މިފަދަ ދަތި ދަނޑިވަޅުގައިވެސް ބައެއް ގޭގޭގެ ސިޓިންގ ރޫމްތަކާއި ކާމޭޒުތައް ދޮށުގައާއި އަދި ނިދާ ވަގުތުވެސް ކޮންމެވެސް ވަރެއްގެ ދެބަސްވުންތައް އެބަ ކުރިއަށްދެއެވެ. އެކަން އެހެން އެވަނީ ރަމަޟާން މަހަށް މަރުޙަބާ ކިޔަން ކޮންމެހެން ކުރަން ޖެހޭ ކަންތައް ނުކޮށް ރޯދަހިފަން ފެށުމުން ކަމަށްވެސް ވެދާނެއެވެ.
ރަމަޟާން މަހަށް ހިތް ސާފުކޮށް މާފުކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
"ލޯބިވާ ބައިވެރިޔާއެވެ! އަހަރެންގެ ހިތް ތިބާއަށްޓަކައި ވަރަށް ސާފެވެ! ކަލާގެ ހިތްވެސް އަހަރެންނަށްޓަކައި ސާފުކަމަށް އުންމީދުކުރަމެވެ! ކަލާއަށް ކުރެވިފައިވާ ހުރިހާ ކުށަކަށް މަޢާފަށް އެދުމަކާއި ނުލައި މަޢާފްކޮށްފީމެވެ. އަހަރެންނަށްވެސް ކުށެއް ކުރެވިފައިވާނަމަ އެކަށުކަށް މަޢާފަށް އެދެމެވެ!" މިއީ ރަމަޟާން ފަދަ އަޅުކަމުގެ މޫސުންތައް ފެށިގެން އަންނައިރު ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކަށް ބުނަން ޖެހޭ ބަސްތަކެވެ.
އިސްވެ މަޢާފް ކުރުމަކީ އެންމެ މާތްކަން ބޮޑު ގޮތެވެ. މަޢާފަށް އެދުމަކީ އެހައިމެ ގިނަގުނަ ސަވާބު ދެއްވަވާ ކަމެކެވެ. ނަތީޖާއަކީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ބަރަކާތް އިންތިހާއަށް އިތުރުވެގެން ދިއުމެވެ. ޔަޤީނުންވެސް އެނގޭ ކަމަކީ ދެމަފިރިން އެކަކު އަނެކަކަށް ހިތް ސާފުކޮށް، މަޢާފް ކުރުމާއިއެކު ރަމަޟާންމަހާއި ކުރިމަތިލައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ރޯދަ ހިފަމުން ގެންދާނަމަ އެދެމަފިރިއަކަށް ބަރަކާތް އިތުރުކޮށްދެއްވަވާނެކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން