ޙައިޟުވެރިން ރޯދަހިފުމެއް ނެތެވެ. ޙައިމުވެރިޔާ ރޯދައަށް ހުރި ނަމަވެސް އެ ރޯދަ ޞައްޙަ އެއް ނުވާނެއެވެ. ވީމާ ޙައީމުވެރިންނަށް އޮތީ ޙައިޟުގެ ދުވަސްތަކުގައި ރޯދަ ދޫކޮށްލުމަށްފަހު އެހެން ދުވަސްތަކެއްގައި ގެއްލުނު ރޯދަ ހިފައި ޤަޟާކުރުމެވެ.
އިރު އޮއްސުމުގެ ކިތަންމެ ކުޑައިރުކޮޅެއް ކުރިން ޙައިޟްވީނަމަވެސް ރޯދަ ގެއްލޭނެއެވެ. އަދި ޖެހޭނީ ޤަޟާކުރާށެވެ.
ގިނަ ވަގުތުތަކެއްގައި ރޯދައަށް ހުރެފައި ރޯދަ ދޫކޮށްލުމުން އެއީ ގެއްލިގެންދިއަ މަސައްކަތެއް ކަމަށް ހީނުކުރާށެވެ! އޭނާ ރޯދަ ދޫކޮށްލަނީ ވެސް އަދި އެހެން ދުވަހަކު ރޯދަ ހިފަނީވެސް ﷲ ތަޢާލާ އަށް ކިޔަމަންތެރިވުމުގެ ގޮތުންނެވެ. ވީމާ އެކަމުގެ ބަދަލު ﷲ ތަޢާލާ ދެއްވަވާނެތެވެ އިން ޝާ ﷲ
ރޯދަ ހިފަން ފަށާ ވަގުތަކީ ފފަޖުރުލުމުގެ ކުރިއެވެ. ވީމާ ވަގުތު ފާއިތުވާފަހުން ހައިޟުން ސަލާމަތްވެ ހިނައިގަނެވުނު ނަމަވެސް އެދުވަހުގެ ރޯދަ ހިފުމެއް ނެތެވެ. ނަމަވެސް މީސްތަކުންގެ ތެރޭގައި ކައިބޮއި ނުހަދާށެވެ!
ފަޖުރުލުމުގެ ކުރިން ހިނައި ނުގަނެވުނު ނަމަވެސް ފަޖުރުލުމުގެ ކިތަންމެ ކުޑައިރުކޮޅެއް ކުރިން ނަމަވެސް ލެއިން ޠޯހިރުވެވިއްޖަމަ އެމީހެއްގެ ރޯދަ ޞައްޙަވާނެއެވެ. އެހެނީ ފަޖުރުލާއިރު ރަސޫލް (ޞޢވ) ޖުނުބުވެރި ހާލުކޮޅުގައި ހުންނެވި ނަމަވެސް ރޯދަ ހިއްޕެވިއެވެ. ޖުނުބުވެރިކަމާއި ރޯދައާއި އެއްވެސް ގުލުމެއް ނެތެވެ. ޖުނުބުވެރިކަން ގުޅިފައިވަނީ ނަމާދުކުރުމާއިއެވެ.
ހަމަ އެފަދައިން ނިފާސްކަމުގެ އަހުލުވެރިންނަށް ވެސް ރޯދަވާޖިބުވެގެނެއް ނުވެއެވެ. އެމީހުންނަށްވެސް އޮތީ އެހެން ދުވަސްތަކެއްގައި ރޯދަ ހިފުމެވެ.
ޙައިޟުވެރިކަމުގެ ދުވަސްވަރު ގެއްލޭ ރޯދަ ހިފަން ނުޖެހޭ ކަމާއި ނަމަވެސް ރޯދަ ޤަޟާކުރަންޖެހޭނެކަން ޢާއިޝާ (ރޢ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ވީމާ ޙައިޟުވެރިޔާ އަށާއި ނިފާސްވެރިޔާއަށް އޮތީ އެކަމުން ސަލާމަތްވުމުން އެހެން ދުވަސްތަކެއްގައި ރޯދަ ހިފުމެވެ.
- މިއަދުނޫހަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން
- ދަރުސްގެ ވީޑިއޯ: