"ﷲއީ، އުޑުތަކާއި، ބިމުގެ ނޫރު އެވެ. އެކަލާނގެ ނޫރުފުޅުގެ މިޘާލަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ މިޘާލެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި ﷲ، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ ނޫރުފުޅަށް މަގުދައްކަވަތެވެ. އަދި ﷲ، މީސްތަކުންނަށް މިޘާލުތައް ޖައްސަވައިދެއްވަތެވެ. ﷲ އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަންނޫރު: 35)
ބައެއް ޢލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެންމެ ގިނަ އިން އެ އާޔަތަކާއިމެދު ވާހަކަދައްކަވައި މޝްވަރާކުރެވޭ އެއް އާޔަތަކީ މި ޢާޔަތެވެ. މިއާޔަތުގައި މިވާ ނޫރަކީ ކީރިތި ޤުރްއާނެވެ. އެކަންކަން އެނގިގެންދަނީ ރަސޫލް (ޞޢވ) އާއިބެހޭ ގޮތުން ވަހީކުރައްވަވާފައިވާ ބައެއް އާޔަތްތަކުންނެވެ.
"އަދި ﷲ، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ ނޫރުފުޅަށް މަގުދައްކަވަތެވެ." އޮތް ބަސްފުޅުގެ މާނައަކީ ﷲ ތައާލާ އިރާދަ ކުރެއްވެވި އަޅަކަށް ހިދާޔަތު ދައްކަވާނެ ކަމުގެ ވާހަކައެވެ. ހިދާޔަތު ދެއްކެވުން އެދި ގިނަގިނައިން ދުޢާކުރަން ޖެހެނީ މިސަބަބަށްޓަކައެވެ.
ﷲ ތަޢާލާ ދެއްވެވި އަލިކަމެއް ނޫން އިތުރު އެއްވެސް އަލިކަމެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ! އިރާއި ހަނދާއި ތަރިތައް އުފައްދަވައި އެތަކެތީގައި ނޫރު ލެއްވެވީ ﷲ ތަޢާލާއެވެ. އިންސާނުން އުފައްދާ ބޮކިތަކާއި ބައްތިތައް އުފައްދަނީ ﷲ ތަޢަލާ ދެއްވެވި ދެއްވެވި ތަކެތި ބޭނުންކޮށްގެން އަދި ﷲ ތައާލާ ދެއްވެވި ޢިލްމުގެ ބޭނުންކޮށްގެންނެވެ.
"ނޫރު" ދެއްވެވުން އެދިވަޑައިގެން ރަސޫލް (ޞޢވ) ، ﷲ ތައާލާގެ ޙަޟްރަތުގައި ވަރަށް ގިނައިން ދުޢާ ދެނެނެވިއެވެ. ރޭ އަޅުކަންކުރެއްވެވުމުގައި ދުޢާ ކުރެއްވެވިއެވެ.
ހަމައެއާއިއެކު އާޔަތުގައިވާ ފަދައިންވެސް މާނަކުރެވިދާނެއެވެ. އެހެނީ ރަސޫލް (ޞޢވ) އިސްރާ އާއި މިޢްރާޖެ ދަތުރުފުޅުގައި ﷲ ތަޢާލާ ފެނިވަޑައިގެންނެވި ގޮތް ސިފަކޮށްދެއްވަވައި ހަދީޘްފުޅު ކުރައްވަވާފައި ﷲ ތަޢާލާގެ "ނޫރުފުޅު" ފެނިވަޑައިގެންނެވި ކަމަށެވެ.
""ﷲއީ، އުޑުތަކާއި، ބިމުގެ ނޫރު އެވެ. އެކަލާނގެ ނޫރުފުޅުގެ މިޘާލަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ މިޘާލެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ." އިބްން ޢައްބާސް މި ބަސްފުޅު މާނަކުރައްވަވާފައިވަނީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ ހިތަށެވެ. އެ ހިތަށް ﷲ ތަޢާލާ ހިދާޔަތް ދެއްކެވުމަށެވެ.
ހަމަ އެއާއިއެކު މިއޔަތުގައި ބިއްލޫރީގެ ވާހަކަ ވަޙީ ކުރައްވަވާފައި އެވަނީ ވެސް މުހިންމު ސަބަބަކަށްޓަކައެވެ. އެއީ އިންސާނާގެ ހިތަކީ ދެ ފުށް ފެންނަ ސާފުތާހިރު އެއްޗަކަށް ވާންޖެހޭނެތީއެވެ. މުނާފިޤު ކަމުން ސަލާމަތްވެ ހުރި މީހަކަށްވާން ޖެހޭނެތީއެވެ. އެއްވެސް މިންވަރަކަށް މަކަޜާއި ޙީޅަތް ނުހަދާ މީހަކަށް ވާންޖެހޭނެތީއެވެ.
ރަމަޟާންމަހުގެ މިފަދަ މަތިވެރި ދުވަސްތައް ފާއިތުވެގެންދާއިރު މިއާޔަތުގައި ބަޔާންވެގެންވާ ކަންކަން ދަސްކޮށް ޢަމަލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ރޭ އަޅުކަންކުރުން ގިނަކޮށް ހިދާޔަތް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ނޫރު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!
- ޔާސިރު ޤާދީގެ ދަރުސަކުން