ރޯދައަކީ ލިމިޓެއްނެތި ﷲ ސަވާބު ދެއްވަވާ އަޅުކަމެކެވެ! ފުރިހަމަ ގޮތުގަ ރޯދަ ހިފަން މަސައްކަތްކުރާށެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ރޯދައަކީ ލިމިޓެއްނެތި ﷲ ސަވާބު ދެއްވަވާ އަޅުކަމެކެވެ! ފުރިހަމަ ގޮތުގަ ރޯދަ ހިފަން މަސައްކަތްކުރާށެވެ!: ޑރ. އިޔާޟް

"އާދަމުގެ ދަރިޔާ ކުރާ ކޮންމެ ހެޔޮ އަމަލަކީވެސް 10 ގުނައިން ފެށިގެން 700 ގުނައަށް އިތުރުކުރައްވަވާނެ ކަމެކެވެ. ނަމަވެސް ރޯދަ މެނުވީއެވެ. ރޯދަ ވަނީ ތިމަން ﷲ އަށެވެ. ރޯދައަށް ޖަޒާ ދެއްވަވަނީވެސް ތިމަން ﷲ އެވެ. ސަބަބަކީ އޭނާގެ ޝަހުވަތާއި އޭނާގެ ކެއުން ބުއިމާއި މިހުރިހާ ކަމެއް އޭނާ ދުކޮށްލައިގެން އެހުރީ ތިމަން ﷲ އަށްޓަކައެވެ." 

މިޙަދީޘްފުޅުގައި އެތައް ގޮތަކުން ރޯދަވަނީ މަތިވެރިކުރައްވަވައިފައެވެ. ފުރަތަމަ ކަމަކީ ރޯދަ ﷲ ތަޢާލާއަށް ޚާއްޞަ ކުރައްވަވާފައި އޮތުމެވެ. އެއީ ރޯދައިގެ ޝަރަފާއި ﷲ ތަޢާލާ ރޯދް ދެކެ ލޯބިވެވޮޑިގަތުން ބޮޑުކަމަށްޓަކައެވެ. އަދި އެ ރޯދަ ހިފޭނީ ވަރަށް އިޚްލާޞްތެރި މީހަކަށްވީތީވެއެވެ. 

އެހެން ކޮންމެ އަޅުކަމަކީވެސް ކިތަންމެ ސިއްރިޔާތުގައި ކުރިނަމަވެސް އެމީހަކު އެ އަޅުކަން ކުރަނިކޮށް އެހެން މީހަކަށް ފެނިދާނެ ކަމެކެވެ. ނަމަވެސް ރޯދަވެރިޔާ އޭނާ އެހުރީ ރޯދައަށް ކަމަށް ނުބުނާހައި އެހެން އެއްވެސް މީހަކަށް އެކަމެއް ނުއެނގޭނެތެވެ. ރޯދަވެރިޔާގެ މަތިވެރިކަން މިހައިބޮޑުވެގެންދަނީ އޭނާގެ ހުރިހާ ބޭނުންތަކެއް ﷲ އަށްޓަކައި ދޫކޮށްލައިގެން ހުންނާތީއެވެ. 

ދެވަނަ ކަމަކީ އެެއްވެސް ލިމިޓެއް ނެތް ގޮތުގައި ރޯދައަށް ޖަޒާ ދެއްވަވާނީ ތިމަން ﷲ ކަމަށް ވަޙީކުރައްވަވާފައި އޮތް އޮތުމެވެ. އެހެން ހުރިހާ އަޅުކަމަކަށް 10 އާއި 700 އާއި ދެމެދުން ސަވާބު ދެއްވެވި ނަމަވެސް ރޯދައަށް އެއްވެސް ލިމިޓެއް ނެތި ސަވާބު ދެއްވަވަނީ އޭނާގެ ކެތްތެރިކަމަށްޓަކައެވެ. 

ކެތްތެރިކަމަކީ އެއްވެސް ލިމިޓެއް ނެތި ސަވާބު ދެއްވަވާ ކަމެއްކަން ބަޔާންކުރައްވަވައި ސޫރަތުއްޒުމަރުގެ 10 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. " ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިއަބައިމީހުން ތަޤްވާވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި ﷲ ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއްނެތިއެވެ." 

މިއާޔަތުގައި ވަހީ ކުރައްވަވާފައި މިވަނީ "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއް ނެތި" ކަމަށެވެ.

ރޯދައަކީ އައްޑަނައެއް ކަމަށްވެސް މިޙަދީޘްފުޅުގައި ވެއެވެ. އެއީ ނުބައި ވާހަކަތަކާއި ނުބައި އަމަލުތަކާއި އެފަދަ އެންމެހައި ކަންކަމުން ރޯދަ، ރޯދަވެރިޔާ ސަލާމަތްކޮށްދޭތީއެވެ. ޙަދީޘްފުޅުގައި ވަނީ ތިއަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރެއްޖެ ކަމުގައި ވަނީ ނަމަ ހަދިމުޑުދާރު ކަންކަން ނުކުރުމަށެވެ. އަރާރުންވުނަ ފަދަ ކަންކަން ވެސް ނުކުރުމަށެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން