މީހާގެ އުމުރު ހުސްވަނަދެން ހުސް ތަށްޓެއް އަތައްލައިގެން ހުރި ނަމަވެސް އެ އަށް ފެން ނުއަޅައި އެތަށިން ފެނެއް ނުބޮވޭނެއެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމެކެވެ.
ރޯދަ ހިފުމަކީވެސް ހަމަ އެފަދަ ކަމެކެވެ. ނުކައި ނުބޮއި އަދި ޝަހްވަތުން ދުރުވެގެން ހުރި ނަމަވެސް އަދި އެއީ ރޯދަ ހިފުނީއެއް ނޫނެވެ. ރޯދަ ހިފުނުކަމަށްވާނީ ރޯދަވެރިޔާ ކުރަންޖެހޭ އެހެނިހެން އަޅުކަން ވެސް ކުރުމުންނެވެ. ޚާއްޞްކޮށް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމުންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރޯދަ ފުރިހަމަކުރުމަށްޓަކައި ފުރަތަމަ ކަމަކަށްވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ! ރަވާތިބު ސުންނަތާއި އެހެންވެސް ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކޮށް އުނގެނޭށެވެ! މާނަ ދަސްކުރާށެވެ!
ޛިކުރުކުރުން ގިނަކުރާށެވެ! ރޯދައަށް އުނިކަން ލިބޭނެ އެންމެހައި އަމަލުތަކުން ދުރުހެލިވާށެވެ! ރޯދަ ރޯދއަކަށް ވާނީ އެއިރުންނެވެ.
މީރު ފަނިތަށްޓެއް ގިރައިގެން ބޯން ބޭނުންވާ މީހާ އަމަލުކުރަންޖެހޭނެ ގޮތް ހިތަށް ގެންނާށެވެ! ފުރަތަމަ ތަށްޓަށް އަޅާނީ ފެނެވެ. ފަނިތަށްޓަކަށް ބަދަލުވާނީ ފަނިގިރުމަށްޓަކައި ފެނަށް އޅަންޖެހޭ ތަކެތި އަޅައި ފެނާއި އެއްކުރުމުންނެވެ. މީރުވާނީ ރަހަތަށް ހެޔޮވަރުކުރަން އެކަމުގައި އެމީހާ ސަމާލުކަންދިންވަރަކުންނެވެ.
ރޯދަވެސް ރޯދައަކަށްވާނީ ހަމަ އެފަދައިންނެވެ. ރޯދަ ފުރިހަމަ ގޮތުގައި ހިފަން ސަމާލުކަން ދިން މިންވަރަކުންނެވެ. ރޯދަވެރިޔާ ކުރަން ޖެހޭ ކަންކަން ކުރި މިންވަރަކުންނެވެ. ހުސްތަސްޓެއްގެ މިސާލުން މިސާލު މިދެއްކީ އެހެންވެގެންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން