ﷲ ތައާލާ ކޮންމެ ކަމެއްވެސް ކުރިމަތި ކުރައްވަވަނީ އެކަމަކުން އެތައް ގިނަ ފައިދާތަކެއް ޙާޞިލުކުރެވޭނެ ގޮތަށެވެ. އެކަންކަނ އެނގޭނީ ވިސްނައި ފިކުރުކުރުމުންނެވެ. އަހަރެމެންނަށް މިއަހަރުގެ ރަމަޟާން މަސް މިންވަރުކުރައްވަވާފައި މިވަނީ އެހެން ހުރިހާ އަހަރުތަކަކަށްވުރެ ﷲ ތަޢާލާ އާއި ކުއްތަންވުން ފަސޭހަވާނެ މަގު ފަހިކޮށް ދެއްވެވުމާއިއެކުގައެވެ.
އެއީ ޢާއިލާގެ ގިނަ ބައަކަށް އެއްތަނެއްގައި މަޑުކޮށްގެން ތިބެންޖެހިފައިވުމުންނެވެ. އެކަކު އަނެކަކަށް ޚިދުމަތްކުރަން އިންތިހާއަށް ފަސޭހަވެފައި އޮތުމުންނެވެ. މިހުރިހާ ސަބަބުތަކާއިހުރެ ގަދައަޅައި މަސައްކަތްކުރަންވީ މި ރަމަޟާން މަހަކީ ރަޙިމުގެ ގުޅުން އެންމެ ބޮޑަށް ބަދަހިކުރާ މަސް ކަމުގައި ހެދުމަށާއި ރަމަޟާންމަހަށްފަހު އެކަން ދެމެހެއްޓުމަށެވެ.
އެހެނީ ރަޙިމުގެ ގުޅުން ދަމަހައްޓަން މަސައްކަތްކުރި ވަރަކަށް އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން، ﷲ ތަޢާލާ ބަދަހިކުރައްވަވަތެވެ. ވީއިރު މިއީ ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ 24 ގަޑިއިރު ހޭދަކުރަންޖެހިފައި މިވަނީ މައިންބަފައިންނާއި ޢާއިލާ އާއިއެކުގައެވެ. ހަމަ ކޮންމެ ބައްދަލުވުމަކީވެސް ގުޅުން ބަދަހިކުރުމުގެ ވަގުތަކަށް ނުހަދަންވީ ކީއްވެގެންހެއްޔެވެ؟
މުސްލިމުން އެކަކު އަނެކަކަށް ހިތް ސާފުކޮށް މަޢާފް ކުރަންވީ އަދި މަޢާފަށް އެދެންވީ ކޮންމެހެން ކުށެއް ކުރެވިފައި އޮވެގެނެއް ވެސް ނޫނެވެ. އެކަމުގެ ދަލީލަކީ އެއްވެސް ކުށެއް ނެތިމެ ކޮންމެ ދުވަހަކު މަދުވެގެން 70، 100 ފަހަރު ރަސޫލް (ޞޢވ) އިސްތިޣްފާރު ކުރައްވަވަމުން ގެންދެވިކަމެވެ! އަދި ގިނަގިނައިން އިސްތިޣްފާރުކުރުމަށް އުންމަތަށް އިރުޝާދު ދެއްވަވާފައިވާ ކަމެވެ.
ރަޙިމުގެ ގުޅުން ބަދަހިކުރަން ކުރަންޖެހޭ ފުރަތަމަ ކަމަކީވެސް އަޚާ އާއިމެދު ހިތުގައި ހުރި ބުރަތައް ފިލުވައިލުމެވެ. އެއްވެސް މީހަކާއިމެދު ހިތްބުރަކަމެއް ނުބާއްވާށެވެ! އަޚުންގެ އިތުރުން އެހެން މީސްމީހުންނާއިމެދު އުފެދިފައިވާ އުދާސްތައް ވެސް ބޭރުކޮށްލާށެވެ! އެކަންކަމަށް މަޢާފްކޮށްފައި އެކަމުގެ ބަދަލު ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ!
މިބަޔާންކުރި ސަބަބުތަކަށްޓަކައި، ﷲ ތައާލާ އާއި ކުއްތަންވުމަށްޓަކައި އެއްވެސް މީހަކަށް އެއްވެސް ހިތް ބުރަކަމެއް ނުބާއްވާށެވެ. އަނިބިމީހާއަށް ވެސް ފިރިމީހާއަށް ވެސް އަދި ޢާއިލާގެ އެއްވެސް މީހަކަށް އެއްވެސް ހިތްބުރަކަމެއް ނުބާއްވާށެވެ. އެކަކު އަނެކަކަށް ހުރިހާ ކަމަކަށް މަޢާފްކުރާށެވެ. އެހެނީ ރޯދައަށް ހުންނައިރު މިފަދަ ކަންކަމަށް ވިސްނުމަކީ ރޯދައިން ބައެއް އުނިވެގެން ހިނގައިދާނެ ކަމަކަށްވާތީއެވެ. ޚާއްޞަކޮށް ހަސަދަވެރިކަމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން