މުޞްޙަފު ނުވަތަ ފޯނު ބަލައިގެން ތަރާވީޙު ނަމާދު ކުރާނެ ގޮތް!: ޝައިޚް ޝާފިޢް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މުޞްޙަފު ނުވަތަ ފޯނު ބަލައިގެން ތަރާވީޙު ނަމާދު ކުރާނެ ގޮތް!: ޝައިޚް ޝާފިޢް

ކަންދިމާވިގޮތުން މިއަހަރު މިސްކިތުގައި ތަރާވީޙް ނަމާދު ކުރެވޭކަށް ނެތެވެ. ތިބެން ޖެހިފައިވަނީ ގޭގައެވެ. ތަރާވީޙް ނަމާދު މިހައިތަނަށް ދިވަހިން ކުރަމުން އައީ ޖަމާޢަތުގައި މިސްކިތުގައެވެ. އެހެންކަމުން އެކަމަކީ ކުރަން ކިތަންމެ ފަސޭހަ ކަމެއް ނަމަވެސް ފުރަތަމަ ފަހަރު އަމިއްލައަށް ގޭގައި ކުރަން ޖެހުމުން ގިނަބައަކު ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެތެރޭގައެވެ. 

އެހެންކަމުން ތިރީގައި މިވަނީ ފޯން ނުވަތަ މުޞްޙަފް ބަލައިގެން ތަރާވީޙް ނަމާދުކުރެވޭނެ ގޮތުގެ މައްޗަށް ޝައިޚް މުޙައްމަދު ޝާފިޢް ވިދާޅުވެފައިވާ އިރުޝާދެވެ! 

ފޯނު، ނުވަފަ މުޞްޙަފު ސްޓޭންޑެއްގައި ނުވަތަ ގޮނޑިއެއްފަދަ އެއްޗެއްގައި ބާއްވާނީއެވެ. ނަމާދު ކުރާ މީހާއަށް ކޮޅަށް ހުރެ ނެގޭ ހިސާބު ކައިރީގައެވެ. ފާތިޙާ ސޫރަތް ކިޔަވާ ނިންމާފަ ފޯނު ނުވަތަ މުސްޙަފު ނަގާނީ ހުރިތާ ހުރެ ނަގާފައި، ކިޔަވަން ބޭނުންވާ ހިސާބަށް ކިޔަވާފަ ރުކޫޢަށް ދިޔުމުގެ ކުރިން ފޯނު ނުވަތަ މުޞްޙަފު ބާއްވާނީއެވެ.

ދެން ސަޖިދައިން ތެދުވެ އަނެއްކާވެސް ފޯނު ނުވަތަ މުޞްޙަފު ނަގާނީއެވެ. (ނުވަތަ ފާތިޙާ ސޫރަތް ކިޔަވާ ނިންމާފަ ނަގާނީއެވެ.)

ޖީބު ހުންނަ ބޭފުޅުން ފޯނު ޖީބަށްވެސް ލެވިދާނެއެވެ. އަނެއް ރަކްޢަތުގައި ކިޔަވަން ޖެހުނީމާ ނަގާނީއެވެ. މިގޮތަށް ފޯނު ނުވަތަ މުޞްޙަފު ނެގުމަށްޓަކައި ކުރާ ޙަރަކާތުގެ ސަބަބުން ނަމާދު ބާޠިލެއް ނުވާނެއެވެ. އެއީ ނަމާދުގެ މަޞްލަޙަތަށްޓަކައި ކުރާ ކަމަކަށްވާތީއެވެ. އަދި އެކަމަށް ދަލީލު އޮތީމައެވެ.

ޢައިޝަތުގެފާނު މިނިވަންކުރެއްވި އަޅު ޒަކްވާން ތަރާވީޙު ނަމާދު ކުރެއްވި މުޞްޙަފު ހިއްޕަވައިގެންނެވެ. އެކަން އެގޮތަށް ކުރެއްވީ ޢާއިޝަތުގެފާނު ވިދާޅުވެގެންނެވެ. (ބުޚާރީ)

އަދި ނަމާދުގައި އެއްޗެއް ހިފައިގެން ހުރުމަކީ ނަމާދު ބާޠިލުވާ ކަމެއް ނޫނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފަ ދަރިކަނބަލުން އުމައިމާ އުރުއްވައިގެންވެސް އެކަލޭގެފާނު ނަމާދު ކުރެއްވިއެވެ. ފޯނު ނުވަތަ މުޞްޙަފު ހިފަހައްޓައިގެން ނަމާދު ކުރާނީ އިމާމު މީހާ ނުވަތަ ނަމާދު އެކަނި ކުރާ މީހާއެވެ. ޖަމާޢަތެއްގައި ތިބޭ މީހުން މިގޮތަށް މުޞްޙަފު ނުވަތަ ފޯނުބަލައިގެން ނުކުރެވޭނެއެވެ.

- ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން