ކީރިތި ޤުރްއާން ހިތުދަސްކުރަން އެކި މީހުންނަށް ފަސޭހައީ އެކި ވަޤުތުގައެވެ. އެންމެ ގިނަ މީހުންނަށް ފަސޭހަކަމަށް ބުނެފައި ހުންނަނީ ހަމަހިމޭން މާޙައުލެއް އޮންނަ ވަޤުތެވެ. އެގޮތުން މީސްތަކުން ނިދާފައިތިބޭ ދަމު ނަމާދުގެ ވަޤުތު ނުވަތަ ފަތިސް ނަމާދުގެ ފަހުގެ ވަޤުތު އެއީ އެންމެ މުނާސަބު ވަޤުތެވެ.
ދުވާލު ނަމަ އެމީހަކަށް ފަސޭހަ ކޮންމެ ވަޤުތެއްވެސް އިޚްތިޔާރު ކުރެވިދާނެއެވެ. އެގޮތުން ބައެއް މީހުންނަށް ޢަޞްރު ފަސް ކަމުދާއިރު އަނެއްބައިމީހުންނަށް މަޣްރިބް ފަސްވެސް ކަމުދެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ނިދާ ހޭލާ ތެދުވެ ދަސްކުރާނަމަ ދަސްކުރަން ފަސޭހަވެއެވެ. އެއީ ސިކުނޑި ތާޒާވެފައި ނިދުމުގެ ސަބަބުން ހަށިގަނޑަށް އަރާމު ލިބި ތާޒާވެފައި ހުންނަ ވަޤުތެއް ކަމަށްވާތީއެވެ. ދަމު ނަމާދުގެ ވަޤުތު އަދި ފަތިހު ދަސްކުރަން ޢިލްމުވެރިން ވިދާޅުވަނީ މިސަބަބަށްޓަކައެވެ.
- ޝައިޚް މުޙައްމަދު ޝާމިފިޢު