އަހަރެން ނިދިން ހޭލަނީ ރޭގަނޑު 3.30 ގައެވެ. ކުޑަކޮށް ގައި ދޮވެލައި ވުޟޫކޮށްލައި ހަދައިގެން ނުކުމެ ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރަން މަސައްކަތްކޮށްލުމަށްފަހު ހާރުކައި ނިމޭއިރު ހުންނަނީ ބަންގިގޮވަން ވަރަށް ކައިރިވެފައެވެ. ދަތް އުނގުޅައި އަނގަ ދޮވެލައި ކަންކަން ކޮށް ނިންމައިލެވޭއިރު ފަތިސް ނަމާދަށް ބަންގިގޮވައެވެ.
ފަތިސް ނަމާދުކޮށްލައިގެން ﷲ ތަޢާލާގެ ރުއްސެވުން ހޯދަން ކުރާ މަސައްކަތް ނިންމައިމިލަނީ ޟުޙާ ނަމާދުންނެވެ.
ދެން އަވަސްވެ ގަންނަނީ އެއްޗެތި ދޮވުމާއި އިސްތިރިކުރުމާއި އެނޫންވެސް މަސައްކަތްތައް ކުރުމަށެވެ. ކުދިން ހޭލައި ކުޅެން ފެށުމުގެ ކުރިން ބޮޑެތި މަސައްކަތްތައް ކޮށް ގޭތެރެ ތަރުތީބު ކުރުމަށެވެ.
ގޭތެރޭގެ ކަންކަމުގައި އެޅެމުން ދަނިކޮށް މެންދުރުވާކަން އެނގެނީ ޓީވީން ބަންގީގެ އަޑު އިވެނެ ފެށުމުންނެވެ. ދެން މަސައްކަތް ކުރަނީ އަވަހަށް މެންދުރު ނަމާދުކުރުމަށެވެ. ގޭތެރޭގަ ކުރަން ޖެހޭ މަސައްކަތަކަށް އެވަގުތަކު ނުބަލަމެވެ. ދަރިންކޮޅު ހަމަ ޖައްސާފައި ނަމާދުކުރަނީއެވެ. ދަރިއަކު ކަމަކު އެދުން ފަދަ ކޮންމެހެން ތެދުވަން ޖެހޭ ކަމެއް މެދުވެރި ނުވާނަމަ ކީރިތި ޤުރްއާނުން 2 މަޣްރަ ނުކިޔަވައި ނުތެދުވަމެވެ. ވަކި ނަމާދެއްގައެއް ނޫނެވެ. ހުރިހާ ނަމާދެއްގައިވެސްމެއެވެ.
އަހަރެންނަކީ އަންހެނަކަށްވީތީ އެހެން އަންހެނުންނާއި ހިޢްޞާކުރަން ބޭނުން އެއްކަމެއް އެބައޮތެވެ. އެއީ އަހަރެންގެ ގޭތެރޭގެ މަސައްކަތުގެ ސުންގަނޑިއެވެ. ބަދިގެއާއި ގޭތެރޭގެ މަސައްކަތް ކުރާނެ އެންމެ ފަހު ގަޑިއަކީ ހަވީރު 4.30 އެވެ. އެހިސާބުން މަސައްކަތް ނިމުނީއެވެ. ކެއްކުނު އެއްޗެއް ކެއްކުނެވެ. ނުކެއްކުނު އެއްޗެއް އެދުވަހަށް ނުކެއްކުނީއެވެ!
އެހިސާބުން އަވަސް އަވަހަށް ފެންވަރަނީއެވެ. އެއަށްފަހު ޢަޞްރު ނަމާދުކުރަނީއެވެ. ޤަބޫލުކުރަމެވެ. އެއިރު ވަގުތު ވަދެ އިރުކޮޅެއް އޮންނަނީ ފާއިތުވެފައެވެ. އެހެން ނަމަވެސް އެގޮތަށް ކަންތައް ކުރަނީ ފެންވަރައިގެން ޢަޞްރު ނަމާދުކުރަން ބޭނުންވާތީ އާއި ޢަބްރު ނަމާދުން ފެށިގެން މަޣްރިބް ނަމާދާއި ދެމެދު އަޅުކަމުގައި ހުންނަން ބޭނުންވާތީއެވެ!
އެ ވަގުތު ވެސް ދަރިންގެ ކަންކަމާއި އެހެންވެސް ކުދިކުދި ކަންކަން ކުރަމެވެ. ނަމަވެސް އަޅުކަން ކުރުން މެދު ނުކެނޑޭ ގޮތަށެވެ. ޛިކުރުކުރުން ހުއްޓައެއް ނުލަމެވެ. އިށީނދެ ހަމަޖެހިލެވުމުން ކިޔަވަނީ ޤުރްއާނެވެ.
މަޣްރިބާއި ޢިޝާ ނިންމައި ބަދިގެ ތެރެ ތާހިރުކޮށް، ހާރަށް ކޮންމެވެސް އެއްޗެއް ކައްކާލައި ނިމޭއިރު ހުންނަނީ 9.30 ވެފައެވެ. ގައިދޮވެލައި ވުޟޫކޮށްލައިގެން އަވަހަށް އޮށޯވެ ނިދަނީއެވެ. ދެން ކުރިން ބުނިފަދައިން ފަތިހު 3.30 ގައި ހޭލަނީއެވެ.
މިވާހަކަތައް މިކިޔައިދިނީ ކޮންމެހެން އަޅުގަނޑަށް އުޅެވޭ ގޮތް މާމޮޅު ގޮތެއްކަމަށް ބުނާކަށް ނޫނެވެ. ކުރާ ހެޔޮ ޢަމަލު އިޝްތިހާރުކުރާކަށްވެސް ނޫނެވެ. އެއަސްވުރެ މާބޮޑު މުޞީބާތެއް ކުރިމަތިވެގެން އުޅޭ ކަމަށް ދައްކައިގެން ބައަކު އުޅޭތީއެވެ. ބައެއް ޑޮކްޓަރުންނާއި ބައެއް މިނިސްޓްރީތަކުންނާއި ބައެއް ޖަމިއްޔާތަކުން ދައްކާވާހާކަ އަޑު އިވުމުން ހީވަނީ އައިސްގެން މިއުޅޭ ކޮރޯނާގެ ނުރައްކަލަށްވުރެ ގޭގައި ތިބެން ޖެހުމުން ކުރިމަތިވާ ނަފްސާނީ ބަލީގެ ނުރައްކާ މާބޮޑުހެން ކަމަށްވާތީއެވެ.
އެ ދައްކާ އެއްވެސް ވާހަކައެއް ހަމަގައިމުވެސް އަޅުގަނޑު ޤަބޫލެއް ނުކުރާނަމެވެ. ދުނިޔެއަށް އިންސާނާ ފޮނުއްވެވުނު ވަގުތުން ފެށިގެން ދިރިއުޅެމުން މިދަނީ މައްސަލަތަކުގެ ތެރޭގައެވެ. ކުޑައިރު މައްސަލަތައް ނުއެނގެނީއެވެ. ވިސްނޭވަރުވުމުން އެނގެނީއެވެ.
ކޮންމެއަކަސް އުފަންވީންސުރެ މަރުވުމާއި ހަމައަށް ދިރިއުޅެން ޖެހިފައިވަނީ ބޮޑެތި މައްސަލަތަކާއި ކުދި މައްސަލަތަކުގެ ތެރޭގައެވެ. ކޮންމެ ދުވަހަކު އެތައް ބައިވަރު މައްސަލަތަކާއި ކުރިމަތިލާންޖެހޭއިރު ކޮންމެ މައްސަލައެއް ކުރިމަތިވުމުން ނަފްސާނީ ވާން ވެއްޖެ ނަމަ ރަނގަޅުވާނީ އެމީހަކު އަމިއްލައަށް ކުރިއާލައި ކޮންމެވެސް މަރުކަޒަކުން ޖާގައެއް ހޯދައިގެން އެތަނަށް ގޮސްހުރުން ކަމަށް ފެނެއެވެ.
- މޫނި/ މިއަދުނޫޙުގެ ކިޔުންތެރިއެއް