ކުދިން ބާލިޣް ނުވި ނަމަވެސް ދިހަ އަހަރުވުމުން ރޯދަ ހިފަން ފަރިތަކުރުވަން ފަށަން ޖެހޭނެ!: ޑރ. އިޔާޟް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކުދިން ބާލިޣް ނުވި ނަމަވެސް ދިހަ އަހަރުވުމުން ރޯދަ ހިފަން ފަރިތަކުރުވަން ފަށަން ޖެހޭނެ!: ޑރ. އިޔާޟް

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "3 ބައެއްގެމަތިން ޤަލަމް ވަނީ އުފުލިގެންނެވެ. އެއީ ނިދާފައި އޮންނަ މީހާ އޭނާ ހޭލެވެންދެން، އަދި ކުޑަކުއްޖާ ބާލިޣްވުމަށް ދާންދެން، އަދި ބުއްދިފިލައިގޮސްފައިވާ މީހާ އޭނާގެ ބުއްދި ހަަމޖެހުމަށް އަންނަންދެން އޭނާގެމަތިން ވަނީ ޤަލަމް އުފުލިގެންނެވެ." ވީމާ އެފަދަ މީހުން ރޯދަ ހިފުމެއް ނެތެވެ. 

ކުޑަކުދިންގެ މައްޗަށް ރޯދަ ވާޖިބެއް ނޫނެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ 7 އަހަރުވުމުން އެކުދިންނަށް ނަމާދުކުރަން އަމުރުކުރުމަށެވެ. އަދި 10 އަހަރުވުމުން އަދަބުދީގެން ނަމަވެސް ކުދިން ލައްވައި ނަމާދުކުރުވުމަށެވެ. ވީމާ ކުދިންނަށް 10 އަހަރުވުމުން ބާލިޣް ނުވި ނަމަވެސް ރޯދަހިފަން އާދަކުރުވަން ޖެހޭނެއެވެ. ބޮޑެތިވުމުން ރޯދަ ހިފަން ހޭނޭނީ އެއިރުންނެވެ. 

"އެހެން ނަމަވެސް ކުދިން ރޯދަ ހިފަން ބޭނުންވި ނަމަވެސް އެކުދިން ބަނޑުހައިވެދާނެތީ އެކުދިންނަށް އިޙްސާންތެރިވުމުގެ ގޮތުން ކުދިން ލައްވައި ރޯދަ ނުހިއްޕުވާތަން އެބަ އާދޭ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެންގެ ސަލަފުއްޞާލިޙުންނަށް ބެލި ނަމަވެސް އެބޭކަލުންގެ ތުއްޕުޅު ބޭފުޅުން ކުޑައިރުގައިވެސް ރޯދައަށް ބަހައްޓަވާ! އަދި އެކުދިން ބަނޑުހައިވެގެން އުޅޭނަމަ ކޮންމެވެސް ކުޅޭ އެއްޗެއް ދީގެން އެކުދިން ހައްލުވާލައްވާ! އަދި އެކުދިން މިސްކިތަށް އާދަކުރުމުގެ ގޮތުން ކުދިން ގޮވައިގެން މިސްކިތަށްވެސް ވަޑައިގަންނަވާ."

މިދުވަސްކޮޅަކީ މިސްކިތަސް ދެވެން ނެތް ދުވަސްކޮޅަކަށްވެފައި އޮތުމުން ގޭގައި ނަމާދުކުރާއިރު ކުދިން ގޮވައިގެން ނަމާދުކުރުމުން އެކުދިންނަށް ވަރަށް ބޮޑަށް ފައިދާކުރާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިއަދުނޫހަށް ޚާޞަކުރތައްވައިގެން ޑރ. އިޔާޟް ދެއްވަމުން ގެންދަވާ ސިލްސިލާ ދަރުސް ޕްރޮގްރާމންގެ ތެރެއިން ޑރ. އިޔާޟް ވަނީ ރޯދަ ހިފުމާއި ނުހިފުމުގެ މައްސަލައިގައި 10 ބައަކަށް ބެހިގެންވާކަން ބަޔާން ކުރައްވައި ސީރީޒެއް ފަށްޓަވައިފައެވެ.

މާތް ﷲ ވާގިފުޅާއިއެކު ސީރީޒް ކިޔުންތެރިންނަށް ގެނެސްދޭން މަސައްކަތްކުރާނަމެވެ. 

ދަރުސްގެ ވީޑިއޯ:  

މިއަދު އޮންލައިން