ހިފާ ރޯދަ އަމިއްލައަށް ބޭކާރުކުރަނީ އަދި އިތުރު ކިތައް ރަމަޟާން މަހު ދުނިޔޭގަ ހުރެ ރޯދަ ހިފޭނެކަން އެނގޭތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ހިފާ ރޯދަ އަމިއްލައަށް ބޭކާރުކުރަނީ އަދި އިތުރު ކިތައް ރަމަޟާން މަހު ދުނިޔޭގަ ހުރެ ރޯދަ ހިފޭނެކަން އެނގޭތީ ހެއްޔެވެ؟

ރޯދައެއް މިހިފެނީ ހާދަ ބުރަމަސައްކަތުންނެވެ. ރޯދަ އެއް ހިފަން މިކުރަނީ ހާދަ ބުރަ މަސައްކަތެވެ. އެހުރިހާ މަސައްކަތްތައް ކުރަމުން ވެސް ބައެއް މީހުން ހަމަ ހުރެލާފައި ރޯދަ ގެއްލިގެން ހިނގައިދާނެ ކަންކަން އެބަ ކުރެއެވެ. ރޯދަ ހިފަން ކުރި މަސައްކަތާއިމެދު ވިސްނައިލުމެއް ނެތިއެވެ. 

ދުލުން ނުބައި ބަސްތައް ބުނުމަކީ އެއްވެސް ދުވަހަކު ކުރުން ހުއްދަ ކަމެއް ނޫނެވެ. ރޯދަވެރިޔާ މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެހެނީ ރޯދަ އަށް ހުންނަ މީހާ ރުޅި ގަދަވެ ދުލުން ނުބައި ބަސްތައް ބުނާނަމަ ރޯދަ ހިފުމުގެ ބޭނުމުގައި އެމީހަކު ނުކައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ޞަޙީޙް ޙަދީޘްފުޅުގައި ބަޔާންވެ އެކަން އެނގެން އޮތުމުންނެވެ.

ރޯދަ މަސް ފެށުމުގެ ކުރިންވެސް މިކަން ހަނދާންކޮށް ދިނީމެވެ. ލޭމައްޗަށް ދިއުން ފަދަ މައްސަލަތައް ހުންނަނަމަ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދަން ހަނދާންކޮށް ދިނީމެވެ. ނަމަވެސް އެފަދަ ކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. ނަތީޖާއަކަށް ވަނީ ބައެއް މީހުން ޜޯދަ އަށް ހުންނަ ވަގުތު ތަކުގައި އެމީހަކީ އަނބިދަރިންނަށާއި ޢާއިލާއަށް ބޮޑު ބިރަކަށްވެފައިވުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއީ އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ރުޅި ގަދަވެ ދުލުން ނުބައި ބަސްތައް ބުނާ މީހާ ރޯދައަށް ހުރުމެއް ނެތެވެ. އެފަދަ ކަންކަން ކުރާ މީހަކު ޜޯދަ ހިފުމުގެ ނަމުގައި ނުކައި ނުބޮއި ހުރެ ހަށިގަނޑަށް ބުރަތައް ޖެއްސުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ ކުރިން ބުނި ފަދައިން އެމީހަކީ ރޯދަވެރިއަކަށް ނުވާނެއެވެ. 

އެހެން މީހަކު ތިމާއަށް ނުބައި ބަސްތައް ބުނެ ރުޅި ގަދަކުރުވަން މަސައްކަތް ކުރި ނަމަވެސް، ކިތަންމެ ނިބައި ބަސްތަކެއް ބުނި ނަމަވެސް ރައްދު ދިނުމެއްވެސް ނެތެވެ. އޮތީ ތިމާ މިހުރީ ރޯދައަށް ކަމަށް ބުނުމަށްވުރެ އިތުރަށް އެއްވެސް ބަހެއް ނުބުނުމެވެ. ވީމާ ކޮންމެ ރޯދަވެރިއަކު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ދުވާލު ހަތަރުދަމު ނުކައި ނުބޮއި ހުރެގެން ހިފާ ރޯދައަކީ އެއްވެސް އަގެއް ނެތް ބޭކާރު އެއްޗަކަށް ނުހަދާށެވެ. ހިފާ ރާދައަކީ ތިމާއަށް މަންފާ ކުރާ އެއްޗަކަށް ހެދުމަށްޓަކައި މިކަންކަމަށް ޚާއްޞަ ސަމާލުކްމެއް ދޭށެވެ! ހިފާ ރޯދަ ރޯދައަކަށް ހަދަން ގަދައަޅައި މަސައްކަތް ކުރާށެވެ! 

ރޯދަ މަހު މި ތަމްރީނުތައް ލިބިގެންފި މީހަކަށް މުޅި އުމުރުގައިވެސް އެކަމުގެ ފައިދާ ކުރާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން