ޛިކުރުކުރުމާއި ދުރުހެލި ވުމަކީ މުނާފިޤުންގެ ސިފައެކެވެ. މުއްމިނުންގެ ސިފައަކީ ގިނަގިނައިން ޛިކުރްކުރުނަމަތީގައި ދެމިހުރުރުމެވެ. އެހެން މަސްތަކަށްވުރެ ރަމަޟާން މަހު ޛިކުރުކުރުން ގިނަކުރާށެވެ!
މުނާފިޤަކާއި އެއްގޮތް ވެދާނެ ކަންމެ ކަމަކުން ދުރުހެލިވާންޖެހޭނެއެވެ. ތިމާ ކުރާ ކޮންމެ ޢަމަލެއްގައިވެސް ތެދުވެރިވާން ޖެހޭނެ އެވެ. މުނާފިޤުންނަކީ ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބުގައި ދެމިތިބޭނެ މީހުންކަން އެނގެން އޮތުމުން މުނާފިޤުންގެ ސިފަތަކާއި ދުރުހެލިވާން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ.
އަންނަނިވި އާޔަތާއިމެދު ވިސްނައިލާށެވެ.
"ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރު ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ." (އައްނިސާ 145)
އަދި މިއާޔަތަށްވެސް ވިސްނައިލާށެވެ!
"ހަމަކަށަވަރުން، ﷲ އަށް، އުޑުތަކާއި، ބިމުގައިވާހާ ބައަކު، އަދި ދޫނިސޫފާސޫފިތައް އެ ތަކެތީގެ ފިޔަތައް ދަމާލައިގެން އުދުހިއުދުހި ތިބޭހިނދު، އެކަލާނގެއަށް ތަސްބީޙް ކިޔަކިޔައި ތިބޭކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ އަޅުކަމާއި، އެ އެއްޗެއްގެ ތަސްބީޙް އެނގިފައިވެއެވެ. ﷲ އީ، އެއުރެން ކުރާ ކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަންނޫރު: 41)
މިއާޔަތުން އެނގިގެންދާ އެއްކަމަކީ ޛީކުރުކުރުން ގިނަކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. "އުޑުތަކާއި، ބިމުގައިވާހާ ބައަކާއި އަދި ދޫނިސޫފާސޫފިތައް" ﷲ ތައާލާ އަށް ތަސްބީޙަ ކިޔާ ގޮތުގައި ލައްވަވަވާފައިވުމުން މި ބުނި ބަހުގެ ދަލީލަކަށް ފުދެއެވެ.
ޛިކްރުކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހާ އެކަންކަން ކުރުން ގިނަކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން