ރޯދަ ހިފުމަށް އިންކާރުކޮށްފި މީހާ ދީނުން ބޭރުވާނެ! ޙުކުމަކީ މުރުތައްދުވީ މީހެއްގެ ޙުކުމް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ރޯދަ ހިފުމަށް އިންކާރުކޮށްފި މީހާ ދީނުން ބޭރުވާނެ! ޙުކުމަކީ މުރުތައްދުވީ މީހެއްގެ ޙުކުމް!: ޑރ. އިޔާޟް

"ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި  ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިއަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޞިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ، ތިއަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިއަަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިއަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިއަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިއަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ." (އަލްބަޤަރާ: 185) 

މިއާޔަތް ބާވައިލެއްވެވި ހިސާބުން ރަމަޟާންމަހު ޙާޒިރުވެ ހުރެއްޖެ މީހާ، ޞިއްހީ ނުވަތަ އެނޫންވެސް ރޯދަ ދޫކޮށްލުން ހުއްދަވެގެންވާ ސަބަބެއް މެދުވެރިވެފައި ނުވާނަމަ ރޯދަ ހިފަން ޖެހޭނެއެވެ. އެކަމަށް އިންކާރު ކޮށްފި މީހާއަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. މާނައަކީ ރަމަޟާން މަހު ރޯދަ ހިފަން ނުޖެހޭނެ ކަމަށް ބުނެފި މީހާ ދީނުން ބޭރުވެގެންދާނެއެވެ. އެފަދަ މީހުންނަށް ތައުބާލައިދޭން ޖެހޭނެއެވެ. ތައުބާ ނުވެއްޖެ ނަމަ މުރުތައްދުވީ މީހެއްގެ ޙުކުމް އެމީހެއްގެ މައްޗަށް އަންނާނެއެވެ. 

ރޯދަ ފަރުޟު ކުރެއްވެވުނީ ހިޖުރައިން ދެވަނަ އަހަރުގައެވެ. ރަސޫލް (ޞޢވ) 9 އަހަރު ރޯދަ ހިއްޕެވިއެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ރަމަޟާން މަސް އައުމުގެ 1 ދުވަސް ނުވަތަ 2 ދުވަސް ކުރިން ރޯދަ ހިފަން ނުފެށުމަށެވެ. އެ ދެ ދުވަހު ރޯދަހިފުން ހުއްދަވެގެންވަނީ ދެދުވަހުން އެއް ދުވަހު އަދި ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހު އަދި ޝަޢްބާން މަހު ވީހައި ގިނަ ދުވަހު ރޯދަ ހިފަން ނިޔަތްގަނެގެން އެކަމަށް މަސައްކަތްކުރާ މީހުންނަށެވެ. އެ ނޫން މީހަކު އެދެ ދުވަހު ރޯދަ ހިފައިގެން ނުވާނެއެވެ. އެކަން ހުއްދައެއް ނޫނެވެ. މީގެ އިތުރުން ކުރީ އަހަރުން ޤަޞާކުރަން ޖެހޭ ރޯދައެއް ނުހިފި އޮތް މީހަކު އެ ދެދުވަހު ރޯދަ ހިފި ނަމަވެސް މައްސަލައެއް ނެތެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަސް ދެއްވި ޚާއްބަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން