ހާރުކާ މީހުންނަށް ﷲ ގެ ރަޙްމަތާ މަލާއިކަތުންގެ ދުޢާ ލިބޭކަމާ ކޮންމެހެން އެނގެން ޖެހޭ ބައެއް ކަންކަން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ހާރުކާ މީހުންނަށް ﷲ ގެ ރަޙްމަތާ މަލާއިކަތުންގެ ދުޢާ ލިބޭކަމާ ކޮންމެހެން އެނގެން ޖެހޭ ބައެއް ކަންކަން!: ޑރ. އިޔާޟް

ހާރު ކެއުމަށް ޢަރަބިބަހުން ކިޔާ ނަމަކީ އައްސަހޫރު އެވެ. މިނަން ދެވިފައިވަނީ "އައްސަހަރު" މިނަމުންނެވެ. އެއީ ރޭގފަނޑޫގެ ފަހު ވަގުތުކޮޅަށް ކިޔާ ނަމެވެ. ހާރުކެއުމަށް އައްސަހޫރުގެ ނަން ދެވިފައިވަނީ ހާރުކެއުމަށް އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑުގެ އެންމެ ފަހު ވަގުތުކޮޅު ކަމުގައިވާތީއެވެ.  

ހާރު ކެއުމަށް ބާރުއަޅުއްވަވައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައިމީހުން ހާރުކާށެވެ! ހަމަކަށަވަރުން ހާރު ކެއުމުގައި ބަރަކާތެއްވެއެވެ." 

ކުރީގެ އުންމަތްތަކުގެ މީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރެއްވެވިއެވެ. އެހެންކަމުން ތަފާތު ބަޔާންކުރައްވައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިމަންމެންނާއި އަހުލުކިތާބީންނާއި ދެމެދުގައި ރޯދަހިފުމުގައި ހުރި ތަފާތަކީ ހާރު ކެއުމެވެ." 

ދެން އޮތް ސުވާލަކީ ހާރުކާން އެންމެ ރަނގަޅު އެއްޗަކީ ކޮބައިތޯއެވެ. ރަސޫލް (ޞޢވ) އިރުޝާދު ދެއްވަވާފައިވަނީ ކަދުރުން ހާރު ކެއުމަށެވެ. ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "މުއުމިނަކު ހާރުގެ ގޮތުގައި ކާނެ އެންމެ ރަނގަޅު އެއްޗަކީ ކަދުރެވެ! 

ހާރުކެއުމަށް އަދިވެސް އިތުރަށް ބާރު އަޅުއްވަވައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ހާރުކެއުން އެއީ ބަރަކާތެކެވެ. (އެއީ ބަރަކާތްތެރިވެގެންވާ ކަމެކެވެ.) ނަމަ ނަމަ ހާރުކެއުން ދޫކޮށް ނުލައްޗެވެ. ހާރުގެ ގޮތުގައި ފެންފޮދެއް ބޯލުން ނަމަވެސް ހާރުގެ ގޮތުގައި އެކަން ކުރާށެވެ! ﷲ ތައާލާ ހާރުކާ މީހުންނަށް ހެޔޮ ރަޙްމަތް ލައްވަވައެވެ. އަދި މަލާއިކަތް ބޭކަލުން ހާރުކާ މީހުންނަށްޓަކައި ހެޔޮ ރަޙްމަތް ލެއްވެވުންއެދި ﷲ ތަލާގެ ޙަޟްރަތުގައި ދުޢާ ކުރައްވަވަމުން ގެންދަވައެވެ." 

މަޝްހޫރު ތަބިޢީ ބޭކަލެއް ކަމަށްވާ ޤަތާދާގެ ކިބައިން ރިވާވެގެންވެއެވެ. އަނަސް ބިން މާލިކް ރިވާކުރެއްވެވި ޙަދީޘްފުޅެއްގައިވެއެވެ. "ހަމަކަށަވަރުން ރަސޫލް (ޞޢވ) އާއި ޒައިދް ބިން ޘާބިތް އާއި ދެބޭކަލުން އެއް ދުވަހެއްގައި (ރެއެއްގައި) ހާރުކޭން ބެއްލެވިއެވެ. ދެބޭކަލުން ހާރު ފަރިއްކުޅުއްވަވައި ނިމިވަޑައިގެން ރަސޫލް (ޞޢވ) ނަމާދަށް ތެދުވެވަޑައިގެން ނަމާދުކުރެއްވެވިއެވެ. ދެން ނަމާދުކުރެއްވެވިއެވެ." 

ޤަތާދާ ވިދާޅުވަނީ ތިމަންމެން އަނަސް ބިން މާލިކަށް ދެންނެވީމެވެ. "ދެބޭކަލުން ހާރުފަރިއްކުޅުއްވައި ނިމިވަޑައިގެން ނަމާދަށް އެރުމާއި ދޭތެރޭ ހުންނާނީ ކިހައި އިރެއް ހެއްޔެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "ހުންނާނީ އާދައިގެ ވަރަކަށް ކިޔަވާ މީހަކު 50 އާޔަތް ކިޔަވާނެހައި ވަގުތުކޮޅެކެވެ. 

ހާރުކެއުން ވީހައިވެސް ލަސްކުރާށެވެ! ރަސޫލް (ޞޢވ) އަޅުގަނޑުމެންނަށް ދަސްކޮށް ދެއްވަވާފައިވާ ނަމޫނާއަކީވެސް އެއީއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން