މިއަހަރުގެ ރޯދަ މަސް ބައްދެލުކޮށްފައި މިވަނީ ޝައިޠޯނާ އެންމެ އުފާވާޤނެ ގޮތަށެވެ. މިސްކިތްތައް ހުރީ ބަންދުކޮށްފައެވެ. ޖަމާއަތުގައި ނަމާދެއް ނުކުރެވެއެވެ. ޤުރްއާން ކިޔަވައިލަން މިސްކިތުގައި މަޑުކޮށްލެވޭނެ ގޮތެއް ނެތެވެ. މިސްކިތުގައި ރޯދަވީއްލުން ނުބޭއްވޭތީ އާއި ތަރާވީޙް ނަމާދު ނުކުރެވުން ފަދަ ކަންކަމުގެ ސަބަބުން މިސްކިތްތަކުގެ އެކުވެރިންގެ ގުޅުންތައް މިވަނީ ކެނޑިފައެވެ.
ކުރިމަތީގައި ހުރި މިދަތިތަކާއި ހުރަސްތައް މިހައި ގިނަ ނަމަވެސް އެއިން އެއްވެސް ކަމަކީ ހުރަހަކަށް ނުބަލައި ރަމަޟާން މަސް ކާމިޔާބުކުރަން މަސައްކަތްކޮށް މި ރަމަޟާން މަސް ކާމިޔާބުކޮށްފި މީހާ އެވަނީ ދެ ދުނިޔެ ކާމިޔާބުކޮށްފައެވެ. ޝައިޠޯނާގެ ކިބައިން ސަލާމަތްވެވި ޝައިޠޯނާ ފަހަތަށް ފޮނުވައިލެވިފައެވެ.
ޙަޤީޤަތުގައި ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ގޮތުގައި ހިފައި ކާމިޔާބުކުރާ މީހުންނަށް ޙަޔާތުގެ ދެން އޮންނަ ދުވަސްތައް ކާމިޔާބުކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އެހެންކަމުން މިގޮތަށް ވިސްނައިލާށެވެ!
މިސާލަކަށް ބަލަންވީ މިލިޓަރީ ޓްރޭނިންގ ހަދާ މީހުންނެވެ. ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން އެމީހުން ވަރަށް ވަރުގަދަ ޓްރޭނިންގތައް ހަދައެވެ. ބުރަ މަސައްކަތްތައް ކުރެއެވެ. ކާމިޔާބު ކަމާއިއެކު އެ ޓްރޭނިންގތައް ނިންމައިގެން ހުރި މީހަކު ފަހުން އާދައިގެ ޖިމަކަށް ވަދެ ކަސްރަތުކުރަން ވެއްޖެ ނަމަ އެކަން އެމީހާއަށް ވާނީ ބޮޑު ޖޯކަކަށް ނޫން ހެއްޔެވެ؟ އެހެނީ އޭނާ އެހެރީ ކުރިން މާވަރުގަދަ ކަންތައްތަކެއް މާ ގިނައިރު ކޮށް އެކަންކަމަށް ހޭނިގެންނެވެ.
ރަމަޟާން މަހުގެ ޓްރޭނިންގ އަކީވެސް ހަމަ އެފަދަ ކަމެކެވެ. ރަމަޟާން މަހުގެ ޓްރޭނިންގ ފުރިހަމަކޮށްފި މީހަކަށް ރަމަޟާން މަސް ދިއުމުން ދެން ކުރަން ޖެހޭ އަޅުކަންތައްތައް ކުރުން ވާނީ ފެންބުއިން ހައި ފަސޭހަ ކަމަކަށެވެ. މިސާލަކަށް ކޮންމެ ރެއެއްގެ ތަރާވީޙް ނަމާދާއި ދަމުނަމާދާއި ވިތުރި ކުރި މީހަކަށް އެނޫން މަސްތަކުގައި ވިތުރީގެ 3 ރަކްއަތް ކޮށްލުމަކީ އެއްވެސް ބުރައަކަށް ނުވާނެއެވެ. ތަހައްޖުދު ނަމާދު ކޮށްލުން ވާނީ ވެސް ވަރަށް ފަސޭހަ ކަމަކަށެވެ.
ރަމަޟާން މަހު ޚަތިމެއް ނުވަތަ 2 ޚަތިމް ކުރި މީހަކަށް ފަހުން ދުވާލަކު ފޮތެއް ކިޔަވައިލުން ވާނީ ކޮން ބުރަކަމަށް ހެއްޔެވެ؟
ވީމާ ރަމަޟާން މަސް އައުމުން އެމަހުން ލިބެންޖެހޭ ޓްރޭނިންގ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެކަމުގެ ފައިދާ މުޅި އުމުރުގައިވެސް ކުރާނެއެވެ. ރަމަޟާން މަހުގެ ފައިދާތަކުގެ ތެރޭގައި މީހާ ނަރަކައިން ސަލާމަތްވެވޭނެ މިފަދަ ހުރިހާ ޙިކުމަތްތްކެއް ވެއެވެ! ފުރުޞަތުގެ ބޭނުން ހިފުމަކީ އަހަރެމެންގެ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން