އިމެއްނެތި ޘަވާބާ ދަރުމަ އެދޭ މީހާ ރޯދަ ހިފުމުގަ އިޚްލާޞްތެރިވާށެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
އިމެއްނެތި ޘަވާބާ ދަރުމަ އެދޭ މީހާ ރޯދަ ހިފުމުގަ އިޚްލާޞްތެރިވާށެވެ!: ޑރ. އިޔާޟް

ރޯދައަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރެވޭނެ އެންމެ ބޮޑު އަޅުކަމަކީ ރޯދަހިފުމެވެ. ރޯދައިގެ މަތިވެރިކަން ބަޔާންކުރައްވަވައި ރަސޫލް (ޞޢވ( ވަނީ އެތައް ޙަދީޘްފުޅުތަކެއް ބަޔާން ކުރައްވަވައިފައެވެ. އަދި ރޯދައަކީ އިސްވެ ދިއަ ހުރިހާ އުންމަތްތަކުގެ މައްޗަށްވެސް ބާވައިލެއްވެވި އެއްޗެއްކަން ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވެވި ފަދައިން ތިއަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވަވައިފިއެވެ. (އެއީ) ތިއަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." (އަލްބަޤަރާ: 183) 

އެހެންކަމުން އެނގިގެން މިދަނީ އިސްވެ ދިއަ (ކުރީގެ) އުންމަތްތަކުގެ މައްޗަށް ވެސް ރޯދަ ފަރުޟޫކުރެއްވެވިކަމެވެ. ރަމަޟާން މަހު ރޯދަހިފުމުގެ މާތްކަން ވަނީ އިތުރުކުރައްވަވައިފައެވެ. އަދި ރޯދަ ހިފުމަކީ ފާފަތައް ފުހެވިގެންދާނެ ކަމެއްކަމުގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. 

އީމާންކަމާއިއެކު، އަދި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން ރަމަޟާންމަހު ރޯދަ ހިފައިމީހާގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެ ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މީގެ އިތުރުން ރޯދައިގެ ސަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވަވަވަނީ އެއްވެސް ލިނިޓެއް ނެތިއެވެ. 

"އާދަމްގެ ދަރިޔާގެ ހުރިހާ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ރޯދަވަނީ ތިމަން ﷲ އަށެވެ. ރޯދައަށް ދަރުމަ ދެއްވަވާނީ ވެސް ތިމަން ﷲ އެވެ. ރޯދައަކީ އެއީ އައްޑަނައެކެވެ. ރޯދައަށް ހުންނައިރު ހަދިމުޑުދާރު ކަންތައްތައް ކުރުމުން ދުރުހެލިވާށެވެ! އަދި އަޑުގަދަކޮށް އަރާރުންވުމުންވެސް ދުރުހެލިވާށެވެ! ރޯދއަށް ހުއްޓައި މީހަކު އޭނާއަށް ހަޑިހުތުރު އެއްޗެތި ކީކަމުގައިވީނަމަވެސް ނުވަތަ އޭނާގައިގައި ތަޅައިފޮޅައިގަތް ކަމުގައިވީނަމަވެސް އޭނާއަށް ޖަވާބުގައި ބުނާށެވެ! ތިމަންނާއަކީ ރޯދައަށްހުރި މީހަކީމެވެ. މުޙައްމަދު (ޞޢވ)ގެ ނަފްސް އެފަރާތްޕުޅެއްގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަސް އެއީ ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރިއަށްވުރެ މީރުކަން ގަދަ ވަހެކެވެ. ރޯދަވެރިޔާއަށް ދެ އުފާވެރިކަމެއް ވެއެވެ. ރޯދަވެރިޔާ ދެ މުނާސަބަތެއްގައި އުފާކުރާނެއެވެ. ރޯދަވީއްލާގަދީގައި އޭނާ އުފާކުރެއެވެ. އަދި އޭނާގެ ވެރި ރައްބާއި އޭނާ ބައްދަލުކުރާއިރުގައި އޭނާ އުފާކުރެއެވެ." 

ރޯދަ ވީއްލާ ގަޑީގައި އޭނާ އުފާކުރަނީ ﷲ ތަޢާލާއަށްޓަކައި އޭނާއަށް ކިޔަމަންތެރިކަން އަދާކުރެވުނު ކަމަށްޓަކައެވެ. ﷲ ތައާލާ އާއި ބައްދަލުވާހިނދު އޭނާ އުފާކުރަނީ އޭނާއަށްޓަކައި ﷲ ތަޢާލާ ދެއްވަވާ ދަރުމައިގެމަތިވެރިކަން ފެނުމުންނެވެ.  

އެހެންކަމުން މިމާތް މައްސަރުގައި އިޚްލާޞްތެރިކަމާއިއެކު ރޯީދަހިފުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށް ނަބޭޙަތްތެރިވާ ޙާލު ތިއަ އެންމެ ބޭފުޅުންނަށްވެސް ނަބޭޙަތްތެރިވަމެވެ. ވައްސަލާމް ޢަލައިކުމް"  

- ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން  

ގުޅުންހުރި ވީޑިއޯ:

 

 

 

 

 

 

މިއަދު އޮންލައިން