ފުރާވަރުގެ ކުދިން ހަރަކާތްތެރިކުރުވުމަށް ބިލާލްގެފާނަށް ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަތް ސަބަބު ކިޔައިދީ ޢަމަލުކުރުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ފުރާވަރުގެ ކުދިން ހަރަކާތްތެރިކުރުވުމަށް ބިލާލްގެފާނަށް ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަތް ސަބަބު ކިޔައިދީ ޢަމަލުކުރުވާށެވެ!

ލޮބުވެތި ކުޑަކުދިންނޭވެ! މިއަދުގެ މިޙާލަތުގައި އެންމެ ބޮޑަށް ހަނދާންކުރަންވީ ބިލާލުގެފާނު ދިރިހުންނަވަނިކޮށް އެކަލޭގެފާނަށް ސުވަރުގެ ލިބިވަޑައިގެންނެވި ކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ގޮތުގެ ވާހަކައަށެވެ. 

ވާހަކަ ފުރަތަމަ ފެށެނީ ރަސޫލް (ޞޢވ) ގެ އިސްރާ އާއި މިޢްރާޖް އަރާވަޑައިގެންނެވި މަތިވެރި ދަތުރުފުޅާއި ހަމައިންނެވެ. އެދަތުރުފުޅުގައި ރަސޫލް (ޞޢވ) އަށް ސުވަރުގެ އިން ބިލާލުގެފާނުގެ ފައިވާންޕުޅުގެ އަޑުފުޅު އިވިވަޑައިގެންނެވިއެވެ. 

ރަސޫލް (ޞޢވ) އަސް ބިލާލުގެފާނުގެ ފިޔަވަޅުފުޅުގެ އަޑުފުޅު ޔަޤީންކުރައްވަވަން ވަރަށް ފަސޭހަފުޅެވެ. އެއީ ރަސޫލް (ޞޢވ) ދިރިއުޅުއްވި ގަނޑުވަރުކޮޅު މަސްޖިދުއްނަބަވީ އާއި އިންވެގެން ހުރެފައި ކޮންމެ ނަމާދެއްގެ ބަންގި ގޮވަން ބިލާލްގެފާނު ވަޑައިގަންނަވާ އަޑު ރަސޫލް (ޞޢވ) އަށް އަބަދު އިވިވަޑައިގަންނަވާތީއެވެ. ފަތިސް ނަމާދު ވަގުތަކީ ޢާންމުކޮށް އަޑުތައް މަޑު ވަގުތަކަށްވެފައި އެ ވަގުތުގައިވެސް ބިލާލްގެފާނު މިސްކިތަށް ވަޑައިގަންވާ އަޑުއިވިވަޑައިގެންފައިވާލެއް ގިނަކަމުންނެވެ. 

ކޮންމެއަކަށް މިފަދަ މަތީ ދަރަޖައެއް ބިލާލުގެފާނަށް ލިބިވަޑައިގަތުމުން އެއީ ކޮން ހެޔޮ ޢަމަލެއް ކުރައްވަވާތީތޯ ރަސޫލް (ޞޢވ) ބިލާލްގެފާނާއި ސުވާލުކުރެއްވެވިއެވެ. ބިލާލްގެފާނު ދެއްވި ޖަވާބު ރަނގަޅަށް އަޑުއަހާށެވެ. 

"ތިމަންކަލޭގެފާނު އަބަދު ހުންނަވަނީ ވުޟޫމަތީގައެވެ. ފާޚާނާ ކުރައްވަވައިފިނަމަ ވުޟޫކުރައްވަވައި އަބަދުވެސް ދެރަކްޢަތް ނަމާދެއް ކުރައްވަވަމެވެ." 

މިއަދު ޑޮކްޓަރުން އެ އަންގަނީ އަތާއި މޫނާއި ފައި ދޮވުމަށެވެ. ރަނގަޅަށް ބަލައިފިނަމަ ޑޮކްޓަރުންވެސް ކުރަން އަންގަނީ ވުޟޫކުރުމުގައި ކުރަން ޖެހޭ ކަންކަމެވެ. ޑޮކްޓަރުން ވީމާ ޑޮކްޓަރީ ބަހުރުވައިން ދެމުން އެގެންދަނީ ހަމަ އިސްލާމް ދީނުގައި ހުރި އިރުޝާދުތަކެވެ.،

ތިއަ ކުދިން ގޭގައި ތިބެގެން އެންމެ ގިނައިން ކުރަންވީ އެއްކަމަކީ ވުޟޫ ކުރުމެވެ. ބިލާލްގެފާނު ޢަމަލުފުޅު ކުރެއްވެވި ފަދައިން ކަންކަން ކުރަން މަސައްކަތްކުރާށެވެ! ބިލާލުގެފާނު އެގޮތަށް ޢަމަލުކުރެއްވެވުމުން ސުވަރުގެ ދެއްވެވި ﷲ ތިއައިން ކޮންމެ ކުއްޖަކަށްވެސް އަދި ކޮންމެ މީހަކަށްވެސް ސުވަރުގެ ދެއްވަވަން ކުޅަދުންވަންތައެވެ. 

މާތް ﷲ ގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ! އަތްފައި ދޮބވެ ހަދަން މިޖެހެނީ އަހަރެމެންނަށް ބައްޔެއް ޖެހިދާނެތީ އެކަމުން ސަލާމަތްވުމަށެވެ. ނަމަވެސް ﷲ ތަޢާލާގެ ދީލތިވަންތަކަން ބޮޑުކަމުން، މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު ބޮޑުކަމުން އަހަރެމެންނަށް ބަލި ޖެހިދާނެތީ ބަލިން ސަލާމަތްވުމަށް އަހަރެމެން ކުރަން ޖެހޭ ކަންކަން ވެސް ލައްވަވާފައި އެވަނީ މަތިވެރި އަޅުކަމުގެ ގޮތުގައެވެ. އެކަންކަމުގެ ސަބަބުން ސުވަރުގެ ދެއްވަވާ އަޅުކަމުގެ ގޮތުގައެވެ! 

ލޮބުވެތި ބެލެނިވެރިންނޭވެ! މިފަދަ ވާހަކަތައް ދަރިންނަށް ކިޔައިދޭށެވެ! އެކުދިންގެ ހިތްތަކުގައި ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ލޯބި އިތުރުކުރުވަން މަސައްކަތްކުރާށެވެ. މިފަދަ ވާހަކަތައް ދަރިންނަށް ކިޔައިދީ އެކުދިންގެ މެދުގައި ވުޟޫ ކުރުމުގެ ރޫޙެއް އުފެއްދުނު ނަމަވެސް އެކުދިން ފޫހިވެގެން އުޅެންޖެހޭ ވަގުތު މަދުވާނެއެވެ. އަދި އެކަމުގެ ފައިދާ އެކުދިންގެ މުޅި ޢުމުރުގައިވެސް ކުރާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން