ކީރިތި ޤުރައާނުގައި ޝަރަފުވެރި ފަސް ބޭކަނބަލެއްގެ ނަންފުޅު އައިސްފައިވެއެވެ. އެބޭކަނބަލުންނަކީ ފަސް މައިން ވެސް މެއެވެ.
° ހައްވާ (އަލައިހިއްސަލާމް)
މާތް ﷲ ހައްވާ (އަލައިހިއްސަލާމް) އުފެއްދެވީ އާދަމް (އަލައިހިއްސަލާމް) ގެ ހަށިކޮޅުންނެވެ. އަދި އެއީ އެކަލޭގެފަަނުގެ އަނބިކަނބަލުން ވެސް މެއެވެ. ހައްވާ (އސ) އަކީ މާތް ﷲ އުފެއްދެވި ފުރަތަމަ އަންހެން ކަމަނާ ކަމަށްވާތީ، އެކަމަނާއަކިީ ހުރިހާ އިންސާނުންގެ މައިކަމަނާ ވެސް މެއެވެ.
އެކަމަނާގެ ފަރާތްޕުޅުން މުސްލިމުންނަށް ލިބިނެވި އެންމެ މުހިންމު އެއް އިބްރަތަކީ ކުރެވޭ ކޮންމެ ކުށެއް ނުވަތަ ފާފައަކަށް ވެސް ޠަޢުބާވެ އެކަލާނގެ ޙަޟްރަތައް ދުޢާ ދެންނެވުމުގެ މުހިންމުކަމެވެ. ތަޤްވާވެރިއަކާއި ތަޤްވާވެރި ނޫން މީހެއްގެ ހުރި ތަފާތަކީ، ތަޤްވާވެރިއަކު އަބަދުވެސް މާތް ﷲ ގެ ރަޙުމާއި ފާފަފުއްސެވުން ލިބުމަށް އެދި ދުޢާ ދަންނަވާނެ ކަމެވެ.
° އުމް އެ މޫސާ
އުމް އެ މޫސާ (މޫސާގެފާނުގެ މައިކަމަނާ) އަށް އެކަލޭގެފާނު ލިބިވަޑައިގެންނެވީ، އެއިރު ދުނިޔެއަށް އުފަންވާ ހުރިހާ ފިރިހެން ބޭފުޅުންނެއް ގަތުލުކުރުމަށް ފިއުޢައުނު އަމުރުކޮށްފަ ވަނިކޮށެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅާއި އެއްގޮތަށް އެކަމަނާ އެކަމަނާގެ މައިވަންތަކަން ޤުރްބާންކޮށް އެކަލާނގެ އަމުރުފުޅާއި އެއްގޮތަށް ޢަމަލު ކުރެއްވިއެވެ. އެކަމަނާއަށް އެކަލޭގެފާނު އަނބުރާ ދެއްވާނެ ކަމަށާއި ރަސޫލަކު ކަމުގައި ލައްވާނެ ކަމަށް މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅު، މޫސާ އަލައިޙިއްސަލާމްގެ މައިކަމަނާ ޤަބޫލުފުޅު ކުރެއްވިއެވެ.
އުމް އެ މޫސާ ހިމެނިވަޑައިގެން ވަނީ އެންމެ ޝަރަފުވެރި އަދި އިއްޒަތްތެރި ބޭކަނބަލުންގެ ތެރޭގައެވެ. އެކަމަނާގެ ފަރާތްފުޅުން ލިބިވަޑައިގަންނަވާ އިބުރަތަކީ އީމާންތެރިކަމުގެ ވަރުގަދަ ކަމެވެ.
° އާސިޔާ (ފިރްއައުނުގެ އަނބިކަނބަލުން)
އާސިޔާ އަލައިހިއްސަލާމް އަކީ ފިރްއައުނުގެ އަނބިލަނބަލުންނެވެ. ނަމަވެސް އެކަމަނާ ފަހުން ވަނީ މޫސާގެފާނު ލިބިވަޑައިގަތް ފަހުން ސިއްރިއްޔާތުގައި އިސްލާމްދީން ޤަބޫލުފުޅު ކުރައްވާފައެވެ. އާސިޔާ އަލައިޙިއްސަލާމް އަށް އެކަލޭގެފާނު ލިބިވަޑައިގެންނެވީ ކޯރުންނެވެ. އަދި އަމިއްލަ ދަރިކަލެއް ފަދައިން އެކަލޭގެފާނު ބަލާބޮޑު ކުރެއްވުމަށް އެކަމަނާ ފިރްޢައުނު އަރިހު ދަންނަވާ އެކަމަނާގެ ހިމާޔަތުގެ ދަށުގައި އެކަލޭގެފާނު ގެންގުޅުއްވާ ބޮޑު ކުރެއްވިއެވެ.
އާސިޔާ އަލައިޙިއްސަލާމް ގެ ހަޔާތްޕުޅުން ލިބިގެންވާ އިބުރަތަކީ ކެތްތެރިކަމާއި ހިތްވަރުގަދަ ކަމެވެ. އަދި އީމާންތެރިކަން ވަރުގަދަ ކަމެވެ.
° މޫސާ އަލައިޙިއްސަލާމްގެ އަނބިކަނބަލުން
މޫސާ އަލައިޙިއްސަލާމްގެ އަނބިކަނބަލުންނަކީ ވިސްނުންފުޅު ތޫނު ބޭކަނބަލެކެވެ. އެކަމަނާ މޫސާ އަލައިޙިއްސަލާމް އާއި ކައިވެނި ބައްލަވާ ގަތުމަށް އެކަމަނާގެ ބައްޕާފުޅު އަރިހު ދެންނެވީ އެކަލޭގެފާނު ވަންނާނެ ބޯހިޔާވަހި ކަމެއް ވެސް ނެތިފައި ވަނިކޮށެވެ. އެމަނާ އެކަލޭގެފާނާއި ކައިވެނި ބައްލަވައިގަތީ އެކަމަނާއަށް ދެއްވި އިއްޒަތުގެ ސަބަބުންނާއި އެކަލޭގެފާނަކީ މާތް ބޭކަލަކަށްވުމުގެ ސަބަބުންނެވެ.
އެކަމަނާގެ ފަރާތްޕުޅުން ލިބިލައްވާ އިބުރަތަކީ ފިރިހެނެއްގެ ފަރާތުން އަންހެނަކު ހޯދަންވާ އެންމެ މުހިންމު ކަމަކީ ރިވެތި އުޅުމާއި އީމާންތެރިކަން ކަމެވެ. އެފިރިހެނަކަށް ލިބިގެންވާ ފައިސާއެއް ނޫނެވެ.
° މަރިޔަމް (އަލައިހިއްސަލާމް)
މަރިޔަމް އަލައިޙިއްސަލާމް އަކީ އީސާ އަލައިހިއްސަލާމްގެ މައިކަމަނާއެވެ. ކީރިތި ޤުރްއާނުގައި އެކަނބަލެއްގެ ނަމުން މުޚާތަބު ކިރެވިފައިވާ ހަމައެކަނި ފަރާތަކީ ވެސް އެކަމަނާއެވެ. މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއެކު އެކަމަނާއަށް އީސާގެފާނު ލިބިވަޑައިގެންނެވީ އެއްވެސް ފިރިހެނަކާއި ނުލައެވެ. އަދި އެކަމަނާއަކީ ނުހަނު އިއްޒަތް ލިބިވަޑައިގެންނެވި ބޭކަނބަލެކެވެ.
މަރިޔަމްގެފާނު ގެ ހަޔާތްޕުޅުން ލިބިވަޑައިގަންނަވާ އިބުރަތަކީ އެކަމަނާގެ ހިތްވަރުގަދަކަމެވެ. އެކަމަނާއަށް ޢީސާ އަލައިހިއްސަލާމް ލިބިވަޑައިގެންނެވީ ގިނިކަންޏާ ހުންނަވަނިކޮށެވެ. މީހުންގެ ފަރާތުން ލިބިވަޑައިގެންނެވި ތުހުމަތުތަކާއި އެކަމަނާ ހިތްވަރާއިއެކު ކުރިމަތިލެއްވީ މާތް ﷲ އަށް ފުރިހަމަ އީމާންތެރިކަމާއެކު ގައެވެ.