ކީރިތި ޤުރްއާނަކީ ހިތުދަސްކުރަން އެންމެ ފަސޭހަ ފޮތެވެ! ފޮތުގެ ގަނޑުތަކުގެ އަދަދަށް ބަލައި ދުނިޔޭގެ ހުރިހާ ފޮތްތަކާއި އަޅުވައި ބެލި ނަމަވެސް އެންމެ ގިނަ ބައަކު ހިތުދަސް ފޮތަކީ ކީރިތި ޤުރްއާނެވެ. އެއީ އެފޮތް ދަސްކުރުމަކީ ފަސޭހަކަމެއް ކަމުގައި ﷲ ތައާލާ ލައްވަވާފައިވާތީއެވެ.
އެހެންކަމާއިއެކުވެސް ބައެއް މީޙުންނަށް އެކަން އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރުމުން ބައެއް މީހުންނަށް މަޤްޞަދު ޙާޞިލުކުރަން އަހަރުތަކެއްވެސް އެކަމުގައި ހޭދަކުރަން ޖެހެއެވެ. އަދި މުޅި މުޞްޙަފް އެކުގައި ހިތުދަސް ނުކުރެވިވެސް ހިނގައިދާނެއެވެ.
ނަމަވެސް އެއީ ހިތްވަރު އެލުވައި މާޔޫސްވާންޖެހޭ ކަމެއް ނޫންކަން އެނގިގެންދަނީ ޢިލްމުވެރިން ވިދާޅުވެފައި ހުންނަ މިފަދަ ބަސްފުޅުތަކުންނެވެ.
"ކީރިތި ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރާ މީހަކު، އެމީހަކަށް އެކަން ކާމިޔާބުނުވެ 5 އަހަރު، 10 އަހަރު އަދި ކިތަންމެ ގިނަ ދުވަހެއް އެކަމުގައި ހޭދަކުރި ކަމުގައިވިޔަސް އެ މުއްދަތުގައި ޤުރްއާން އެއްކޮށް ހިތުދަސް ނުވިޔަސް، އެ މަޞްރޫޢަކީ އެއްވެސް ޙާލެއްގައި، ނާކާމިޔާބު މަޝްރޫޢަކަށް ނުވާނެއެވެ.
މި ހުރިހާ ދުވަހު އެ ހިތުދަސްކުރަން ކިޔަވާ ކިޔެވުމުގެ އަޖުރަށް އެކަނި ބަލާލިޔަސް އެއީ ކާމިޔާބު ނޫން ދެން އެހެން ކޮން އެއްޗެއްތޯއެވެ؟"
ވީމާ ގޭގައި ތިބެން ލިބިފައިވާ މިވަގުތުގައި ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔަވާށެވެ! ހިތުދަސްކުރަން ޤަޞްދުކޮށްގެން ކިޔަވާނަމަ ދަށު ސޫރަތްތަކުން ފަށައިގަންނާށެވެ! ތިމާގެ ހިތަކީ އެ ހިތެއްގައި ކީރިތި ޤުރްއާނުގެ މިންވަރު އެންމެ ގިނަ ހިތްކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން