"ތިބާގެ ހިތަކީ ﷲ ތައާލާ އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކާއިމެދު ހަސަދަވެރިވެ ދަހިވެތިވާ، އަދި މީސްތަކުންނަށް ހަސަދަލައިގެން އުޅޭ އަދި ބޮޑާ، ތަކައްބުރު، ކިބުރުވެރި، އަދި މީސްތަކުންނަށް ނަފްރަތުކުރާ އަދި ކޮރަޕްޓް، (ނަޒާހަތްތެރިކަމެއް ނެތް) ހިތަކަށް ވެއްޖެ ނަމަ ތިބާ ކިތަންމެ ބޮޑު ހެޔޮ ޢަމަލުތަކެއް ކިތަންމެ ގިނައިން ކުރި ނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ!"
މިބަޔާންކުރީ އިމާމް މުފްތީ މެންކް ވިދާޅުވެފައިވާ ވަރަށް މުހިންމު ބަސްފުޅެކެވެ.
މިބަސްފުޅުން އެނގިގެންދަނީ ހެޔޮ އަމަލުތައް ކުރަމުން ގެންދާއިރު މިބަސްފޫލުގައި ބަޔާންކުރައްވަވާފައިވާ ފަދަ ނުބައި ކަންކަމުން ހިތް ސާފުކޮށް ޠޯހިރުކުރަން ޖެހޭނެކަމެވެ. ޚާއްޞަކޮށް ރަމަޟާން މަހު ރޯދަ ހިފުން ފަދަ މަތިވެރިއަޅުކަންތައް ކުރަމުން ގެންދާއިރު އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެއކަމެވެ!
ރަމަޟާންމަހު ތިބާ ރޯދަ ހިފަނީ ކީރިތި ޤުރްއާން ކިޔަވަނީއެވެ. ނަމާދުތައްކޮށް ރޭ އަޅުކަންވެސް ކުރަނީއެވެ. އަވަދިނެތި އަޅުކަންކުރަނީއެވެ. ޞަދަޤާތްވެސް ދެނީއެވެ. ނަމަވެސް ތިބާގެ ހިތަކީ ފަށަމުން ބަޔާންކުރި ކަންކަމުން ޠޯހިރު ނުކުރެވި އޮތް ހިތަކަށް ވެއްޖެ ނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރާ ފުރަތަމަ ކަމެއްގެ ގޮތުން ހިތް ޠޯހިރުކުރަން ބުނެ ނަބޭޙަތްދެނީ މި ސަބަބަށްޓަކައެވެ. ވީމާ ރަމަމާން މަހުގެ ސަވާބާއި ދަރުމަ ހޯދަން ގަދައަޅައި މަސައްކަތް ކުރަމުން ގެންދާއިރު އެކުރާ މަސައްކަތްތަކުގެ ފައިދާ ލިބިގަތުމަށްޓަކައި ވެސް ހިތް ޠޯހިރުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން