ގަސްތުގައި ރަމަޟާންމަހު ރޯދަ ނުހިފާ މީހުންނަށް އޮންނަ އަދަބަކީ ކޮބައިކަން އިނގޭތަ؟

ކިޔުމަށް ހޭދަވާނީ 1މ 30ސ
ގަސްތުގައި ރަމަޟާންމަހު ރޯދަ ނުހިފާ މީހުންނަށް އޮންނަ އަދަބަކީ ކޮބައިކަން އިނގޭތަ؟

ރަމަޟާންމަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ ފަސް ރުކުންތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. 

ރޯދަ ހިފުމުން ނުހަނު ގިނަ ދަރުމައާއި ސަވާލު ލިބިގެންވާއިރު، ގަސްތުގައި ރޯދަ ނުހިފާ ރޯދައެއް އަޅައިފިނަމަ ލިބޭނެ ގެއްލުމާއި ފާފަ ވެސް އެހާމެ ބޮޑެވެ. 

ރަމަޟާން މަހަކީ ގިނަ މުސްލިމުން ގިނަ ސަވާބު ހޯދުމުގައި އަވަސްވެގަންނަ މަހެކެވެ. 

އެގޮތުން ގިނަ މީހުން ހެޔޮ ޢަމަލު ކުރުން ގިނަކުރާއިރު، ހިތާމައަކީ މިމާތް މައްސަރުގެ ޘަވާބާއި ދަރުމަ ގަސްތުގައި ނުހޯދާ ވެސް ބަޔަކު ތިބޭކަމެވެ. އެފަދަ މީހުން އެއްވެސް އެދެވިގެންވާ އުޒުރެއް ނެތި، ގަސްތުގައި ރޯދަ ނުހިފައެވެ.

ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވާފައިވެއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ." 

ހަމަކަށަވަރުން މާތް ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް އެތައްކަމެއް ލުއިފަސޭހަ ކޮށްދެއްވާފައެވެ. އެގޮތުން އެދެވިގެންވާ ސަބަބުތަކާ ހެދި  ރޯދު ނުހިފޭ މީހުންނާއި ދަތުރުމަތީގައިވާ މީހުން، ރަމަޟާންމަހު ރޯދަ ހިފުމަށް އުޛުރުވެރިވެއެވެ. ނަމަވެސް އެބައިމީހުން ވެސް ފަހުން އެރޯދަ ޤަޟާ ކުރަން ޖެހެއެވެ. ނުވަތަ މިސްކީނުންނަށް ކާންދޭން ޖެހެއެވެ. 

އަލް-ކަބާއިރް ގައި އަލް-ޛަހާބީ ވިދާޅުވެފައިވަނީ:

"ރަމަޟާން މަހު ބައްޔެއް ކަމެއް ނުވެ، އެއްވެސް އެދެވިގެންވާ އުޛުރެއް ނެތި ގަސްތުގައި ރޯދަ ދޫކޮށްލާ މީހާގެ ނުބައިކަން، ޒިނޭ ކުރާ މީހާއާއި މަސްތުގެހާލަތައް ވެއްޓޭ މީހާގެ ނުބައިކަމަށްވުރެ ވެސް ބޮޑެވެ. ހަމަކަށަވަރުން އެފަދަ މީހުން އިސްލާމްދީނާއިމެދު ޝައްކުކޮށް، އިސްލާމްދީނަކީ އަމިއްލައަށް އުފައްދައިގެން އުޅޭ ދީނެއް ކަމުގައި ދެކުނީއެވެ."

މައުލޫމާތު: އިސްލާމިކް އިންފޮމޭޝަން

މިއަދު އޮންލައިން