ނިކަން ބަލަން ތިބެބަލާށެވެ! މިއީ މިހައިތަނަށް ޙަޔާތުގައި ތިމާ އާއި ބައްދަލުކުރި އެންމެ ފައިދާހުރި ރަމަޟާން މަސް ކަމުގައި ޤަބޫލުކުރެވިގެން ޢީދު ދުވަހު އުފާކުރާނެ ވަރަށް ގިނަ ބައަކު ތިބޭނެއެވެ. އަދި ކީއްހެއްޔެވެ؟ މިސްކިތަށް ވެސް ނުދެވި ގޭގައި މި ރަމަޟާން މަހު މަޑުކުރަން ޖެހުނުކަން އެއީ ލިބުނު އެންމެ ބޮޑު އުފާވެރިކަން ކަމުގައި ޤިޔާމަތް ދުވަހު ވެގެން ހިނގައިދާނެއެވެ. އެ މަތިވެރި ނިޢްމަތް ހޯދުމުގެ ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟
އެއީ ފާއިތުވި އެއްވެސް ރަމަޟާން މަހެއްގައި އަޅުކަން ކުރަން ފުރުޞަތު ލިބިފައި ނުވާހައި މިންވަރަށް މިއަހަރުގެ ރަމަޟާން މަހު އެ ފުރުޞަތު ލިބިފައިވާތީއެވެ. އެކަމުގެ އެއް މިސާލަކީ ކުރީ ރަމަޟާން މަސްތަކުގައި އެންމެ ޚަތިމެއް ކުރެވުނު ބައެއް މީހުން މިއަހަރުގެ ރަމަޟާން މަސް މިހައިތަނަށް އައިއިރު ފުރަތަމަ ޚަތިމުކޮށް ދެވަ ޚަތިމުކުރަން ކިޔަވަމުން ގެންދާ ކަމެވެ.
މީސްތަކުންނޭވެ! މަސައްކަތްކުރަންވީ ޤިޔާމަތް ދުވަސް ކާމިޔާބު ކުރުމަށެވެ! ހިތްމައްޗަށް ނިކަން ގެނެސްބަލާށެވެ! ޤިޔާމަތް ދުވަހު ތިބާގެ ފަތް ހުޅުވައިލެވޭއިރު މި ރަމަޟާން މަހަކީ މުޅި އުމުރުގެ ހުރިހާ ރަމަޟާން މަސްތަކަށްވުރެ ގިނައިން އަޅުކަން ކުރެވިފައިވާ ރަމަޟާން މަސް ކަމުގައިވެ އެކަމުގެ ސަބަބުން އާޚިރަތް ޙާޞިލުކުރެވި ސުވަރުގެ ވައްދަވައި ދެއްވަވައިފި ނަމަ ލިބިގެންދާނެ އުފަލަށެވެ. ފރުޞަތު ﷲ ތަޢާލާ މިވަނީ ދެއްވަވައިފައެވެ. ބޭނުން ކުރުމާ ނުކުރުން އޮތީ ހަމަ އެމީހާގެ އަތްމަތީގައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ލޮކްޑައުން މިދުވަސްވަރު އޮތީތީ ޢީދު ދުވަހު އުފާކުރާނެ ބައަކު ތިބޭނެއެވެ. އެއީ ކުރިން މިބުނި ފަދައިން މި ރަމަޟާން މަހު އަޅުކަން ކުރެވޭ މިންވަރު ގިނަކުރުމުގެ ފުރުޞަތު އޮތުމުން އެފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފި މީހުންނެވެ. ރަމަޟާން މަސް ނިމޭއިރު ކުރެވުނު އަޅުކަން ގިނަވެ ހިތްހަމަޖެހުން ލިބުނު މީހުންނެވެ.
ކީރިތި ޤުރްއާން ކިޔެވުމާއި އުނގެނުން ގިނަކުރާށެވެ! ރޭއަޅުކަންކުރުން ގިނަކުރާށެވެ! އެކަމުގައި އޮތީ އެމީހަކަށް ކުރަން ކެރުނު މިންވަރެކެވެ. އިރުއިރުކޮޅުން ކޮންމެވެސް އަޅުކަމެއް ކޮށްލާށެވެ! 2 ރަކްޢަތުން 2 ރަކްޢަތުން ސުންނަތް ނަމާދުކުރަމުން ގެންދާށެވެ. ފޫހިފިލުވަން ވެސް ހެޔޮ ޢަމަލުތައް ނޫނީ ނުކުރާށެވެ! ދަރުސްތައް އަޑުއެހުން ގިނަކުރާށެވެ. ދީނީ ލިޔުންތައް ކިޔައި ފައިދާހުރި ކަންކަން ދަސްކުރާށެވެ!
މިޙާލަތު މިންވަރު ކުރައްވަވާފައި މިވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ. އަހަރެމެންނަށް ފައިދާ ނުކުރާނެ އެއްވެސް ކަމެއް މިންވަރު ނުކުރައްވަވާނެކަން ޔަޤީންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން