މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޛް އަބްދުލްލަތީފު ވިދާޅުވީ:
"އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވޭ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރެއްވި ދުޢާ އަކީ
(رَبَّنَا آتِنَا فِيْ الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ދުނިޔޭގައިވެސް ހެޔޮކަން، އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި، ނަރަކައިގެ ޢަޛާބުން މިއަޅާ ސަލާމަތްކޮށްދެއްވާފާންދޭވެ."
އަދިވެސް އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވޭ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ގިނައިން އަންނަނިވި ދުޢާ ވިދާޅުވި (يَا مُقَلِّبَ الْقُلُوْبِ ثَبِّتْ قَلْبِيْ عَلَى دِيْنِكَ) މާނައަކީ: "އޭ ހިތްތައް ބަދަލު ކުރައްވާ އިލާހެވެ. އިބަ ﷲ ގެ ދީނުގައި މިއަޅާގެ ހިތް ޘާބިތު ކޮށް ދެއްވާފާންދޭވެ."
އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟީޔަﷲ ޢަންހާ އާއި ސުވާލު ކުރެވުނު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރެއްވީ ކޮން ދުޢާ އެއްތޯ، ޖަވާބުގައި ވިދާޅުވި ، އެކަލޭގެފާނު ވަރަށް ގިނައިން ވިދާޅުވާ ދުޢާ އެއް (اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ بَعْدُ) މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް ކުރެވިފައިވާ ފާފަތަކުގެ ނުބައި ކަމުންނާއި، މިހާތަނަށް ކުރެވިފައި ނުވާ ފާފަތަކުގެ ނުބައި ކަމުން މިއަޅާ ދުރުހެލިކޮށްދެއްވުމަށް އެދި ދުޢާ ކުރަމެވެ."