ރޯދަހިފުން ވާޖިބު ބަލިމީހުންނާ ރޯދަ ހިފުމުން ފާފަވެރިވާނެ ބަލިމީހުން ދެނެގަންނާށެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ރޯދަހިފުން ވާޖިބު ބަލިމީހުންނާ ރޯދަ ހިފުމުން ފާފަވެރިވާނެ ބަލިމީހުން ދެނެގަންނާށެވެ!: ޑރ. އިޔާޟް

ފަސޭހަވާނެކަމުގެ އުންމީދު އޮތް ބަލިމީހުން 3 ބައަކަށް ބެހިގެންދެއެވެ. 

ފުރަތަމަބައަކީ ރޯދަހިފުމަކީ އުނދަގޫކަމަށް ނުވާ އަދި ރޯދަ ހިފުމުން އެމީހުންނަށް ގެއްލުން ނުލިބޭނެ މީހުންނެވެ. އެފަދަ މީހުންނަށް ރޯދަހިފަން ޖެހޭނެ އެވެ. އެއީ އެފަދަ މީހުންނަށް ރޯދަ ހިފުމުން ގެއްލުމެއް ނުލިބިފައި އެމީހުންގެ ބަލި ފަސޭހަވުމަށް ރޯދަހިފުން ހުރަހަކަށް ނުވާނެތީއެވެ. 

ދެވަނަ ބައިގައި ހިމެނެނީ ރޯދަ ހިފުމުން ގެއްލުމެއް ނުވާ ނަމަވެސް ރޯދަހިފުން ބުރައަކަށްވެފައިވާ މީހުންނެވެ. އެފަދަ މީހުން ރޯދަ ދޫކޮށްލައި އެހެން ދުވަސްތަކެއްގައި ރޯދަހިފާނީއެވެ. ﷲ ވަހީކުރައްވަވާފައިވަނީ "...އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. " 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައި މީހުންނަށް ދެއްވަވާ ލުއިފަސޭހަތަކުގައި ހިފުމަށް ﷲ ލޯބިވެވޮޑިގަންނަވަތެވެ! ﷲ ތައާލާއަށް އުރެދުމެއްވާ ކަންކަން ކުރަން އެކަލާނގެ ރުހިވޮޑިގެން ނުވާފަދައިން ތިއަބައި މީހުންނަށް ﷲ ތަޢާލާ ދެއްވެވި ފުރުޞަތުތަކުގައި ހިފާތަން ދެކެވޮޑިގަތުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަތެވެ! 

ތިންވަނަ ބައިގެ މީހުންނަކީ ރޯދަ ހިފުމުން އެމީހަކަށް ގެއްލުންވާނެ ކަމަށް ފެންނަ މީހުންނެވެ. އެއީ ބަލިމީހެއް އަދި ރޯދަ ހިފުމުން ބަލި ފަސޭހަވުމަށްވެސް ހުރަސްއެޅިގެންދާނެ މީހުންނެވެ. އެފަދަ މީހުން ރޯދަ ހިފައިގެން ނުވާނެއެވެ. ރޯދަ ދޫކޮށްލުން އެމީހުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެފަދަ މީހަކު ރޯދަ ހިފައިނަމަ އެމީހަކު ފާފަވެރިވެސް ވާނެއެވެ. 

"..އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސް ތައް ތިޔަބައިމީހުން ޤަތުލް ނުކުރާށެވެ!.." (އައްނިސާ: 29) އަދި "..އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ މަފްސް ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!.." (އަލްބަޤަރާ: 195) 

ވީމާ އިތުބާރުހުރި ޑޮކްޓަރުން އެމީހަކު ރޯދަ ހިފުމުން ފުރާނައަށް ގެއްލުންވާނެކަމަށް ބުނަމުން ދަނިކޮށް ބަސް ޤަބޫލުނުކޮށް ރޯދަ ހިފުމުން އެމީހަކު ފާވެރިވާނެއެވެ. ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުގައި ވަނީ ތިބާގެ އަމިއްލަ ނަފްސަށްވެސް ތިބާގެ މައްޗަށް ޙައްޤުތަކެއްވާ ކަމަށެވެ. މާނައަކީ ނަފްސަސް ގެއްލުންވާނެ ކަންތައްތަކަށް ތިބާ ރައްކައުތެރިވާށެވެ! އަދިވެސް ޙަދީޘްފުޅުގައިވެއެވެ. "ގެއްލުން ދިނުމެއްވެސް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."  

ވީމާ ﷲ ތައާލާ ލޯބިވެވޮޑިގަންނަވާ ގޮތަށް ރޯދަ ހިފުމަށް އެންމެ ބޭފުޅުންނަށާއި އަމިއްލަ ނަފްސަށް ވަޞިއްޔަތް ކުރަމެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން