އެންމެން ލޮކްޑައުންވެގެން ގޭގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅަކީ ޢާއިލާތަކުގައި ތިބި ކީރިތި ޤުރްއާނުގެ މާހިރުން، އެމީހުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ހުނަރު ޢާއިލާއަށް ދައްކައިލަންވީ ވަގުތެވެ. ޢާއިލާގެ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެވެ.
ރިވެތިކޮށް ޤުރްއާން ކިޔަވަން އެނގޭ، ނަމާދުކުރަން ދަންނަ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ މިވަނީ ވަރަށް އަގުހުރި ފުރުޞަތެއް ދެއްވަވައިފައެވެ. މިފަދަ އިތުރު އެހެން ފުރުޞަތެއް ފަހުން ލިބުމަކީވެސް ހަމަ ވަރަށް ނާދިރު ކަމެއްވެސްމެއެވެ.
ގެތަކުގައި ތިއްބެވި ޤުރްޢާނުގެ މާހިރުންނޭވެ! ތަޖްވީދުމަގުން ކިޔަވައި ނަމާދުކުރަން އެނގޭ އެންމެންނޭވެ! މިދުވަސްވަރު ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކަށްވާނެ އެއް ކަމަކީ ގޭގައި ތިބި މީސްތަކުން ގޮވައިގެން އިމާމްވެ ނަމާދުކުރުމެވެ. ޚާއްޞަކޮށް ފަރުޟު ނަމާދާއި ތަރާވީޙް ނަމާދުކުރުމެވެ.
އެއިރުން އިމާމްވެ ނަމާދު ކުރުމުގެ ސަވާބު އިމާމް މީހާއަށް ލިބިގެންދާނެއެވެ. ހަމައެއާއިއެކު ޖަމާޢަތުގައި ނަމާދުކުރި ކަމުގެ ސަވާބު ބައިވެރިންނަށް ލިބިގެންދާނެތެވެ. މިފަދަ ރަމަޟާން މަހެއްގައި ސަވާބާއި ދަރުމަ އިތުރުކުރަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމުގެ ފުރުޞަތު ލިބިގަންނަން ގަދައަޅައި މަސއްކަތްކުރާށެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ތިމާއަށް އެނގިފައި ހުރި ކަންކަމަށް އަމަލު ކުރަން ޖެހޭނެއެވެ. ކިތަންމެ ގިނަ ކަންތައްތަކެއް އެނގިފައި ހުރި ނަމަވެސް އެކަންކަމަށް އަމަލު ނުކުރާ ނަމަ އެނގިފައިވާ ކަންކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިކަން ހަނދާންކޮށްދޭން މިޖެހެނީ ރޯދަ އާއި ބެހޭ ގޮތުން ގިނަ ބައަކު ވަރަށް ގިނަ ކަންތައްތައް ދަސްކުރި ނަމަވެސް އެކަންކަމަށް އަމަލުކުރަނީ ވަރަށް މަދު މީހަކަށްވާތީއެވެ.
މިސާލަކަށް ދަމު ނަމާދާއި ތަރާވީޙް ނަމާދު ކުރުމުގެ މުހިންމުކަމާއި އެކަމުން ލިބޭނެ ފައިދާ ކިތަންމެ ރަނގަޅަށް އެނގުނު ނަމަވެސް އެ ނަމާދުތައް ނުކުރާނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން ސަވާބެއް ހެއްޔެވެ؟ ތަޖުވީދުމަގުން ކިތަންމެ ރިވެތިކޮށް ކިޔަވަން އެނގުނު ނަމަވެސް ނުކިޔަވާނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން