޙް ނަމާދު ގޭގައި ކުރަން ޖެހުމުން ކަންބޮޑުނުވާށެވެ. އެއީ ހަމަ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވާ ތިރީގައި މިވާ ބަސްފުޅު އަޑުއަހައިލާށެވެ!
ތަރާވީޙް ނަމާދު ކުރާއިރު، ޤުރްއާނުން މިންވަރެއް ހިތުދަސް މީހާ އެ މިންވަރެއް ކިޔެވިދާނެއެވެ. ސޫރަތްތަކެއް ހިތުދަސްވެފައި ނުވާނަމަ ދަސްކުރެވިފައިވާ ސޫރަތްތައް ތަކުރާރުކޮށް ވެސް ކިޔެވިދާނެއެވެ. ހިތުދަސް ނުވާ މީހާ މުޞްޙަފް ބަލައިގެން ނުވަތަ ފޯނު ބަލައިގެންވެސް ކިޔެވިދާނެއެވެ.
ތަރާވީހް ނަމާދު ގޭގައި ކުރާ މީހާ ކިޔަވަން ބޭނުން ސޫރަތެއް ކިޔެވިދާނެއެވެ. ނަމާކުރާއިރު ޤުރްއާން ކިޔެވުމުގައި ސުންނަތް ގޮތަކީ މަތިން ތިރިއަށް ކިޔެވުމެވެ. މަތިން ތިރިއަށް ކިޔެވުމަކީ ސޫރަތްތަކުގެ ތަރުތީބުން މަތިން ތިރިއަށް ކިޔެވުމެވެ. މުޞްޙަފްގައިވާ ތަރުތީބުން ކިޔެވުމެވެ.
މާނައަކީ ޖެހިޖެހިގެން އޮންނަ ދެ ސޫރަތް ކިޔެވުމެއް ވެސް ނޫނެވެ. އެއް ސޫރަތުގައި ބަޤަރާ ސޫރަތުން ތަންކޮޅެއް ކިޔަވާފައި އަނެއް ރަކްޢަތުގައި އިޚްލާޞް ސޫރަތް ވެސް ކިޔެވިދާނެއެވެ. އެއިރުންވެސް އެ ކިޔެވުނީ ތަރުތީބުންނެވެ.
--މައުލޫމާތު ޝައިޚް މުޙައްމަދު ޝާފިޢް
އިތުރު ތަފްޞީލަށް ދާނަމަ ތަރާވީޙް ނަމާދުގައި 8 ރަކްޢަތް ކުރަން ބޭނުން މީހާއަށް ފުރަތަމަ ރަކްޢަތުގައި 100 ވަނަ ސޫރަތް ކިޔަވައި ދެވަނަ ރަކްޢަތުގައި އިޚްލާޞް ސޫރަތް ކިޔެވިދާނެއެވެ. ސަލާމް ދިނުމަށްފަހު 2 ވަނަ 2 ރަކްޢަތަށް ތެދުވެ ފުރަތަމަ ރަކްޢަތުގައި ކިޔަވަންވާނީ 100 ވަނަ ސޫރަތަށްވުރެ ތިރީ ސޫރަތެކެވެ. ދެވަނަ ރަކްޢަތުގައި އިޚްލާޞް ސޫރަތް ކިޔެވިދާނެއެވެ.
ތަރާވީޙް ނަމާދުގައި 2 ރަކްޢަތުން ސަލާމް ދެމުން ކުރި ނަމަވެސް ތަރާވީޙް ނަމާދަކީ އެއް ނަމާދު ކަމަށް ބަލައި ފުރަތަމަ ރަކްޢަތުން ފެށިގެން މަތިން ތިރިއަށް ތަރުތީބުން ކިޔެވުން މުހިންމެވެ.
ލުއިފަސޭހަކަން ހުރި މިންވަރަކީ 2 ރަކްޢަތުން 8 ރަކްޢަތްކުރާއިރު އަލްކައުޘަރު ސޫރަތުން ފެށިގެން ތިރިއަށް އޮތް 4 ސޫރަތް ކިޔަވައި ފަހު ރަކްޢަތުގައި އިޚްލާޞް ސޫރަތް ކިޔަވާލައިގެން ވެސް 8 ރަކްޢަތް ކުރެވިދާނެއެވެ!