ފާފަކުރެވުނީތީ މާޔޫސްނުވާށެވެ! ފާފަކުރެވުނުކަން އެއީ ލެއްވެވި ރަޙްމަތަކަށްވެ އުފާކުރާ މީހުން ތެރޭގައި ހިމެނޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ފާފަކުރެވުނީތީ މާޔޫސްނުވާށެވެ! ފާފަކުރެވުނުކަން އެއީ ލެއްވެވި ރަޙްމަތަކަށްވެ އުފާކުރާ މީހުން ތެރޭގައި ހިމެނޭށެވެ!

ފާފައެއް ކުރެވުމުން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެހިސާބުން އެމީހަކު އެވަނީ ރަހްމަތުން ބޭރުވެފައި ކަމަށެވެ. ނޫނެކެވެ. އެއީ ހަމައެއްގޮތަކަށްވެސް އެގޮތަށް މެދުވެރިވާ ކަމެއް ނޫނެވެ. ފާފައެއްއ ކުރެވުނުކަން އެއީ ލެއްވެވި ރަޙްމަތަކަށްވެސް ވެފައިއެބަހުއްޓެވެ. އެހެނީ ފާފައެއް ކުރެވުމަކީ ﷲ ތަޢާލާ ޢާއި އިތުރަށް ކުއްތަންވުމަށް ފަހިވާ ފުރުޞަތަކަށް ވެސް ވެފައި ހުރީ މަދަކުން ނޫނެވެ!

 މިހެން ބުނުމުން ވިސްނަންވީ ފާފަކޮށްގެން ﷲ ތަޢާލާ އާއި ކުއްތަން ވެވޭ ކަމަކަށް ނޫނެވެ. ޔަޤީން ކަމަކީ ފާފަ ކުރި ވަރަކަށް އެމީހަކާއި ﷲ ތައާލާ އާއި ދުރުހެލިވާނެ ކަމެވެ. ފާފައެއް ކުރެވުމާއި ފާފަ ކުރުމާއި އެއީ ހަމަ މުޅިން ދެ ކަމެކެވެ. 

މިބުނަނީ ކުރެވޭ ނުވަތަ ކުރެވިފައި އޮތް ފަފައިގެ ސަބަބުން އެ ކަންކަން ކުރެވުނީތީ ހިތުގައި ބިރުވެތިކަން އުފެދި ތައުބާވެ ﷲ ތަޢާލާ އާއި އޮންނަ ގުޅުން އެތައް ގުނައަކަށް އިތުރު ކޮށްފައިވާ އެތައް ބައަކު އެބަ ތިބި ކަމެވެ. ބައެއް މީހުންނަށް ފާފައެއް ކުރެވުމުން އެކަމާއިމެދު ދެރަވެ ހިތާމަ ކުރެއެވެ. އަދި އެ ފަދަ ހިތާމަ ތަކުގެ ސަބަބުން ތަޤްވާވެރިކަން ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެގެން ދެއެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާ އާއި އޮންނަ ގުޅުންތައް އެތައް ގުނައަކަށް އިތުރަށް ބަދަހިވެގެންދެއެވެ. 

މީސްތަކުންނެވެ! މާތްﷲ ގެ ހެޔޮ ރަޙްމަތް ފުޅުން މިއަދު އަހަރެމެން މިތިބީ މި ބަރަކާތްތެރި ރަމަޟާން މަހުގެ 2 ވަނަ ދިހައިގައެވެ. ﷲ ތަޢާލާ މީސްތަކުންނަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވެވިތާ ދުވަސްތަކެއް މިއަހަރުވެސް ފާއިތުވެގެން ދިއައީއެވެ. ބަލަން ނުތިބެ އަވަސްކުރަމާ ހިނގާށެވެ! އަވަސްވާންވީ ކޮން ކަމެއް ކުރަން ކަމަށް ހެއްޔެވެ؟ ފިރުކެމުން ދުވަމުން ގޮސް ނަމަވެސް، އަދި ކޮރައި އުފުލިގެން ނަމަވެސް އެއިން ދޮރުކޮޅަކުން އެތެރެއަށް ދެމިގަނެވޭތޯއެވެ. 

އެކަން ކުރުމަށްޓަކައި ހަމަ އެންމެ މުހިންމު ކަމަކީ ގިނަގިނައިން ތައުބާވުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށް އާދޭސް ދެންނެވުމެވެ. މިއީ އެކަމަށް ހުޅުވިފައިވާ ރަނުގެ ފުރުޞަތެވެ. ރަމަޟާން މަހުގެ ދުވަސްތަކަކީ ﷲ ތަޢާލާ އެންމެ ގިނައިން، އެންމެ ގިނަ ބައަކަށް ފާފަ ފުއްސަވާ ދުވަސްތަކެވެ. ވީމާ ﷲ ތަޢާލާ އާއި ކުއްތަންވުމަށް މިއީ ލިބޭނެ އެންމެ އަގުހުރި ފުރުޞަތެވެ. 

މި އިބާރާތުން ވާހަކަ ދެއްކުމުން "އަބަދު ފާފަ ފުއްސެވުމާ ތައުބާވުމުގެ" ވާހަކަ ދައްކަނީ ކީއްކުރަން ތޯ ސުވާލު އެބަ ކުރެއެވެ. ޖަވާބަކީ މުޅި ރަމަޟާން މަސް ބާވައިލެއްވެވުނު މަޤްޞަދުގެ ތެރޭގައި ފާފަ ފުއްސެވުމާއި ތައުބާވުން ހިމެނޭ ކަމެވެ. އަދި އަހރެންގެ ވިސްނުމުގައި އެންމެ ބޮޑު މަޤްޞަދަކީވެސް އެއީ ކަމެވެ. ވީމާ ހަމަ ތަކުރާރުކޮށް ވެސް މި ހަނދާންކޮށް ދެނީ ކަމުގެ މުހިންމުކަން ބޮޑުކަމުނެނެވެ. އެދެކަންތައް ޙާޞިލު ނުވިނަމަ ރަމަޟާން މަހުން ކުރާނެ އެއްވެސް ފައިދާއެއް ނެތުމުންނެވެ! އެއިރުން ވެގެންދާނީ އެމީހަކަށް މިއަހަރުގެ ރަމަޟާން މަސް ނުއަންނަ ކަމަށެވެ. އެއީ އަދި މާދެރަ ނިކަމެތި ގޮތެކެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން