ޓީވީ ޕްރޮގްރާމްތަކުން ނަމަވެސް އަޢުރަ ބެލުމަކީ ރޯދަ ފަސާދަވެ ޘަވާބު އުނިވެގެން ހިނގައިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޓީވީ ޕްރޮގްރާމްތަކުން ނަމަވެސް އަޢުރަ ބެލުމަކީ ރޯދަ ފަސާދަވެ ޘަވާބު އުނިވެގެން ހިނގައިދާނެ ކަމެއް!

އިސްލާމް ދީނުގައި އަޢުރަ ކަމަށް ބަލަނީ އެ ތަންތަން ނިވާކުރަން ﷲ ތަޢާލާ އަމުރުކުރައްވަވާފައިވާ ހުރިހާ ތަނަކަށެވެ. އަޢުރައިގެ އިންތަކާއި މިންތައް ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގެ އާޔަތްތަކުގައި އެވަނީ އެވެ. 

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާ އަޢުރަ ނިވާކޮށްގެން ހުރީމާ ފުދުނީ ކަމަށާއި އަޢުރަ ނިވާނުކޮށް އުޅޭ މީހުންގެ އަޢުރަ ބެލުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ޙާލެއްގައި މިކަންކަން އޮތް ގޮތެއް ނޫނެވެ. 

ﷲ ތައާލާ ނިވާކުރަން އަންގަވާފައިވާ މިންވަރަށް ނިވާ ނުވެ ތިބޭ މީހުންނަށް ބެލުން ހުއްދައެއް ނުވާނެއެވެ. އެފަދަ މީހުންވެސް މުޖުތަމައުތަކުގައި އުޅޭތީ ލޮލަށް ފެނުނު ނަމަވެސް ފުރަތަމަ ފަހަރަކުން ފާފަވެރިއެއް ނުވާނެއެވެ. ޢަޛާބެއް ނުދެއްވަވާނެއެވެ. ނަމަވެސް އިތުރަށް ބަލައިފިނަމަ ފާފަވެރިވާނެއެވެ. ޢަޖާބު ދެއްވަވާނެތެވެ! 

ކަންކަން މިފަދައިން އޮތުމުން ޓީވީތަކުން ބަލާ ސީރީޒްތަކުގައި ނުވަތަ އެ ނޫންވެސް ޕްރޮގްރާމްތަކުގައި އެމީހުން ލައިގެން ތިބޭ ހެދުމަށް ބަލަން ޖެހޭނެއެވެ. ލައިގެން ތިބޭ ފޭރާމުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަޢުރަ ނިވާ ނުވާނަމަ އެބެލެނީ އަޢުރައަށެވެ.

އެއީ އެމީހަކު ހިފާ ރޯދައަށް އެކަމުގެ އަސަރު ކުރާނެ ކަމެކެވެ. ފާފަވެރިވާނެ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ ރޯދައަށް ހުރެ އެފަދަ ކަންކަން ކުރުމުން ހިފައިގެން ހުންނަ ރޯދައަށް އެކަމުގެ އަސަރުކޮށް އެފަދަ ކަންކަން ކުރާ މިންވަރެއްގެ މައްޗަށް ރޯދައިން އުނިވެގެން ހިނގައިދާނެކަމަށް ބިރުގަންނަން ޖެހޭނެއެވެ.  

އެއިރުން އެކުރެވުނީ މޭޒެއްގެ ފައި ހަދަން ލަކުޑިކޮށަމުން ގޮސް އެ ލަކުޑިގަނޑުން ދަތްކޮށްޓާ އިލޮށިގަނޑެއް ހެދުން ފަދަ ކަމެކެވެ. 

ތިމާ މުޅި ދުވާލު ނުކައި ނުބޮއި އަދި އެނޫންވެސް އެތައް ކަމަކުން މަޙްރޫމްވެގެން ހުންނަނީ ހިފާ ރޯދައިގެ ޘަވާބު އިމެއް ނެތި އިތުރުކޮށްދެއްވެވުމުގެ އެދުމުގައެވެ. އެހާލަތުގައި ކުރި މަސައްކަތުގެ ނަތީޖާ ފެންނައިރު މާވަޑިއާ މޭޒުފައި ހަދަން ކޮށި ލަކުނޑިގަނޑަށްވީގޮތް ވެފައި އޮތުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ؟ 

މިގޮތަށް ރޯދައިން އުނިވެގެން ދިއުމަށް ކިޔަނީ ރޯދަ ފަސާދަވުމެވެ. އެއީ ހަމައެކަކުވެސް ވުމަށް އެދޭނެ ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ރޯދަ ހިފާނީ އެކަމުން ވީހައި ގިނަ ޘަވާބު ދެއްވެވުން އެދިގެންނެވެ. ވީމާ ހިފާ ރޯދައިގެ ފުރިހަމަ ޘަވާބު ލިބޭނެ ގޮތަށް ރޯދަހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން