ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުން މިދަނީއެވެ. މި ބަރަކާތްތެރި މައްސަރުގައި އެންމެ މުހިންމުކަން ދޭންޖެހޭ އެއްކަމަކީ ރޭއަޅުކަމެވެ. ތަރާވީޙް ނަމާދު ކީ ނަމަވެސް ތަހައްޖުދު ނަމާދުކީ ނަމަވެސް މައްސަލައެއް ނެތެވެ. މުހިންމީ ރޭ އަޅުކަން ކުރުމެވެ.
އެހެނީ ރަމަޟާން މަހަކީ ރޭ އަޅުކަން ކުރުމުގެ މައްސަރެވެ. ރޭ އަޅުކަމާއި ނުލައި ރަމަޟާން މަސް ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. މުޅި އަހަރުގެ ހުރިހާ މަސްތަކެއްގެ ހުރިހާ ރޭތަކުގެ ތެރެއިންވެސް އެންމެ އިތުރުވެ މަތިވެރިވެގެންވަނީ ރަމަޟާން މަހުގެ ރޭތަކެވެ. އެރޭތަކުގެ ތެރެއިންވެސް އެންމެ މަތިވެރިކަން ލިބިގެންވަނީ ލައިލަތުލްޤަދްރްވިލޭރެ އެވެ.
މީސްތަކުންނޭވެ! މިސްކިތް ބަންދުވެފަހުރި ވާހަކަ އާއި ޜޭއަޅުކަން ނުކެރެވޭނެ ކަމުގެ ވިސްނުމަކީ ހަމަ ސީދާ ޝައިޠޯނާ ދެމުން ގެންދާ ވިސްނުމެވެ. ރޭ އަޅުކަން ކުރުމަކީ ހަމައެއްގޮތަކަށް ވެސް ނުކުރެވޭވަރުގެ ބޮޑު އަދި ބުރަކަމެއް ނޫނެވެ. ރޭ އަޅުކަން ކުރެވޭނީ ހަމައެކަނި ޙާފިޡުންނަކަށް ނޫނެވެ. މުޞްޙަފްހިފައިގެން ހުރެ ކިޔަވައިގެންވެސް ކުރެވޭނެއެވެ. އަދި ބަލައިގެްނ ކުޔަން ނުއެނގޭ މީހާއަށް ވެސް ކިޔެވޭނެއެވެ.
މީސްތަކުންނޭވެ! މިވެނި އެވެނި ކަމެއް ބަހަނާއަށް ދައްކައިގެން ރޭ އަޅުކަން ނުކޮށް އުޒުރު ދައްކަން ނުއުޅޭށެވެ! މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީ ރޭއަޅުކަން ނުކުރެވެންވީ ސަބަބެއް ނޫނެވެ. އިޚްލާޞް ސޫރަތް އެންމެންނަށްވެސް އެނގޭނެއެވެ. އެހެން ސޫރަތެއް ނުއެނގޭ ނަމަ ކޮންމެ ރަކްޢަތޔެއްގައި އަލްޙަމްދަށްފަހު ހަމައެކަނި އިޚްލާޞް ސޫރަތް ސޫރަތް ކިޔަވައިގެން ވެސް ދަމުނަމާދުކުރާށެވެ! ރަކްއަތެއްގައި 20 ފަހަރުވެސް ކިޔަވާށެވެ! އެމީހަކަށް ކިޔެވޭ ވަރަކަށް ކިޔަވާށެވެ! މުހިންމީ ކޮންމެ ގޮތަކުން ވެސް ނަމާދުކުރުމެވެ.
މީސްތަކުންނޭވެ! ޒަމާންތައް ފާއިތުވަމުންދާ ވަރަކަށް ކަންކަން ދާނީ ބަދަލުވަމުންނެވެ. އެ ގޮތުން ރޭ އަޅުކަންކުރުމަށް މިއަހަރު މިވަނީ ބޮޑުބަދަލެއް އައިސްފައެވެ. މިސްކިތްތައް ބަންދުކުރެވިފައެވެ. ރޭއަޅ:ުކަންވެސް ގޭގައި ކުރަން ޖެހިފައެވެ.
މާޔޫސްނުވާށެވެ! ރަސޫލް (ޞޢވ) ގިނައިން ރޭ އަޅުކަންކުރައްވަވާފައިވަނީ ގަނޑުވަރުކޮޅުގައެވެ. ވީމާ މިއީ ރޭ އަޅުކަންކުރުމުގެ ސުންނަތް ފެށިގެން އައިގޮތަށް ރުޖޫޢަވާންޖެހިފައިވާ އަހަރެއް ކަމުގައި ޤަބޫލުކުރާށެވެ! ވީއިރު އެކަމާއި ދެރަވެ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ބަދަލުގައި އުފާކުރާށެވެ! މިއީ ރޭ އަޅުކަމުގައި ގޭގައި ގިނަ ވަގުތު ހޭދަކުރަން ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި ދެކޭށެވެ.
- ޝައިޚް ޢުމަރު ޢަލް ބަންނަގެ ދަރުސަކުން