ބައްޕަ ސާބިތުނުވާ ދަރިންގެ ފަހަތުގައި ނަމާދު ޞައްހަވާނެތޯ ބައެއް މީހުން ސުވާލުކުރެއެވެ.
ޖަވާބަކީ އެފަދަ ކުދިންގެ ފަހަތުގައި ނަމާދުވެސް ޞައްހަވާނެއެވެ. މުސްލިމުންނަށް ކުރުން ހުއްދަ ކޮންމެ ކަމެއް އެފަދަ ކުއްޖަކާ ތަބަޢަވެގެން ކުރެވޭނެއެވެ. ސަބަބަކީ އެ ކުއްޖާގެ އެއްވެސް ކުށެއްނެތް ކަމެވެ. މަޢްޞޫމް ކުއްޖެއް ކަމެވެ.
އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަންވެފައި މިތިބެނީ ފިރިހެނަކާއި އަންހެނެއްގެ ސަބަބުންނެވެ. އަންހެނަކަށް އެކަނި ނިޞްބަތްވާ އެންމެ ކުއްޖަކު ވެސް ދުނިޔެއަކު ނުހުންނާނެއެވެ.
ﷲ ތަޢާލާގެ އިރާދަފުޅަށް ނުވަތަ އަމުރުފުޅަށް ފިރިހެނަކާއި ނުލައި ޢީސާގެފާނު އުފަންވެވަޑައިގެންނެވި ގޮތަށް އުފަންވެފައި ހުރި އެންމެ ކުއްޖަކުވެސް މިއަދު މިދުނިޔެއަކު ނުހުންނާނެއެވެ. ކޮންމެ ކުއްޖަކީވެސް ހަމަ ފިރިހެނަކާއި އަންހެނެއްގެ ސަބަބުން އުފަންވެފައިވާ ކުދިންނެވެ.
އެކަމުގައި ފިރިހެން މީހާ ނުވަތަ އަންހެން މީހާ އާއި ފިރިހެން މީހާ އާއި ދެމީހުން އެކުގައި ﷲ ތައާލާއަށް އުރެދި ޚިޔާނާތްތެރިވުމުން ލިބުނު ދަރިފުޅުގެ އޮންނާނީ ކޮން ކުށެއްތޯއެވެ؟
ފިރިހެން މީހާ ޚިޔާނާތްތެރިވުން ކަމަށް މިބުނަނީ ގަދަކަމުން އަންހެނެއްގެ އިއްފަތް ނަގައިލުމުން ދަރިއަކު ލިބުމަށެވެ. އަނހެން މީހާ އާއި ފިރިމީހާ އާއި ދެމީހުން ވެސް ޚިޔާނާތްތެރިވުން ކަމަސް މިބުނަނީ ލޯބިވެގެން އުޅުމުގައި ކައިވެނީގެ ބޭރުން ދަރިން ހޯދުމަށާއި ހަށިވިއްކައިގެން ކުދިން ހޯދުމަށެވެ. މިއިން އެއްވެސް ޙާލަތެއްގައި ލިބޭ ދަރިންގެ އެއްވެސް ކުށެއް ނެތެވެ.
ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ އެމީހަކު ޒިންމާ އުފުލަންޖެހޭނީ އެމީހަކު ކުރި ކުށަކަށް ކަމަށެވެ. އެހެން މީހަކު ކުރި ކުށެއްގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި އިންސާނާގެ ދަރަޖަ މަތިވެރިވެ އުފުލިގެންދަނީ އެމިހާގެ ތަޤްވާވެރިކަމުން ކަމަށެވެ. އެހެންކަމަށްވާއިރު މިދެންނެވި ފަދަ ބައްޕަ ސާބިތު ނުވާ ކުދިންގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ކުޑަވާންވީ އެއްވެސް ސަބަބެއް ނެތެވެ.
އިމާމްވެ ނަމާދުކުރަންވީ އެކަމަށް ޝަރުޠު ހަމަވާ މީހުންނެވެ. ހަމާދުގެ ޙުކުމްތައް އެނގި އަދި ކީރިތި ޤުރްޢާން ރިވެތި ގޮތުގައި ކިޔަވަން ދަންނަ މީހުންނެވެ. ނަމާދުގެ ޙުކުމްތައް ދަންނަ ޙާފީޡަކަށް ވެވުމަކީ އެންމެ ފުރިހަމަ ގޮތެވެ. އެ ޝަރުޠުތައް ހަމަވުމުން އޭނާގެ ބައްޕަގެ ނަން އުފަންދުވަހުގެ ސެޓުފިކެޓުގައި އިނދޭތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހޭނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން