މިބިން މަތީގެ އެންމެ މާތް ދެ ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލް ޙަރާމް އާއި މަސްޖިދުލް ނަބަވީ، ލޮކްޑައުން ގައި އޮތުމަށްފަހު ވަރަށް އަވަހަށް އަލުން ހުޅުވާލާނެ ކަަމުގެ އުފާވެރި ޚަބަރު ސައުދީ ސަރުކާރުން ދީފިއެވެ.
ހަރަމައިން ހަރަފައިނުން އެމީހުންގެ ރަސްމީ ފޭސްބުކް އެކައުންޓާއި ޓްވިޓާގައި ވެސް މިކަން ޔަގީން ކޮށްދީފައިވާއިރު ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ އިން އިއުލާން ކޮށްފައިވަނީ، ދެ ޙަރަމްފުޅުވެސް ސްޓެރިލައިޒް ކުރުމަށްފަހު އަޅުކަން ކުރުމަށް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
ދެ ޙަރަމްފުޅުގައި އަޅުކަން ކުރުމަށް އަލުން ހުޅުވާލި ނަމަވެސް އެތަނުގެ ތެރެއަށް ވަނުމުގެ ކުރިން ކޮންމެ މީހަކު ވެސް ޓެސްޓު ކުރާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
މަސްޖިދުލް ޙަރާމް އާއި މަސްޖިދުލް ނަބަވީ ބަންދު ކުރީ އެސަރަޙައްދުގައި ވެސް ކޮރޯނާ ވައިރަސް އުފެދުމުންނެވެ. އޭގެ ސަބަބުން އުމްރާގެ އަޅުކަމާއި ނަމާދުކުރުން، ރޯދަ ވީއްލުން، އިއުތިކާފް ކުރުން ފަދަ ހުރިހާ ކަމެއް ވެސް ދެ ޙަރަމްފުޅުގައި ކުރުން ވަނީ މަނާ ކޮށްފައެވެ.
މާތް ވެގެންވާ ދެ ޙަރަމްފުޅު އަލުން ހުޅުވުމަށް ތައްޔާރުވަމުން އައި ނަމަވެސް، އެ ދެ ތަނުގައި ތަރާވީސް ނަމާދު ކުރުމާއި ޢީދު ނަމާދު ނުކުރުނަށް ވިސްނާ ކަމަށް ސައުދީ ގެ ސިއްޙަތާއިބެހޭ އޮފިޝަލުން ބުނެފައިވެއެވެ. އެއީ އެ ދެ ނަމާދަކީ އާންމުކޮށް އެންމެ ގިނަ މީހުން އެމިސްކިތްތަކަށް ޒިޔާރަތްކުރާ ދެ ނަމާދު ކަމަށް ވުމުން ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.