މުސްލިމުންނަކީ ކޮންމެ ކަމެއް ކުރަން ފަށަމުންވެސް )بسم الله الرحمن الرحيم) ކިޔަންޖެހޭ ބަހެކެވެ. އެހެންކަމުން ގިނަބައަކު ކިޔާ ކަމަށްވެސް ބުނެވިދާނެއެވެ. އަނެއްބައަކު ކުރުކޮށްލައި ހަމައެކަނި (بسم الله) ވެސް ކިޔައެވެ.
ކޮންމެއަކަސް މިކިޔެނީ "ރަޙްމާން ވަންތަ ރަހީމް ވަންތަ ﷲ ގެ އިސްމް ފުޅުން ފަށައިގަންނަމެވެ."
ހަމައެކަނި މިވަރަކުން ނުނިމެއެވެ. މިއީ ކީރިތި ޤުރްއާނުގެ ވެސް ފެށުމެވެ. އެނގިގެން މިދަނީ ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ ފަރާތް ކަމެވެ. ވީއިރު ރަޙްމާންވަންތަ ރަޙީމްވަންތަ، އެންމެ ދީލަތިވަންތަ، އެންމެ އޯގާތެރިވަންތަކަން ލިބިވޮޑިގެންވާ ﷲ ތަޢާލާ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެކަން ހިތުގެ އަޑިން ޔަޤީންކުރަން ޖެހެއެވެ. ހުރިހާ ވެސް މައްސަލައަކީ އެކަން ޔަޤީން ނުކުރެވިގެން އުޅޭކަމެވެ.
ހިތާމައަކީ بسم الله ކިޔުން މަދުކަމެވެ. ދުލުން ކީ ނަމަވެސް މާނަ ހިތަށް ނުގެނެވޭކަމެވެ. މާނަ ހިތަށް ގެނެވުނު ނަމަވެސް ހިތުގެ އަޑިން ޔަޤީންކުރެވޭ މިންވަރު ކުޑަވުމެވެ. އިތުބާރު ކުޑަވުމެވެ.
އެހެން ނުހަދާށެވެ! އެއް ގޮތެއްގައި ސާބިތުވާށެވެ! ﷲ ތަޢާލާ އާއިމެދު ދުލުން ބުނެވޭ ބަހަށް ހިތުގެ އަޑިން ޔަޤީންކަން ބާއްވާށެވެ!
މިއަދު އަހަރެމެން ދިރިއުޅެމުން މިގެންދަނީ ވަރަށް ދަތި ޙާލަތެއްގައި ކަމަށްވެދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ މީޙާލަތު އަހަރެމެންނާއި ބައްދަލުކޮށްފައި މިވަނީ އެއްވެސް މީހަކު އަމިއްލަ އަށް ބޭނުންވެގެން ނޫން ކަމެވެ. ﷲ ތައާލާ މިންވަރުކުރެއްވެވުމުން ކަމެވެ. ވީމާ މިކަމުގެ ފަހަތުގައި އަހަރެމެންނަށް ނުވެސް ވިސްނޭ އެތައް ބައިވަރު ކަންތައްތަކެއް ފޮރުވިގެންވާނެ ކަމެވެ. މާއުފާވެރި ދުވަސްތަކެއް ފަހަތުން އަންނާނެ ކަމެވެ.
ވީމާ ރަޙްމާންވަންތަ ރަޙީމް ވަންތަ ﷲ ތަޢާލާގެ ރަޙްމަތަށް ޔަޤީންކުރާށެވެ! އެކަން ނުކުރެވޭ މީޙަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ! އެކަން ކުރެވޭ މީހާ ހުންނާނީ އަބަދުވެސް ހިތްހަމަޖެހިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން