ރަސޫލް (ޞޢވ)ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. މީގެ ކުރީގެ އުންމަތްތަކުގެ މީހުންނަށް ﷲ ތަޢާލާ ދެއްވަވާފައި ނުވާ 5 ކަމެއް ރަމަޟާން މަހަށް ޚާއްޞަ ކުރައްވަވައިގެން ﷲ ތަޢާލާ މިއުންމަތުގެ މީހުންނަށް ދެއްވަވާފައިވެއެވެ.
އެއިގެ ތރެއިން ފުރަތަމަ ކަމަކީ ރޯދަވެރިޔާގެ އަނގައި ދުވާ ވަހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ގޮމަކަސްތޫރިއަށްވުރެ މީރުވަސް ދުވާ އެއްޗެކެވެ."
އާދެ! ގޮހޮރަށް ކާނާ ނުގޮސް ގިނައިރު ވުމަކީ އަނގައިން ނުބައިވަސް ދުވުން އެކަށީގެންވާ ކަމެކެވެ. ރޯދަވެރިޔާ އެތައް ގަދިއިރެއްވަންދެން އެއްޗެއް ނުކައި ނުބޮއި އެއްވެސް އެއްޗެއް ގޮހޮރަށް ނުފޮނުވައި އެހުންނަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. އެހެންކަމުން ރޯދަވެރިޔާގެ އެ މަސައްކަތް ﷲ ތަޢާލާ ޤާބޫލުފުޅު ކުރެއްވެވުމުގެ ގޮތުން އޭނާގެ އަނގައިން ދުވާ ވަހަކީ ގޮމަކަސްތޫރިއަށްވުރެ މީރު އެއްޗެއްގެ ގޮތުގައި ﷲ ތަޢާލާ ލައްވަވާނެތެވެ.
އާދެ! ﷲ ތަޢާލާ އާއި ކުއްތަންވުމުގެ ގޮތުން އަޅާކުރާ ހުރިހާ ކަމެއްގެ އަގު ﷲ ތަޢާލާ ވަޒަންކުރައްވަވަތެވެ.
މީހަކު ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރަނިކޮށް އޭނާގެ ހަށިގަނޑުން ތަނެއް މަށައިގެން ގޮސް ނުވަތަ ޒަޚަމްވެގެން އޭނާގެ ހަށިގަނޑޫން އަންނަ ލޭ، ޤިޔާމަތް ދުވަހު އޭނާ މަޙްޝަރު ކުރެވޭ ހިނދު އޭނާގެ ހަށިގަނޑުން އޮހޮރެމުން ދާނެއެވެ. އެހެނަސް އެލެއަކީ ގޮމަކަސްތޫރިއަސްވުރެ މީރުޔވަސް ގަދަ އެއްޗެއްގެ ގޮތުގައި ﷲ ތަޢާލާ ލައްވަވާނެތެވެ.
ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވުމަށްޓަކައި މީސްތަކުން ޢަރަފާތު ބިމަށް އެއްވެ ތިބޭ ވަގުތުގައި ﷲ ތައާލާ މަލާއިކަތް ބޭކަލުންނަށް ވަޙީކުރައްވަވާނެތެވެ.
"ތިމަން ﷲ ގެ އަޅުތަކުންނަށް ބަލައިބަލާށެވެ! އެބައިމީހުން ދުރުން ދަތުރުކޮށްފައި ބޯހާވާލައިގެން އައިސް އެތިބީ ތިމަން ﷲ އަށް ކުއްތަންވުމުގެ ގޮތުންނެވެ."
މީސްތަކުން ޢަރަފާތުވުމަށް ގޮސްތިބޭއިއރު ޢާންމުކޮށް ޒީނަތްތެރިވުމަށް ބޭނުންކުރާ ހެދުންތަކާއި މީރުވަސް ދުއްވުމަށް ބޭނުންކުރާ ފާޑުފާޑުގެ އަތަރުތަކާއި ސެންޓުތަކާ އަދި ބޮޑީ ސްޕްރޭ ފަދަ ތަކެތި ދޫކޮށްލާފައި ހުރުމުން ބައެއް ފަހަރު ގައިން ނުބައި ވަސްދުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އެބައިމީހުން ގޮސް އެތިބެނީ ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން ކަމަށްވާތީ އެމީހުންގެ އަގު ﷲ ތަޢާލާ ވަޒަންކުރައްވަވަތެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި މިވަނީ "ރަމަމާން މަހު ރޯދައަސް ތިބޭ މީހުންނަށްޓަކައި އެބައިމީހުން ރޯދަ ވީއްލުމަށް ދާންދެން އެބައިމީހުން ރޯދަވީއްލުމަށް ދާނަދެން އެބައި މީހުންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ކުރައްވަވަތެވެ."
އާދެ މަލާއިކަތްބޭކަލުންނަކީ ﷲ ތަޢާލާ ކުރެއްވެވި ކޮނަމެ އަމުރުފުޅަކަށް ފުރިހަމައަށް ކިޔަމަންތެރިވެވަޑައިގަންނަވާ ބޭކަލުންނެވެ. ﷲ ތައާލާގެ އެއްވެސް އަމުރުފުޅަކަށް އެބޭކަލުން އުރެދިވަޑައެއް ނުގަންނަވާނެއެވެ. އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި މިވަނީ "ކޮންމެ ދުވަހަކު ވެސްރޯދަވެރިންނަށްޓަކައި ﷲ ތައާލާ ސުވަރުގެ ޒީނަތްތެރިކުރައްވަވަތެވެ. އަދި ވަހީ ކުރައްވަވާނެތެވެ. ތިމަން ﷲގެ އަޅުތަކުން އެ އުފުލާ ބުރަ، ވޭންތަކުގެ ދަރަޖަ އެމީހުންނަށް ލިބުން ގާތްވެއްޖެއެވެ." އެބަސްފޫލުގެ މާނައަކީ ރޯދަވެރިން އުފުލާ ބުރަތަކުގެ ސަބަބުން އެމީހުން ސުވަރުގެ ވަނުން ގާތްވެއްޖެއެވެ.
4 ވަނަ ކަމެއްގެ ގޮތުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި މިވަނީ "ޝައިޠޯނުންގެ ތެރެއިން މާރިނދުންތައް ކަސްތޮޅުއެޅިގެންދެއެވެ. އެނޫން މަސްތަކުގައި މީސްތަކުންނާއި ހަމައަށް އާދެވޭފަދައިން ރަމަޟާން މަހަކު ނާދެވޭނެއެވެ.
5 ވަނަ ކަމެއްގެ ގޮތުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި މިވަނީ "ރަމަޟާން މަހުގެ އެންމެ ފަހު ރޭގައި އެބައިމީހުންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެއެވެ.
އެހިނދު ޞަހާބީން ދެންނެވިއެވެ. "އެއީ ލައިލަތުލްޤަދްރިވިލޭރޭ ހެއްޔެވެ؟"
ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ "ނޫނެކެވެ! އެހެން ނަަމވެސް މަސައްކަތު މީހާއަށް އޭނާގެ އުޖޫރަ ނިމޭނީ އޭނާގެ މަސައްކަތް ނިންމާ ވަގުތުގައެވެ."
އާދެ! ރަސޫލް (ޞޢވ) އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަވާފައިވާ ފިލާވަޅަކީ މަސައްކަތްކުރާ މަސައްކަތް ނިންމާ ވަގުތު އޭނާގެ އުޖޫރަ ދިނުމެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވަވާފައިވާ ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: