ނަފްސާނީ ހުރިހާ މައްސަލަތަކެއްގެ ޙައްލު ޤުރްއާނުގެ އެންމެ އާޔަތަކުން ހޯދެން އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ނަފްސާނީ ހުރިހާ މައްސަލަތަކެއްގެ ޙައްލު ޤުރްއާނުގެ އެންމެ އާޔަތަކުން ހޯދެން އެބައޮތެވެ!

ކުރިއަށް ނުދެވިގެން ކަންބޮޑުވާން ތިއަ ޖެހެނީ ކުރިއަށް ދާން އޮތް މަގު މާހަނިކޮށްލައިގެން ވިސްނާތީއެވެ. ވިސްނުން ފުޅައުކޮށް ކުރިއަށް ދެވޭނެ އިތުރު މަގުތައް ހޯދާށެވެ! ﷲ ގެ ޙަޟްރަތުން އިޚްލާބްތެރިކަމާއެކު ވާގިއެދުމުން މާ ކާމިޔާބު އިތުރު މަގުތައް ދައްކަވާނެތެވެ! އިން ޝާ ﷲ

އަތުގައި ކާނެ ގޮވާންކޮޅެއް ހުރެފައި ބޯނެ ފެންފޮދެއް ހުރިނަމަ ރޯދަ ވީއްލައި ހާރުވެސް ކެވޭނެއެވެ. ރޯދައަށް ހުންނައިރު ކުރީ ރޭ ކެއި އެއްވެސް އެއްޗަކީ އެއްވެސް މިންވަރަކަށް މުހިންމު އެއްޗެއް ނޫނެވެ. ރޯދައަށް ބޭނުންވަނީ ވީހައި ގިނަ ހެޔޮ އަމަލުކުރުން ކަމުގައިވާތީއެވެ.  

ދަތިކަމުން ފުރިފައިވާ މި ރަމަޟާން މަހު އެންމެ ގިނަ ބައަކު ކަންބޮޑުވެ މާޔޫސްބަލީގެ ޝިކާރައަކަށް ވަމުން މިދަނީ މިކަންކަން ނުވިސްނޭތީއެވެ. ދަތިޙާލަށް ކެތްތެރިވުމުން ﷲ ތައާލާ ދެއްވަވާނެ ނިޢްމަތްތައް ޤަބޫލު ނުކުރެވޭތީއެވެ. 

ހަމަ އެންމެ ކަމެއް ހިތަށް ގެންނާށެވެ! ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް އޮތް ވަހީ ބަސްފުޅެވެ. އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާ މީހަކަށް އިތުރަށް ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟ 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (އަލްބަޤަރާ: 153) 

މިއީ ހަމަ ހުރިހާ މުސްލިމުން ވެސް ވަރަށް ރަނގަޅަށް ދަންނަ އާޔަތެކެވެ. ހަމަ ހުރިހާވެސް މައްސަލައަކީ ޤަބޫލުނުކުރެވޭކަމެވެ. ﷲ ތައާލާއަށް އިތުބާރު ނުކުރެވޭ ކަމެވެ. މިއާޔަތް ފުރިހަމައަށް ޤަބޫލުކޮށް މިއާޔަތަށް އިތުބާރުކުރާމީހާ އަބަދުވެސް ހުންނާނީ މާޔޫސްބަލިން ސަލާމަތްވެގެންނެވެ. އިން ޝާ ﷲ 

ބައެއް މީހުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ސަބަބަކީ މިޙާލަތުގެ ސަބަބުން ތިމާ ބައްދަލުކުރަން ބޭނުންވާ ލޯބިވެރިޔާ ނުވަތަ އަނބިން، ފިރިން، ދަރިން އަދި ޢާއިލާގެ މީހުންނާއި އަދި އެނޫންވެސް މީހަކާއި ބައްދަލު ނުކުރެވޭތީއެވެ. ވިސްނައިލަންވީ މިޙާލަތު މެދުވެރިކުރައްވަވައި ބައްދަލު ނުކުރެވޭނެ ގޮތް މިންވަރު ކުރައްވަވާފައިވަނީވެސް ހަމަ ﷲ ތައާލާ ކަމެވެ. ބައްދަލުކުރަން އެންމެ ބޭނުންވާ މީހުންނާއި ބައްދަލު ނުކުރެވުމުގައި ވެސް ފޮރުވިގެންވާ ޙިކުމަތްތަކެއް ވާނެކަން ޔަޤީންކޮށް ކެތްތެރިކަން އިތުރުކުރާށެވެ. 

ހިތަށް ފިނިކަން ލިބި ނަފްސަށް ހަމަޖެހުން ލިބިގެންދާނީ މިކަންކަމަށް ވިސްނުމުންނެވެ. ކުރުކޮށް ބުނާނަމަ ﷲ ތައާލާއަށް ވަކީލުކުރާ އަޅަކަށް ވާށެވެ! ޙައްލު ނުފެންނާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން