މަޤްބޫލު ޢުޒުރަކާއި ގުލިގެން ދޫކުރަންޖެހޭ ރޯދަ ޤަޟާކުރުން ދެން އަންނަ ރަމަޟާންމަހަކާއި ހަމައަށް ތަނަވަސްވެގެންވެއެވެ. ޢާއިޝާ (ރޢ)ގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގައި ވަނީ އެކަމަނާގެ ބައެއް ރޯދަތައް ޝަޢްބާން މަހުގައި ވެސް ޤަޟާ ކުރައްވަވާ ކަމަށެވެ. މާނައަކީ ރަމަޟާން މަހުގެ ކުރިއަށް އޮންނަ ޝައްބާން މަހާއި ހަމައަށް ވެސް ލަސްކުރުން ހުއްދަވެގެންވާ ކަމެވެ. ނަމަވެސް ރަނގަޅު ގޮތަކީ ކެރިކުޅަދާނަ ވީހައި އަވަހަކަށް ރޯދަތައް ޤަޟާކުރަން އަވަސްވެގަތުމެވެ.
ދެން އޮތީ ޢުޒުރެއް މެދުވެރިވެގެން ރޯދަ ދޫކޮށްލައިގެން ހުއްޓައި އެ ރޯދަ ޤަޞާ ނުކުރެވެނީސް މަރުވެއްޖެ ނަމަ ޢަމަލުކުރަންވީ ގޮތެވެ. ޙަދީޘްފުޅުގައި އޮތީ "މީހަކު މަރުވާއިރު އޭނާއަށް ނުހިފި ރޯދަތައް އެހެން މީހަކު ހިފައިދޭށެވެ."
އެގޮތުން މީހެއްގެ 30 ރޯދަ އޮތުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ޢާއިލާގެ މީހުންނަށް ބަހާލައިގެންވެސް ރޯދަ ހިފިދާނެއެވެ. 30 މީހުން ތިބި ނަމަ 30 މީހުން އެއް ދުވަހު ރޯދައަށް ތިބެ އެއްދުވަހުންވެސް ހަމަކޮށްލެވިދާނެއެވެ. އިސްލާމް ދީނުގައި ވަނީ މިފަދަ ލުއިފަސޭހަ ގޮތްތަކެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: